އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ބެންޖަމިން ހެމަންޑް ހެގަޓީ ނުވަތަ ސްޓޭޖް ނަމުން މެކްލެމޯ، އޭނާ ފަލަސްތީންގެ މިނިވަންކަމަށް ގޮވައިލައި "ފްރީ ފަލަސްތީން" (ލަފުޒީ މާނައިން "ފަލަސްތީން މިނިވަންކުރޭ") ޓުއާގައި އެތައް ތަރިންނެއް އަޑު އުފުލައިފިއެވެ.
އުމުރުން 43 އަހަރުގެ މެކްލެމޯ ޓުއާ ފެށީ ހޯމަ ދުވަހުގެ ރޭ އަޔަލަންޑްގެ ވެރިރަށް ޑަބްލަންގައެވެ.
ބައިވަރު ތަރިންވަނީ މި ހަރަކާތަށް ތާއީދުކޮށްފައެވެ. ބައެއް ތަރިން ސްޓޭޖަށް ސީދާ އައެވެ. އެހެން ތަރިން ބައިވެރިވީ އޮންލައިންކޮށެވެ. އެ މީހުންވަނީ މި ހަރަކާތާ ގުޅޭ ގޮތުން ވާހަކަދައްކައިފައެވެ.
ހޯމަ ދުވަހުގެ ރޭ މި ހައިރާތީ ހަރަކާތް ބޭއްވީ ތްރީއަރީނާގައެވެ. އިންތިޒާމުކުރި ފަރާތްތަކުން ބޮޑެތި ސްކްރީންތަކުގައި ކުރިން ރެކޯޑުކޮށްފައިވާ ވީޑިއޯ ދެއްކިއެވެ. އެއް ވީޑިއޯއިން ފެނުނީ މާވަލްގެ އެކްޓަރު މާކް ރަފަލޯއެވެ. މެކްލެމޯ ސްޓޭޖަށް އެރުމުގެ ކުރިން އެ ވީޑިއޯ ދެއްކިއެވެ.
"ހޭއި، މެކްލެމޯ! މިނިވަން ފަލަސްތީނަކަށްޓަކައި މަސައްކަތްކުރުން ކުރިއަށްގެންދޭ. ހަމަހަމަކަން ނެތި އެއްވެސް ސުލްހައެއް ނޯންނާނެ. މި ބޮޑު، ތައުރީފު ހައްގު މަސައްކަތް ކުރިއަށްގެންދޭ،" ރަފަލޯ މެކްލެމޯއަށް ހިތްވަރު ދިނެވެ.
ރަފަލޯ މިހެން ބުނުމުން ޝޯ ބަލަން ތިބި މީހުން އަޑުހަރުކޮށް އުފާ ފާޅުކުރިއެވެ.
އެމެރިކާގެ ދަ ސްޓްރޯކްސް ރޮކް މިއުޒިކް ބޭންޑްގެ ލީޑް ލަވަކިޔުންތެރިޔާ ޖޫލީއަން ކަސަބްލާންކާސް ވީޑިއޯ މެސެޖެއް ފޮނުވިއެވެ. އޭނާ އެ ވީޑިއޯގައި މެކްލެމޯއަށް ޝުކުރު އަދާކުރިއެވެ. އެއީ މެކްލެމޯ އޭނާގެ އަޑު ބޭނުންކުރަނީ ބަދަލު ގެނައުމަށްކަމަށްވާތީއެވެ. ކަސަބްލާންކާސް އެދުނީ އެކަކު އަނެކަކަށް އަޅައިލައި، އަދި ކުށެއް ނެތް އާންމުން ރައްކާތެރިކުރުމަށެވެ. އިންސާފުވެރި ދުނިޔޭގެ ނިޒާމަކަށްޓަކައި ތެދުވުމަށް އޭނާ މީހުންނަށް ހިތްވަރު ދިނެވެ.
އެމެރިކާގެ ކޮމެޑީ އެކްޓްރެސް އިލާނާ ގްލޭޒާވެސް ވީޑިއޯ މެސެޖެއް ފޮނުވިއެވެ.
"ފަލަސްތީނު މިނިވަންކުރަން މަސައްކަތްކުރަނީ އަހަރެމެން އެންމެން އެކުގައި. ވާހަކަދެއްކުމާއި ތިޔަ އަޑު ބޭނުންކުރުން ކުރިއަށްގެންދޭ. ތިޔަ އަޑުގެ ނަތީޖާ ދަނީ ފެންނަމުން،" އޭނާ ބުންޏެވެ.
އެކްޓްރެސް ސިންތިއާ ނިކްސަނާއި އެކްޓްރެސް ނަތާޝާ ރޮތުވެލްވެސް ވީޑިއޯ މެސެޖު ފޮނުވިއެވެ. އެކްޓަރު ލިއަމް ކަނިންހަމާއި އެކްޓިވިސްޓް ނާދިއާ ގްރީންސްޕޭނާއި އަދި އެކްޓިވިސްޓް އާޓިސްޓެއްކަމަށްވާ ސަމީރް އެސްކަންދާ ސީދާ ސްޓޭޖަށް އަރައި ތަގްރީރުކުރިއެވެ.
"މި ރޭގެ އުފާވެރިކަން ލިބިގަތުމަކީ ގައްޒާގެ ނިކަމެތިކަން ހަނދާން ނައްތައިލުމެއް ނޫން. މި ރޭ ފާހަގަކުރަނީ ފަލަސްތީނު މީހުންގެ އިންސާނިއްޔަތުކަމާއި ދިރިއުޅުން. ފަލަސްތީނު މީހުން އެ މީހުންގެ ދިރިއުޅުމާއި އިންސާނިއްޔަތުކަން ހިމާޔަތްކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރޭ،" ކަނިންހަމް ބުންޏެވެ.
މެކްލެމޯ ސްޓޭޖު މަތީގައި އިސްރާއީލު ސަރުކާރާ ދެކޮޅަށް އިހްތިޖާޖުކުރިއެވެ. ގައްޒާގައި އިސްރާއީލުން ހިންގާ އަމަލުތަކަކީ ނަސްލު ނައްތައިލުންކަމަށް އޭނާ ސިފަކުރިއެވެ. އދ. އާއި އެހެން ގިނަ ބަޔަކުވެސް އެއީ ނަސްލު ނައްތައިލުންކަމަށް ސިފަކުރެއެވެ.
"ނަސްލު ނައްތައިލުމެއް ހިންގާއިރު އެއްވެސް މީހަކަށް ވަކި ފަރާތަކަށް ނުޖެހި ނުހުރެވޭނެ. މީހުން ބޭނުންވަނީ ފަންނާނުން އަމަލީ ގޮތުން ނިކުތުމަށް،" މެކްލެމޯ އޯޑިއެންސަށް ބުންޏެވެ.
އޭނާ އިލްތިމާސްކުރީ ފަންނާނުން ކަންކަން އޮޅުންފިލުވައި މުޖުތަމައާ ގުޅުމަށެވެ. އޭނާ އެދުނީ ހަމައެކަނި އުފާ ފާޅުކުރުމަށްވުރެ ބޮޑަށް ފަންނާނުން ސްޓޭޖުގެ ބޭނުން ހިފުމަށެވެ. މިނިވަން ފަލަސްތީނަކަށް ގޮވައިލައި ގޮވައިލުންތައް ހުއްޓުވަންކުރާ މަސައްކަތްތަކާ ދެކޮޅުހެދުމަށް އޭނާ މީހުންނަށް ގޮވައިލިއެވެ.
މެކްލެމޯ ދެން އޭނާގެ އެންމެ މަޝްހޫރު ލަވަތައް ހުށަހަޅައިދިނެވެ. އޭނާގެ "ތްރިފްޓް ޝޮޕް" އަދި "ކާންޓް ހޯލްޑް އަސް" ހުށަހަޅައިދިނެވެ. ބިލްބޯޑް މިއުޒިކް ޗާޓުގެ ނަންބަރު އެކަކަށް އެރި މި ލަވަތައް ހުށަހެޅުމުގައި އެމެރިކާގެ ލަވަކިޔުންތެރިޔާ ރަޔަން ލުއިސް އޭނާއާއެކު ބައިވެރިވިއެވެ.
ޝޯގައި އެހެން މިއުޒީޝަނުންވެސް ހުށަހެޅުންތައް ހުށަހެޅިއެވެ. އަޔަލަންޑްގެ ހޯޒިއާއާއި ނީކެޕާއި އަދި ބިއޯގާވަނީ ލަވަތައް ހުށަހަޅައިދީފައެވެ. ބިއޯގާ ކުރިން އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިޔާ އެޑް ޝީރަންއާއެކު ޓުއާކުރިއެވެ. ނަމަވެސް ބިއޯގާއިން ޝީރަންގެ ޓުއާ ދޫކޮށްލީ މެކްލެމޯއަށް ތާއީދުކުރުމުގެ ގޮތުންނެވެ.
ޑަބްލަންގެ މި ޝޯއާއެކު ތިން ކޮންސަޓުގެ ޓުއާ ފެށިއެވެ. މެކްލެމޯގެ ކުރިއަށް އޮތް ދެ ހައިރާތީ ކޮންސަޓް ބާއްވާނީ ފްރާންސްގެ ވެރިރަށް ޕެރިހާއި އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައެވެ.
މެކްލެމޯ މި "ފްރީ ފަލަސްތީން" ޓުއާ އިއުލާނުކުރީ މި ދިޔަ މަހުއެވެ. އެއީ ޝީރަންގެ "ލޫޕް ޓުއާ"ގެ ޝޯއެއްގައި "ފްރީ ފަލަސްތީން" ގޮވައިލައި، ޝަހީދުކޮށްލި އުމުުރުން ފަސް އަހަރުގެ ގައްޒާގެ އަންހެންކުއްޖާ ހިންދު ރަޖަބާ ބެހޭ ލަވަ ކިޔުމުން ޝީރަންގެ "ލޫޕް ޓުއާ" އިންތިޒާމްކުރި ފަރާތުން މެކްލެމޯ އެ ޓުއާއިން ވަކިކުރުމުންނެވެ. މެކްލެމޯއަށް ތާއީދުކޮށް ބިއޯގާ އެ ޓުއާއިން އަމިއްލައަށް ވަކިވީ މި ކަމާހުރެއެވެ. ފަލަސްތީނަށް ކުރިމަތިވެފައިވަނީ އާފާތެއްކަމަށް ޝީރަން ފަހުން ބުނެފައިވެއެވެ.
ފަލަސްތީން ނަސްލު ނައްތައިލުމުގެ ތުހުމަތާ އިސްރާއީލުން އިންކާރުކުރެއެވެ. އިސްރާއީލުން ނަސްލު ނައްތައިލުމުގެ ޖަރީމާ ނުހިންގާކަމަށް އިސްރާއީލުގެ އިއްތިހާދީންވެސް ބުނެއެވެ. އެ ގޮތުން އެމެރިކާއިންވެސް ތާއީދުކުރަނީ އިސްރާއީލުން ބުނާ އެއްޗަކަށެވެ.



advertisment