Support Us

ޔޫކްރެއިންގެ ރައީސް ވަލޮޑަމީއަ ޒަލެންސްކީ (ވ) އެމެރިކާގެ މަންދޫބުންކަމަށްވާ ސްޓީވް ވިޓްކޮފް (މ) އަދި ޖެރަޑް ކަޝްނާއާއެކު

އެމެރިކާ މަންދޫބުންނާ ބޭއްވި ވާހަކަތައް ވަރަށް ރަނގަޅު: ޒަލެންސްކީ

ފަސްވަނަ އަހަރަށް އެޅިފައިވާ، ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ވާހަކަތައް އެމެރިކާގެ މަންދޫބުންނާއެކު ކުރިއަށްދިޔައީ ވަރަށް ރަނގަޅަށްކަމަށް ޔޫކްރެއިންގެ ރައީސް ވަލޮޑަމީއަ ޒަލެންސްކީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މަންދޫބުންކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރަޑް ކަޝްނާ ހޮނިހިރު ދުވަހު ރަޝިޔާގައި ރަޝިޔާގެ ރައީސް ވްލަޑަމީއަ ޕޫޓިންއާ ބައްދަލުކުރައްވައި، ޔޫކްރެއިން ހަނގުރާމަ ހުއްޓައިލައިނެ ގޮތަކާމެދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެކުލަވައިލައްވައިފައިވާ ސުލްހައިގެ ހުށަހެޅުއްވުމާމެދު ތިން ގަޑިއިރު ވަންދެން މަޝްވަރާކުރިއެވެ.

ޖެހިގެން އައި ދުވަހު ވިޓްކޮފާއި ކަޝްނާވަނީ ފުރަތަމަ ފަހަރަށް ޔޫކްރެއިނަށް ދަތުރުކޮށް، ޒަލެންސްކީއާ ބައްދަލުކޮށް، އެތައް ގަޑިއިރެއްގެ މަޝްވަރާތައް ބާއްވައިފައެވެ.

އެމެރިކާއިން ބޭނުންވަނީ ހަނގުރާމަ ހުއްޓައިލަންކުރާ، މިހާރު މަޑުޖެހިފައިވާ މަސައްކަތް އަލުން ފަށައިށެވެ.

ޒަލެންސްކީ ވިދާޅުވީ އެމެރިކާގެ ބައިވެރިވުމާއެކު ރަޝިޔާއާއެކު ސުލްހައިގެ ވާހަކަތައް އަލުން ފަށަން ބޭނުންވެވަޑައިގަންނަވާކަމަށެވެ.

"އަހަރެމެން ބޭނުންވަނީ އިންސާފުވެރި ސުލްހައެއް،" އޭނާ ވިދާޅުވިއެވެ.

ވިޓްކޮފް ބުނީ ޒަލެންސްކީއާ ބޭއްވި މަޝްވަރާތައް ވަރަށް މުހިންމުކަމަށް ގަބޫލުކުރާކަމަށާއި ޕޫޓިންވެސް ވަނީ އާ ހިޔާލުތަކެއް ހުށަހަޅުއްވައިފައިކަމަށެވެ.

ޒަލެންސްކީ ވިދާޅުވި ބީދައިން ރަޝިޔާއިންވެސް އިއްޔެ ބުނީ އެމެރިކާގެ ބައިވެރިވުން އޮންނާނެ ގޮތަށް ޔޫކްރެއިނާ ސުލްހައިގެ ވާހަކަތައް ބާއްވަން ބޭނުންކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *