ފިލިޕީންސްގައި މި ދިޔަ ހޯމަ ދުވަހު ދެ ދަރިވަރުން ބަޑިޖަހައި ތިން ދަރިވަރުން މަރައިލި މައްސަލައިގައި ބަޑިޖެހި އެއް ދަރިވަރަށް ނުފޫޒު ފޯރި ކަމަށް ބެލެވޭ އަނިޔާވެރި އޮންލައިން ގޭމް ގޯބޮކްސް ވަގުތީ ގޮތުން އެ ގައުމުގައި ބްލޮކް ކޮށްފިއެވެ.
"މިއީ ވަގުތީ ގޮތުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއް. އެއީ ހައްޔަރުކުރި ދެ ދަރިވަރުންގެ ތެރެއިން އެއް ދަރިވަރަށް މި ގޭމްގެ ސަބަބުން ނުފޫޒު ފޯރިތޯ ތަހުގީގުކުރާ ފަރާތްތަކުން ގޮތެއް ނިންމަންދެން،" އޮފިޝަލަކު ބުންޏެވެ.
"މި ހިތާމަވެރި ހާދިސާ ހިނގަން ކުރިމަތިވީ އޮންލައިން ނުފޫޒުތަކެއްގެ ސަބަބުން ކަމަށް ވެދާނެ ކަމާމެދު އަހަރެމެންނަށް އަޅާނުލައި ނުތިބެވޭނެ،" އޮންލައިން ކުށްތައް ތަހުގީގުކުރާ އިދާރާ، ސައިބަކްރައިމް އިންވެސްޓިގޭޝަން އެންޑް ކޯޑިނޭޓިން ސެންޓަރ (ސީ.އައި.ސީ.ސީ)ގެ އަންޑަސެކްރެޓެރީ އަބޮއި ޕަރައީސޯ ބުންޏެވެ.
ގޯބޮކްސް އުފެއްދި ފެލިކްސް ފިލިޕް ބުނީ އެ ގޭމަކީ ހަމައެކަނި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ހެދި ގޭމެއް ކަމަށާއި އެ ގޭމަކީ ހަގީގީ ދުނިޔޭގައި އަނިޔާވެރިކަން ޕްރޮމޯޓްކުރާ ގޭމެއް ނޫން ކަމަށެވެ.
ފިލިޕީންސްގެ ލޭޓެ ޖަޒީރާގެ ޓަކްލޮބަން ސަހަރުގައި ހުންނަ ސަން ހޮސެ ނެޝަނަލް ހައި ސްކޫލްގައި ދެ ދަރިވަރުން ބަޑިޖެހުމުން 20 މީހުން ޒަހަމް ވެސްވިއެވެ. ފުލުހުން ވަނީ ސްކޫލް ތެރެއިން 40 އުންޑައިގެ ޝެލް ހޯދައިފައެވެ. އަދި އުމުރުން 15 އަހަރާއި 14 އަހަރުގެ ދެ ދަރިވަރުން ހައްޔަރުކޮށްފައެވެ.
އުމުރުން 15 އަހަރުގެ ކުއްޖާއާ ދެކޮޅަށް މީހުން މެރުމުގެ ދައުވާ ކޮށްފައިވާއިރު ގައުމުގެ ޖިނާއީ ގާނޫނުގެ ދަށުން އުމުރުން 14 އަހަރުގެ ކުއްޖާއަށް ދައުވާ ކުރާ ވަރަށްވުރެ ޅަ ކަމަށް އޮފިޝަލުން ބުންޏެވެ.
ރަސްމީ އިދާރާތަކުން ބުނީ ދެ ދަރިވަރުން ގެންގުޅުނު ދެ ފިސްތޯލައަކީ އެ ދެ ދަރިވަރުންގެ ތިމާގެ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ފިސްތޯލަތަކެއް ކަމަށެވެ.
ތަހުގީގުގައި މިހާތަނަށް އެނގުނު ގޮތުގައި ދެ ދަރިވަރުންނަކީ ވެސް ހަނގާ ކުރުމުގެ ޝިކާރައަށްވެފައިވާ ދެ ކުދިންނެވެ.



advertisment