ފަސްވަނަ އަހަރަށް އެޅިފައިވާ، ރަޝިޔާއިން ޔޫކްރެއިން އެއްކޮށް ހިފުމަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމެއް ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ވްލަޑިމިއަ ޒެލެންސްކީއަށް އެރުވުމަށް އެމެރިކާގެ މަންދޫބުން އެ ދެ ގައުމަށް ހިނގައްޖެއެވެ.
އެމެރިކާގެ މަންދޫބުންކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރަޑް ކަޝްނާ އިއްޔެ ރަޝިޔާގައި ޕުޓިންއާ ބައްދަލުކުރައްވައި، ޔޫކްރެއިން ހަނގުރާމަ ހުއްޓައިލައިނެ ގޮތަކާމެދު ޓްރަމްޕް އެކުލަވައިލައްވައިފައިވާ ސުލްހައިގެ ހުށަހެޅުއްވުމާމެދު ތިން ގަޑިއިރު ވަންދެން މަޝްވަރާކުރެއްވިއެވެ.
ޕުޓިން ވިދާޅުވީ ހަނގުރާމައިގެ ހާލަތު އޮތީ "އުނދަގޫ" ގޮތަކަށް ކަމަށާއި ނަމަވެސް ހުރިހާ ފަރާތްތަކެއްގެ މެދުގައި ވާހަކަދައްކައިގެން ހަނގުރާމަކުރަމުންދާ "އަސްލު ސަބަބުތައް" ހައްލުކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
"މަޝްވަރާތަކުން ނަތީޖާއެއް ނުނިކުތަސް ވާހަކަތައް ވަރަށް ބިނާކުރަނިވި،" ޕުޓިންގެ އެޑްވައިޒަރެއްކަމަށްވާ ޔޫރީ އޫޝާކޯފް ބުންޏެވެ.
ވިޓްކޮފް އަދި ކަޝްނާ މިއަދުވަނީ ޔޫކްރެއިނަށް ގޮސްފައެވެ. އެއީ ޒެލެންސްކީއާ ޓްރަމްޕްގެ ސުލްހައިގެ ޕްލޭން ހިއްސާކުރުމަށެވެ.
ޔޫކްރެއިނުން މިހާތަނަށްވެސް ބުނަމުންދަނީ ގާއިމުކުރާ ސުލްހައިގެ މުއާހަދާއެއްގެ ދަށުން ކުރިމަގުގައި ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާނުދޭނެކަން ކަށަވަރުވެފައި އޮންނަން ޖެހޭނެކަމަށެވެ.
"އަހަރެމެން ޑިޕްލޮމެސީއަށް ނުރައްކަލެއް ކުރިމައްޗެއްނުކުރާނަން. އަހަރެމެން ބޭނުންވަނީ އަހަރެމެންގެ ސަލާމަތްތެރިކަން ކަށަވަރުވެފައި އޮތުމާއި ސުލްހަ،" ޒެލެންސްކީ ކުރިން ވިދާޅުވެފައިވެއެވެ.
ވިޓްކޮފާއި ކަޝްނާ ރަޝިޔާ އާއި ޔޫކްރެއިނަށް ދަތުރުކުރާ ދުވަސްތަކުގައި އެއް ގައުމުން އަނެއް ގައުމަށް ހަމަލާނުދޭނެކަމަށް ރަޝިޔާ އާއި ޔޫކްރެއިނުން ބުނެފައިވެއެވެ.



advertisment