Support Us

އިނގިރޭސި ވިލާތުގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރަނީ

އިނގިރޭސި ވިލާތުގައި 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ފުރިހަމައަށް މަނާކުރާނެ ކަމަށް ބޮޑުވަޒީރު ކީއާ ސްޓާމާ މިއަދު ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ މި ފިޔަވަޅު މި އަހަރު ފަހުކޮޅު ފާސްކޮށްފައި އަންނަ އަހަރު ކުރީކޮޅު ތަންފީޒުކުރަން އުއްމީދުކުރައްވާކަމަށެވެ.

ސޯޅަ އަހަރުން ދަށަށް މަނާކުރާ ސޯޝަލް މީޑިއާގެ ތެރޭގައި މައިގަނޑު އެޕްތައްކަމަށްވާ ޓިކްޓޮކް، އިންސްޓަގްރާމް، ސްނެޕްޗެޓް، ޔޫޓިއުބް، ފޭސްބުކް އަދި އެކްސް ހިމެނެއެވެ. މީގެ އިތުރުން ނުދަންނަ މީހުންނާ މުއާމަލާތްކުރެވޭނެ ފަދަ ގޭމްކުޅޭ އަދި ލައިވްސްޓްރީމްކުރާ ހިދުމަތްތައް ވެސް މަނާވާނެއެވެ.

ސްޓާމާ ވިދާޅުވީ 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ ފުރިހަމައަށް މަނާކުރަން ޖެހެނީ އޮންލައިން ދުނިޔޭގައި ހުންނަ ގެއްލުންދެނިވި ކޮންޓެންޓާއި ދެވިހިފާ ކަހަލަ ގޮތްގޮތަށް ތައްޔާރުކޮށްފައި ހުންނަ މަންސަތައް ވެސް ހުންނާތީއެވެ.

އޭނާގެ ސިޔާސަތު ތަންފީޒުކުރުމުން 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގައި އެކައުންޓް ނުހެދޭނެއެވެ. އަދި އެއިން މަންސައަކަށް ނުވަދެވޭނެއެވެ. އެހެންކަމުން ރައްކާތެރިކަން ލިބިދޭ ފިޔަވަޅުތަކާއި އަދި ބެލެނިވެރިންގެ ކޮންޓްރޯލްތަކާއެކު ވެސް ނުވަދެވޭނެއެވެ.

"ފުރިހަމައަށް މަނާކުރުމަކީ ރަނގަޅު ގޮތްކަން އަހަރެންނަށް ސާފު. މި ބަދަލުތަކުގެ ސަބަބުން އަހަރެމެންގެ ކުޑަކުދިންނަށް މާ ބޮޑަށް ރައްކާތެރިކަން ލިބޭނެ. އަދި ފުރާފުރިހަމަވާން އިތުރު ވަގުތާއި އިތުރު ސަލާމަތްތެރިކަމާއި އިތުރު މިނިވަންކަން ލިބޭނެ،" އޭނާ ވިދާޅުވިއެވެ.

ފާޑުކިޔާ ފަރާތްތަކުން ސްޓާމާގެ މި ސިޔާސަތާމެދު ކަންބޮޑުވުން ފާޅުކުރިއެވެ. ޔޫޓިއުބްގެ ތަރުޖަމާނަކު އިންޒާރުދިނީ ސޯޝަލް މީޑިއާ އެއްކޮށް މަނާކުރުމުން "ރައްކާތެރިކަން ކުޑަ ހިދުމަތްތަ"ކާ ދިމާއަށް ކުޑަކުދިން ހުށަހެޅޭނެކަމަށެވެ.

ދިރާސާވެރިން ބުނީ ސްޓާމާގެ ސިޔާސަތުގެ ކުޅެދުންތެރިކަމާއި ތަންފީޒުކުރެވިދާނެކަމާމެދު ސުވާލު އުފެދޭކަމަށެވެ.

ސްޓާމާ އިއުލާންކުރެއްވި ހުށަހެޅުމަކީ މި ދިޔަ އަހަރު ޑިސެމްބަރުގައި 16 އަހަރުން ދަށަށް ސޯޝަލް މީޑިއާ މަނާކުރި ފުރަތަމަ ގައުމަކަށް އޮސްޓްރޭލިއާ ވުމުން އޭގެ ފަހަތުން ހުށަހެޅުއްވި ސިޔާސަތެކެވެ. އެކަމަކު އޮސްޓްރޭލިއާއާ ހިލާފަށް ސްޓާމާ ވަނީ ގޭމް ކުޅުމާއި ލައިވްސްޓްރީމްކުރާ ހިދުމަތްތައް ވެސް މަނާކުރަން ނިންމަވައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *