ރާސްބެރީ ޕައި ފައުންޑޭޝަނުން ކޮމްޕިޔުޓަރެއް ނެރެފި އެވެ. ބަލާބެލުމަށް ސިފަވަނީ ކީބޯޑެކެވެ. ކީބޯޑް ނޫން އެއްޗެއް، ފުރަތަމަ ނަޒަރުން ފާހަގަ ވެސް ނުކުރެވެ އެވެ. އެކަމަކު، ކީބޯޑް އަނެއް ފުށަށްޖަހައި، ކޮޅުކޮޅަށް އަނބުރާލުމުން – މިއީ އަނެއްކާ ކީބޯޑެއް ބާއޭ ހިތަށް އަރަ އެވެ.
ކޮމްޕިޔުޓަރެއް ފުރިހަމަކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް، ހާޑްވެއާއެއް – އެ ހުރީ ކީބޯޑް ތެރޭގަ އެވެ. ކީބޯޑްގެ ގަޔާ ދުރު އަރިމަތިން އެ ފެންނަނީ އޭގެ އަލާމާތްތަކެވެ. އެއީ ޑެސްކްޓޮޕް ކޮމްޕިޔުޓަރާއި ލެޕްޓޮޕްގެ އަރިމަތީގައި ހުންނަ ކަހަލަ ޕޯޓްތަކެކެވެ.
ރާސްބެރީ ޕައި ފައުންޑޭޝަނަކީ، ރާސްބެރީ ޕައިގެ ނަމުގައި – ކުދި ކޮމްޕިޔުޓަރު އުފައްދާ ބައެކެވެ. އެ މީހުންނަށް މިއީ ވަރަށް ފަރިތަ މަސައްކަތެކެވެ. އެހެންކަމުން، ކޮމްޕިޔުޓަރެއް ކުޑަކޮށްލުމަކީ އެ މީހުންނަށް ބޮޑު ކަމެއް ނޫނެވެ.
ކީބޯޑްގެ އަރިމަތިން ފެންނަ ޕޯޓްތައް، އާންމު ނަމުން ކިޔައި ދޭނަމެވެ. އެންމެ ފުރަތަމަ "މައިކްރޮ އެޗްޑީއެމްއައި" ޕޯޓެކެވެ. ބޭނުމަކީ ޑިސްޕްލޭ އަށް ވީޑިއޯ ސިގްނަލް ފޮނުވުމެވެ. "އީތަނެޓް" ނުވަތަ ނެޓްވޯކް ޕޯޓް – ބޭނުމަކީ، ނެޓްވޯކާ ގުޅުމެވެ. ދެން ހުރި ޕޯޓްތަކަށް ބަލާއިރު، ޔޫއެސްބީ 3.0، ޔޫއެސްބީ 2.0، ޔޫއެސްބީ ސީ" ހިމެނެ އެވެ. މައިކްރޮއެސްޑީ ކާޑް ސްލޮޓެއް ހުރިކަން ވެސް ފާހަގަކުރަމެވެ.