ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލުން އިންސާނީ ޖަރީމާ ހިންގާކަމަށް އަދ.އިން ތުހުމަތުކޮށްފިއެވެ.
އދ.ގެ ތަހްގީގީ ކޮމިޝަނަކުން ބުނީ އިސްރާއީލުން ހިފައިފައިވައި ހުޅަނގު އައްސޭރީގައި އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާތައް އިސްރާއީލުން ހިންގާކަމަށެވެ. ތުހުމަތުކުރި ޖަރީމާތަކުގެ ތެރޭގައި ފަލަސްތީން މީހުން މެރުމާއި އެ މީހުންނަށް އަނިޔާކުރުމާއި އެ މީހުން ރޭޕްކުރުމާއި އަދި އެ މީހުންނަށް އެހެނިހެން ބާވަތް ބާވަތުގެ ޖިންސީ އަނިޔާކުރުން ހިމެނެއެވެ.
އެ ކޮމިޝަނުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތަކާއި ޔަހޫދީ ވަޒަންވެރިން ހިންގާ ހުއްޓުމެއްނެތް އަނިޔާވެރިކަމަކީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް "ފުޅާ ދާއިރާއެއްގައި އަދި ރައިވައިގެން ދޭ ހަމަލާއެއް"ކަމަށެވެ. އޮކްޓޫބަރު 2023 ގެ ހަތެއްގައި ގައްޒާ ހިންގާ ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ހަމަލާގެ ބަދަލުގައި އިސްރާއީލުގެ ރަސްމީ އިދާރާތަކުން ގަސްދުކުރީ ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުންނަށް ޖަމާއީ އަދަބު ދިނުމަށްކަމަށް ކޮމިޝަނުން ބުންޏެވެ.
"އިސްރާއީލުގެ ރަސްމީ އިދާރާތަކާއި އަސްކަރީ ފައުޖުތަކުންވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީން މީހުން މެރުމާއި އެ މީހުންނަށް އަނިޔާކުރުމާއި އެ މީހުން ރޭޕްކުރުމާއި އަދި ޖިންސީ އަނިޔާގެ އެހެނިހެން ބާވަތްތައް ހިމެނޭހެން އެ މީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގައިފައި. އަދި ގައުމީ އައިޑެންޓިޓީއާއި ނަސްލާއި އަދި ދަރިކޮޅަށް ބަލައި، ތަފާތުކުރުންތަކުގެ މައްޗަށް ބިނާކޮށް އަނިޔާވެރިވެފައި،" ރިޕޯޓުގައި ބުނެފައިވެއެވެ.
ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތަސް އިސްރާއީލުން ގައްޒާގައި ނަސްލު ނައްތައިލުމުގެ އަމަލުތައް ހިންގުން ކުރިއަށްގެންދާކަންވެސް ކޮމިޝަނުން ފާހަގަކުރިއެވެ.
ގައްޒާއާ ގުޅޭ ގޮތުން ކޮމިޝަނުން ހޯދި ހޯދުންތަކަށް އިސްރާއީލުން އިންކާރުކުރިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާ ސިޓީގައި ހުންނަ އިސްރާއީލުގެ މިޝަނުން ބުނީ މި ރިޕޯޓަކީ "އިސްރާއީލުގެ ދައުލަތަކީ ޝައިތާނީ ބާރެއްކަމަށް ދައްކައި، އިސްރާއީލުގެ ދައުލަތް ވުޖޫދުގައި އޮތުމަކީވެސް ޖިނާއީ ކަމެއްގެ ގޮތުގައި ދެއްކުމަށް ތައްޔާރުކުރި ރިޕޯޓެއް"ކަމަށެވެ.
"ބައިނަލްއަގްވާމީ މުޖުތަމައުން މި ދޮގުތައް ބަލައިނުގަނެ، ކޮމިޝަނުގެ ހޯދުންތަކަށް އިންކާރުކޮށް، އަދި އެ ކޮމިޝަން ވަގުތުން އުވައިލުމަށް ގޮވައިލަންޖެހޭނެ،" އިސްރާއީލުގެ މިޝަނުން ބުންޏެވެ.
އެ ކޮމިޝަން ގާއިމުކުރީ 2021 ގައި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުންނެވެ.



advertisment