Support Us

"ފުރަތަމަ ޓްރިލިއަނެއާއަށް އީލޯން މަސްކު ވުމަކީ ދުނިޔޭގެ ޑިމޮކްރެސީއަށް އަނދިރިކަން ލިބުން"

ފުރަތަމަ ޓްރިލިއަނެއާއަށް ދެކުނު އެފްރިކާއަށް އުފަން އުމުރުން 54 އަހަރުގެ އީލޯން މަސްކު ވުމަކީ ދުނިޔޭގެ ޑިމޮކްރެސީއަށް އަނދިރިކަން ލިބުން ކަމަށް އޮސްޓްރޭލިއާގެ ކުރީގެ ސިޔާސީ ވެރިއެއް ކަމަށްވާ ޖީން މަކްލެއިން ބުނެފިއެވެ.

މަސްކު (ފޮޓޯ) ޓްރިލިއަނެއާއަކަށްވީ އޭނާ ޖައްވަށް އުޅަނދު ފޮނުވާ ސްޕޭކް-އެކްސް ކުންފުނި ހުކުރު ދުވަހު ހިއްސާގެ ބާޒާރާށް ނެރެ އޭނާގެ މިލްކިއްޔާތު އެއް ޓްރިލިއަން ޑޮލަރު (15 ޓްރިލިއަން ރުފިޔާ ނުވަތަ 15،000 ބިލިއަން ރުފިޔާ) ފަހަނައެޅުމުންނެވެ. އޭނާގެ މިލްކިއްޔާތު މި ވަރަށް އެރި އަނެއް ސަބަބަކީ ސްޕޭސް-އެކްސް ހިއްސާގެ ބާޒާރަށް ލުމުން އޭނާގެ ކަރަންޓުން ދުއްވާ ކާރު އުފައްދާ ޓެސްލާ ކުންފުނީގެ އަގު ވެސް އެރުމެވެ.

"ޓްރިލިއަނެއާއަކު ފެންމަތިވުމަކީ ދުނިޔޭގެ ޑިމޮކްރެސީއަށް އަނދިރި ދުވަހެއް،" އޮސްޓްރޭލިއާގެ ކުރީގެ ސިޔާސީ ވެރިއެއްގެ އިތުރުން އިންސާނީ ހައްގުތަކަށާއި އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކުރާ މަކްލެއިން ބުންޏެވެ.

އޭނާ އިންޒާރުދިނީ އެތައް މިލިއަން ބަޔަކު ދިރިއުޅުމުގެ ހަރަދުތައް ނުބެލެހެއްޓިގެން އުޅޭއިރު މުއްސަނދިކަމާއި ބާރު މަދު މީސްކޮޅެއްގެ އަތަށް އަރަމުންދާ ކަމަށެވެ.

އެމެރިކާގެ އެންމެ ބޮޑު ސިޓީ ނިއު ޔޯކްގެ މޭޔަރު ޒުހްރާން މަމްދާނީ ބުނީ މަސްކުގެ ތާރީހީ ކާމިޔާބުން ދައްކައިދެނީ އިންސާނުންގެ މެދުގައި ހަމަހަމަކަން ގެއްލެމުންދާކަން ކަމަށެވެ.

"މަސްކުގެ މުއްސަނދިކަމުން ދައްކައިދެނީ އާދަޔާހިލާފަށް މުއްސަނދި މީހުންގެ އަތުން ޓެކްސް ނަގަން ޖެހޭ އެއް ޓްރިލިއަން ސަބަބު ވާކަން،" މަމްދާނީ ބުންޏެވެ.

އެކެއްގެ އަތަށް ހައްދުފަހަނަޅާ ވަރަށް މުއްސަނދިކަން އެރުމަކީ ކޮންމެހެން ކަންބޮޑުވާން ޖެހޭ ކަމެއްކަމަށް ފާޑުކިޔާ މީހުން ބުނިއިރު މަސްކަށް ތާއީދުކުރާ މީހުން ބުނީ އޭނާއަށް މި ހާސިލުކުރެވުނު މަގާމަކީ ޖައްވަށް އުޅަނދު ފޮނުވުމާއި ޓެކްނޮލޮޖީ ކުރިއެރުވުމާއި އަދި މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ތަރައްގީކުރުމުން އޭނާއަށް ހައްގު މަގާމެއް ކަމަށެވެ.

މަސްކަށް މި ތާރީހީ މަގާމު ލިބުމުން އޭނާ މި ކަން މާ ބޮޑު ކަމަކަށް ނުހެދިއެވެ. އޭނާ ހިންގާ އެކްސް މަންސަގައި ހަމައެކަނި ލިޔެލިހާ ވެސް އެއްޗަކީ "ބެކް ޓު ވޯކް" ނުވަތަ "އެނބުރި މަސައްކަތަށް"އެވެ.

ނަމަވެސް ސްޕޭސް-އެކްސް ހިއްސާގެ ބާޒާރަށް ލީ ވަގުތު މަސްކު ބުނީ އޭނާ ބޭނުންވަނީ ސައިންސްއަކީ ހަގީގީ އެއްޗަކަށް ހަދަން ކަމަށެވެ.

މާސްއަށް އަދި އެއްވެސް އުޅަނދެއް ފޮނުވައިފައި ނުވިޔަސް މަސްކު މަސައްކަތްކުރަމުން ދަނީ މާސްއަށް އިންސާނުން ފޮނުވާށާއި އިންސާނުންނަކީ އެކި ޕްލެނެޓްތަކުގެ އަހުލުވެރިންކަމަށް ހަދާށެވެ.

މަސްކު ދާދި ފަހުން ބުނެފައިވަނީ އޭ.އައި އަދި ރޮބޮޓް އިސް ދައުރެއް އަދާކުރާ ކުރިމަގެއްގައި "ފައިސާގެ މުހިންމު ކަމެއް ނޯންނާނެ" ކަމަށާއި ސަބަބަކީ ޓެކްނޮލޮޖީގެ ޒަރީއާއިން ގިނަ އަދަދަކަށް މުދަލާއި ހިދުމަތްތައް ލިބޭނެތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *