އެމެރިކާގެ 17 އަހަރުގެ އަންހެން ދަރިވަރަކު، އޭނާ މީގެ ހަތަރު އަހަރު ކުރިން އުފެއްދި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއެއް މެދުވެރިކޮށް އެތައް ހާސް ކުދިންނަށް ތައުލީމީ ފޮތްތައް ހޯދައިދިނުމުގައި ދަނީ އެހީތެރިވަމުންނެވެ.
މެރީލޭންޑް ސްޓޭޓްގެ އާބާނާއަށް ނިސްބަތްވާ ސޯފިއާ ފޭން "ލިޓްރެސީ ސައިކަލް" އުފެއްދީ އޭނާގެ އުމުރުން އެންމެ 13 އަހަރުގައެވެ. ޖަމިއްޔާއިންކުރާ ކަމަކީ ބޭނުންކޮށްފައިވާ ޓެކްސްޓް ފޮތްތަކާއި އެސް.އޭ.ޓީ ތައްޔާރީ މެޓީރިއަލްތަކާއި ކުޑަކުދިންގެ ފޮތްތައް އެއްކޮށް، އެ ފަދަ ފޮތްތައް ގަންނާނެ ފައިސާއެއް ނެތް ދަރިވަރުންނަށް ފޯރުކޮށްދިނުމެވެ.
ޖަމިއްޔާއިންވަނީ އެމެރިކާއާއި އެހެނިހެން ގައުމުތަކަށް މިހާތަނަށް 7،000 އަށްވުރެ ގިނަ ފޮތް ހައިރާތުކޮށްފައެވެ.
ފޭން ބުނީ ޗައިނާގައި އޭނާގެ ކުޑައިރުގެ ތަޖުރިބާތަކަކީ ތައުލީމީ މައިދާނުގައި ހުރި ތަފާތުކުރުންތަކާ ދެކޮޅަށް މަސައްކަތްކުރަން އޭނާއަށް ލިބުނު ހިތްވަރުކަމަށެވެ. އާއިލާތަކުގެ ތަނަވަސްކަން ހުންނަ މިންވަރަށް ބަލައި، ދަރިވަރުންނަށް އުނގެނުމުގެ ފުރުސަތުތައް ތަފާތުވާކަން އޭނާއަށް ފާހަގަކުރެވުނުކަމަށެވެ.
"އާއިލާތަކަށް ފޯރުކޮށްދެވޭ މިންވަރާއި ސްކޫލްތަކުން ދޭ މިންވަރަށް ބަލައި، ދަރިވަރުންނަށް ތައުލީމީ ވަސީލަތްތައް ލިބޭ މިންވަރު ތަފާތުވާ ތަން އަހަރެންނަށް ފެނުނު. އަހަރެން ބޭނުންވީ އެންމެންގެ މެދުގައި އެ ކަން އިންސާފުވެރިކުރަން. އަދި އުނގެނުމަކީ މީހެއްގެ މާލީ ތަނަވަސްކަމަށް އޮތް ބުރައަކަށްނުވުމަށް އަހަރެން އެދެން،" "ޕީޕަލް" މަޖައްލާއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.
ފޭން އޭނާގެ ހިޔާލު އެންމެ ފުރަތަމަ ހިއްސާކުރީ އޭނާ ކިޔަވަމުންދާ ހައި ސްކޫލްގެ އަންހެން ފަސް ދަރިވަރުންނާއެވެ. އެ ކުދިން މަސައްކަތް ފެށީ އިމްތިހާނު ނިންމުމަށްފަހު އެ ކުދިން ބޭނުންކޮށްފައިވާ އެޑްވާންސްޑް ޕްލޭސްމަންޓް ޓެކްސްޓް ފޮތްތައް އެއްކޮށްގެންނެވެ.

"މި ފޮތްތައް ގަންނާނެ ފޯރުންތެރިކަން ނެތް ދަރިވަރުންނަށް މި ފޮތްތައް ނުދޭންވީ ކީއްވެ؟ މިހާރު ޓެކްސްޓް ފޮތްތަކަކީ ވަރަށް އަގުބޮޑު އެއްޗެއް،" އެ ދުވަހު އެ ކުދިންނާ ސުވާލުކުރި ހަނދާން ފޭން އާކުރިއެވެ.
ލިޓްރެސީ ސައިކަލް މިހާރު އެމެރިކާގެ ހަ ސްޓޭޓެއްގައި ހަރަކާތްތެރިވަމުންދާއިރު އެފްރިކާ ބައްރުގެ ރުވާންޑާގައިވަނީ ބައިނަލްއަގްވާމީ ގޮތްޕެއް ގާއިމުކޮށްފައެވެ. އަދި ލިޓްރެސީ ސައިކަލުން ދަނީ ބައިވަރު ޖަމާއަތްތަކާއެކު މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ބުކްސް ފޮ އިންޓަނޭޝަނަލް ގުޑްވިލް ހިމެނެއެވެ. އެ ޖަމިއްޔާއަކީ އެފްރިކާ ބައްރުގެ ގެމްބިއާ، ނައިޖީރިއާ އަދި ޔުގެންޑާގެ ކުދިންނަށް ފޮތް ބަހާ ޖަމިއްޔާއެކެވެ.
ފޭންގެ މި ހިލޭސާބަހަށްކުރާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، ވޮލަންޓިއަރުންގެ ހިދުމަތް ދޭ، އަދި ސިޔާސީ އަދި މަދަނީ ހައްގުތަކާ ގުޅޭ ދުނިޔޭގެ އެންމެ ބޮޑު ޖަމިއްޔާކަމަށްވާ ޕޮއިންޓްސް އޮފް ލައިޓުންވަނީ ދާދި ފަހުން އޭނާއަށް "ޑެއިލީ ޕޮއިންޓް އޮފް ލައިޓް" އެވޯޑު އަރުވައިފައެވެ.

އޭނާ އުއްމީދުކުރަނީ އޭނާގެ މި ކާމިޔާބީގެ ސަބަބުން އެހެން ޒުވާނުންނަށްވެސް އިޖުތިމާއީ ހަރަކާތްތައް ފެށުމަށް ހިތްވަރު ލިބިގެންދާނެކަމަށެވެ.
"އެ ކަމަކީ ވަރަށް އުނދަގޫ ކަމަކަށް ވާކަށް ނުޖެހޭ. ނުވަތަ އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް ކުރިއައިލައި އެނގޭކަށްވެސް ނުޖެހޭ. އެ ކުދިން ޝައުގުވެރިވާ ކުޑަކުޑަ ކަމަކުންވެސް ފެށިދާނެ. އަހަރެންގެ ލޯ ހުޅުވުނީވެސް އެ ވިސްނުން އައުމުން. މިހާރު އަހަރެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ. އަދި ގައުމީ ފެންވަރުގައި އަގުވަޒަންކުރުމުން ވަރަށް އުފާވޭ އަދި ޝުކުރުވެރިވަން،" އޭނާ ބުންޏެވެ.
ފޭންގެ މަސައްކަތަށް އެހީތެރިވެދޭތީ އޭނާގެ މައިންބަފައިންނަށްވެސް ފޭން ޝުކުރު އަދާކުރިއެވެ. އެ މީހުން ފޮތްތައް އުފުލައިދިނުމާއި އިޖުތިމާއީ ހަރަކާތްތަކަށް އޭނާ ގެންގޮސްދިނުމުގައި އެހީތެރިވެއެވެ.

ހައި ސްކޫލް ނިންމުމަށްފަހު ފޭން ރައިވަނީ ޔުނިވާސިޓީގައި ޕަބްލިކް ހެލްތު (ބަލިތައް ޖެހުމުގެ ކުރިން ރައްކާތެރިވުމާއި އުމުރު ދިގުވާނެ ކަންތައްތައް ޕްރޮމޯޓްކުރުމާއި ރޭވިގެން މުޖުތަމައުގެ ސިއްހަތު ދެމެހެއްޓުން) ނުވަތަ ގްލޯބަލް ހެލްތު (ދުނިޔޭގެ އެންމެންގެ މެދުގައި ސިއްހީ ހަމަހަމަކަން ގާއިމުކުރުމާއެކު ސިއްހީ ދުޅަހެޔޮކަން ދެމެހެއްޓުން)ގެ ދާއިރާއިން ކުރިއަށްދިއުމަށެވެ. އަދި ކޮލެޖުގައި ކިޔަވަމުންދާއިރުވެސް ލިޓްރެސީ ސައިކަލް ހިންގުމުގައި ދެމިހުރުމަށް އޭނާ އުއްމީދުކުރެއެވެ.
"އަހަރެން އުއްމީދުކުރަން އެހެން ދަރިވަރުންވެސް މި ކަމުން ހިތްވަރު ލިބިގަނެ، އަމިއްލަ އިޖުތިމާއީ ހަރަކާތްތައް ފަށައިނެކަމަށް. މި ކަމުން އަހަރެންނަށް ޔަގީނުންވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. އަދި އަހަރެން ބޭނުންވަނީ މި މަސައްކަތް ކުރިއަށްގެންގޮސް، މިއަށްވުރެ ބޮޑު މަސައްކަތަކަށް މި ކަން ހަދަން،" ފޭން ބުންޏެވެ.



advertisment