Support Us

އިންޑިއާގައި އޮންލައިންކޮށް މުސްލިމް އަންހެނުން ނީލަންކިޔާ އެޕެއް ހެދި ފިރިހެނަކާއި އަންހެނެއް ކޯޓަށް ގެންދިއުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށުގައި 2022 ގެ ޖެނުއަރީ 7 ގައި ގެންދަނީ

އޭ.އައިން ފޭކު ޖިންސީ ފޮޓޯ އާއި ވީޑިއޯ ހަދައިގެން އިންޑިއާގެ މުސްލިމް އަންހެނުންނަށް ޖެއްސުންކުރަނީ

މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން އިންޑިއާގެ މުސްލިމް އަންހެނުންގެ ބަރަހަނާ މަންޒަރު ހަދައިގެން އެ މީހުންނަށް ޖެއްސުންކުރަން ފަށައިފިކަމަށް ދިރާސާވެރިން ބުނެފިއެވެ.

ދިރާސާވެރިން ބުނީ މި ކަމުގެ ސަބަބުން އިންޑިއާގެ މުސްލިމް އަންހެނުންގެ ސަލާމަތްތެރިކަން ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އާއްމުންގެ ސަމާލުކަން ނުލިބޭ މުސްލިމް އަންހެނުންގެ އިތުރުން މުސްލިމް ނޫސްވެރިންނާއި އެކްޓިވިސްޓުން ވެސް ހިމެނެއެވެ.

އެމެރިކާގައި ހުންނަ، ރާވައިގެން މީހުންނާ ދެކޮޅަށް ނަފުރަތު އުފައްދާ މައްސަލަތައް ދިރާސާކުރާ ސެންޓަރު ފޮ ދަ ސްޓަޑީ އޮފް އޯގަނައިޒްޑް ހޭޓް (ސީ.އެސް.އޯ.އެޗް)އިން ބުނީ ސޯޝަލް މީޑިއާ މަންސަތަކުގައި މި ފަދަ ފޭކު ފޮޓޯތަކާއި ވީޑިއޯތަކަށް އެތައް މިލިއަން ބައެއްގެ ސަމާލުކަން ލިބިފައިވާ ކަމަށެވެ.

މި ކަމުގެ ޝިކާރައަކަށްވި ކަޝްމީރުގެ އިންޑިއާ ފަޅީގައި ދިރިއުޅޭ ފްރީލާންސްކޮށް މޮޑެލްކުރާ ސަމްރީން އައްޔޫބު ބުނީ އޭ.އައިން ވީޑިއޯއެއް ހަދައިގެން އޭނާއަކީ ހިންދޫ ފިރިހެނުންނަށް ހަށިވިއްކާ އަންހެނެއްކަމަށް މައުލޫމާތު ފަތުރަމުންދިޔަކަމަށާއި އޭނާ ހަށިވިއްކަން އެހީވެދިނީ އޭނާގެ ބޭބެކަމަށް ވެސް އޭ.އައި ވީޑިއޯގައި ނެރޭޓްކޮށްފައިވާކަމަށެވެ.

"އެ ވީޑިއޯ ވަރަށް އަސްލު އެއްޗަކާ ވައްތަރު. އަހަރެންގެ މައިންބަފައިންނަށް އެ ވީޑިއޯ ފެނުނަސް އެ މީހުންނަށް ހީވާނެ އެއީ އަހަރެންގެ އަސްލު ވީޑިއޯއެކޭ،" ސަމްރީން ބުންޏެވެ.

އޭނާ ބުނީ ވީޑިއޯ އެތައް ބަޔަކު ހިއްސާކުރިކަމަށާއި ނަފުރަތުގެ ކޮމެންޓްތައްކޮށްފައިވާކަމަށާއި ބިރުދެއްކުމުގެ ކޯލްތައް ވެސް އޭނާއަށް ލިބުނުކަމަށެވެ.

ދިރާސާވެރިން ބުނީ ފާހަގަކުރެވުނު އާއްމު ކަމަކީ ގިނަ ފަހަރަށް އޭ.އައި މަންޒަރުތަކުގައި ދައްކަން އުޅެނީ މުސްލިމް އަންހެނުން ހަށިވިއްކަނީ ހިންދޫ ފިރިހެނުންނަށްކަމަށެވެ. އެއީ މުސްލިމް ފިރިހެނުންނަކީ އަނިޔާވެރި އަދި ސުލޫކީ ގޮތުން ދަށު ދަރަޖައިގެ ބައެއްކަމަށް ދައްކަން އުޅެފައެވެ.

އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ތައައްސުބު އެކުލެވޭ 2019 ގެ ރައްޔިތުކަން ދޭ ގާނޫނަށް ފާޑުކިއި ދިރާސާވެރިއެއްކަމަށްވާ އަފްރީން ފާތިމާ ބުނީ އަވަށްޓެރި ގައުމުތަކުގައި ތައައްސުބުގެ އަމާޒުފަތްގަނޑަކަށްވެފައިވާ މުސްލިމް ނޫން މީހުންނަށް އެ ގާނޫނުން އިންޑިއާގެ ރައްޔިތުކަން ދޭތީ އެ ކަމަށް ފާޑުކިޔުމުން އޭނާގެ ފޭކު ފޮޓޯތައް އިންޓަނެޓަށް ލައިގެން ބަޔަކު އޭނާ ނީލަންކިއިކަމަށެވެ.

ސީ.އެސް.އޯ.އެޗްގައި މަސައްކަތްކުރާ ދިރާސާވެރިއެއްކަމަށްވާ ޒަނިތު ޚާން ބުނީ އޭ.އައިގެ ސަބަބުން މިހާރު ހަލުއި ދުވެއްޔެއްގައި އެއްވެސް ހަރަދެއްނުކޮށް ޖިންސީ ހިޔާލާތު މަންޒަރަށް ބަދަލުކޮށްލާ ބަޔަކު އުޅޭ ކަމަށެވެ.

އިންޓަނެޓްގެ މިނިވަންކަމާ ގުޅޭ އިންޓަނެޓް ފްރީޑަމް ފައުންޑޭޝަންގެ ގާނޫނީ ވަކީލު އަޕަރު ގުޕްތާ ބުނީ އޭ.އައި ބޭނުންކޮށްގެން މީހުންނަށް ޖެއްސުންކުރުން ހުއްޓުވުމަކީ މި ވަގުތު ހުރި ގާނޫނުތަކުގެ ދަށުން އުނދަގޫ ކަމެއްކަމަށެވެ.

އިންޑިއާގެ އިންފޮމޭޝަން ޓެކްނޮލޮޖީގެ ގާނޫނުގައިވާ ގޮތުން މީހެއްގެ ޖިންސީ ގުނަވަންތަކުގެ މަންޒަރު ނެގުމާއި އެ ޝާއިއުކުރީ އެ މީހެއްގެ ހުއްދަ ނުލިބި ކަމަށްވަންޏާ ޖިނާއީ އަދަބު ދެވޭނެއެވެ. ނަމަވެސް އޭ.އައިއަކީ މަންޒަރު އުފައްދާ އެއްޗަކަށްވާތީ މި ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭކަށް ނޯވެއެވެ.

މީގެ އިތުރުން ފޭކު މަންޒަރާމެދު ޝަކުވާކުރުމުން އެ ފަދަ މަންޒަރު އިންޓަނެޓަށް ލީ ފަރާތުން އެ މަންޒަރު އަނބުރާ ނަގައިފިނަމަ އެޅޭނެ ފިޔަވަޅެއް ނޯވެއެވެ. އަދި އެ ފަދަ މަންޒަރަކާމެދު ޝަކުވާކުރަން ވެސް ފަސޭހަ އިޖުރާއަތްތަކެއް ނޯވެއެވެ.

"މަންޒަރަކީ ފޭކު އެއްޗަކަށްވިޔަސް އޭގެ ސަބަބުން ދާއިމީ ގޮތެއްގައި އެ އަންހެނެއްގެ އަގުވައްޓައިލެވޭ. މަންޒަރަކީ ހަދައިފައި ހުރި އެއްޗަކަށްވިޔަސް އޭގެން ގެއްލުން ލިބޭކަން އެއީ ހަގީގަތެއް،" ގުޕްތާ ބުންޏެވެ.

އިންޑިއާގެ ވެރިކަންކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ސިޔާސީ މީހެއްކަމަށްވާ އާތިފު ރަޝީދު ބުނީ ފޭކު މަންޒަރު ހެދުމަކީ "ވަރަށް ދެރަ" ކަމެއްކަމަށާއި ބަރަހަނާ މަންޒަރުތައް ހަދާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވައިލައިކަމަށެވެ. އޭނާ ބުނީ ބީ.ޖޭ.ޕީން ހުރިހާ ދީނެއްގެ އަންހެނުންނަށް ވެސް އިހްތިރާމްކުރާކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *