މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ޓެކްނޮލޮޖީ އެކުލެވޭ ކްރޫސް މިސައިލާއި އާޓިލަރީ ރޮކެޓް ކާމިޔާބުކަމާއެކު ފުރަތަމަ ފަހަރަށް ޓެސްޓްކޮށްފި ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
މި ދިޔަ އަންގާރަ ދުވަހު ކުރި މި ޓެސްޓްތަކަކީ އެ ގައުމުގެ ހަތިޔާރުތަކުގެ ނިޒާމުތައް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރާ މަސައްކަތުގެ ދަށުން ކުރި ޓެސްޓްތަކެއް ކަމަށް އުތުރު ކޮރެއާއިން ބުންޏެވެ. އެ ގައުމުން މިހާރު ޑްރޯންގައި ވެސް ވަނީ އޭ.އައި ޓެކްނޮލޮޖީ ހިމަނައިފައެވެ.
އަންގާރަ ދުވަހުގެ ޓެސްޓްތައް ސުޕަވައިޒްކުރެއްވީ އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުން ކަމަށް ދައުލަތުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.
"ޓެސްޓްތަކުން އެނގުނީ މި ހަތިޔާރުތައް ޒަމާނީ ހަނގުރާމައިގެ ފެންވަރަށް ގެނެވިއްޖެކަން. މީގެ ސަބަބުން އަސްކަރިއްޔާއަށް ފަންނީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިއްޖެ،" ކިމް ވިދާޅުވިއެވެ.
އަސްކަރީ ތަޖުރިބާކާރުން ބުނީ އޭ.އައި ޓެކްނޮލޮޖީ ބޭނުންކުރާ މި އާ ނިޒާމުން މިސައިލަށް އޭގެ އަމާޒުފަތްގަނޑު މަސްނޫއީ ވިސްނުމުގެ އެހީގައި ދެނެގަނެވޭނެ ކަމަށާއި އަމާޒުފަތްގަނޑާ ދިމާއަށް ދަތުރުކުރުމުގައި ވެސް އެހީއަކަށްވާނެ ކަމަށެވެ.
އުތުރު ކޮރެއާއިން އޭ.އައި ޓެކްނޮލޮޖީ އެކުލެވޭ ހަތިޔާރުތައް އަންގާރަ ދުވަހު ޓެސްޓް ކުރިއިރު އޭގެ ތެރެއިން ގިނަ ތަކެތި ފޮނުވައިލީ ކަނޑަށް ކަމަށް ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުންޏެވެ.



advertisment