Support Us

ޔަމަންގެ ވެރިރަށް ސަންއާގައި ބޭއްވި މުޒާހަރާއެއްގައި ހޫތީންނަށް ތާއީދުކުރާ މީހެއް

ސައޫދީގެ މުހިންމު ދެ ތެޔޮ މަރުކަޒަކަށް ހޫތީންގެ ހަމަލާތަކެއް

ޔަމަންގެ ވެރިރަށް ސަންއާގައި، ބައިނަލްއަގުވާމީ މުޖުތަމައުން ގަބޫލުނުކުރާ ސަރުކާރެއް ގާއިމުކޮށްގެން ތިބި، އީރާނުން ވާގިވެރިވާ ހޫތީ ޖަމާއަތުން ސައޫދީ އަރަބިއްޔާގެ މުހިންމު ދެ ތެޔޮ މަރުކަޒަކަށް މިއަދު ހަމަލާތަކެއްދީފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ތެޔޮ ކުންފުނި، ސައޫދީގެ އަރަމްކޯގެ ޖީޒާންގައި ހުންނަ ތެޔޮ މަރުކަޒަށް ހޫތީން މިސައިލާއި ޑްރޯނުން ދިން ހަމަލާ ވަނީ އެ ތަނަށް އަރައިފައެވެ. ނަމަވެސް ޔަންބުއުއަށް ދިން ހަމަލާވަނީ އިންޓަސެޕްޓްކޮށްފައެވެ. މި އިން ހަމަލާއެއްގައި އެއްވެސް މީހަކު މަރުވި ކަމަކަށް ނުވަތަ ޒަހަމްވި ކަމަކަށް ސައޫދީން އަދި ނުބުނެއެވެ.

ހޫތީން ބުނީ ޖީޒާނަށާއި ޔަންބުއުއަށް ހަމަލާދިނީ ހޫތީން ހިފައިގެން ތިބި ޔަމަންގެ ހުދައިދާއަށް ސައޫދީން ހުކުރު ދުވަހު ހަމަލާދިނުމުން ކަމަށެވެ.

ރަތް ކަނޑާއި ހޫތީންގެ ބާރު ހިނގާ ސަރަހައްދުތަކަށް ސައޫދީއާ ގުޅިފައިވާ ބޯޓުފަހަރު ވަދެއްޖެނަމަ ހަމަލާދޭނެ ކަމަށް ހޫތީން މި ދިޔަ ހޯމަ ދުވަހު ވަނީ އިންޒާރުދީފައެވެ. ސަބަބެއް ކަމަށް ބުނީ އީރާނަށާއި ހޫތީންނަށް ހަމަލާދިނުމަށް ސައޫދީން އެމެރިކާއަށް ވާގިވެރިވާތީއެވެ.

"އަހަރެމެން ސައޫދީގެ ތެޔޮ މަރުކަޒުތަކަށް ހަމަލާދިނީ އަހަރެމެންނާ ދެކޮޅަށް ސައޫދީން ހަމަލާދޭތީ. އަހަރެމެންގެ ކަނޑާއި ވައިގެ ބަނދަރުތަކަށް ސައޫދީން ހުރަސްއަޅައި، އަހަރެމެންގެ ރައްޔިތުންނަށް ކާބޯތަކެތި، ބޭސް އަދި ތެޔޮ ނުލިބޭނެ ގޮތް ހަދައިފައިވާތީ،" ހޫތީގެ އަސްކަރީ ގޮފީގެ ތަރުޖަމާނު ޔަހްޔާ ސަރީއު ބުންޏެވެ.

"ހޫތީންގެ ހަމަލާތަކަކީ ސަރަހައްދީ އަދި މުޅި ދުނިޔޭގެ ވެސް ހަކަތައިގެ ސަލާމަތްތެރިކަމަށް ހުރި ބިރެއް،" ސައޫދީން ބުންޏެވެ.

ސައޫދީން ބުނީ އެ ގައުމުގެ އާއްމު ރައްޔިތުންނާއި އަސާސީ އިންފްރާސްޓްރަކްޗަރު ރައްކާތެރިކުރަން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ދުނިޔެއިން ބަލައިގެންފައިވާ ޔަމަންގެ ސަރުކާރު މިހާރު ގާއިމުކޮށްފައިވަނީ ޔަމަންގެ އަދަންގައެވެ. ހޫތީން 2014 ގައި ސަންއާ ހިފުމުން ސައޫދީ އާއި ސައޫދީއާ ގުޅިފައިވާ ކޯލިޝަނަކުން ދަނީ ހޫތީންނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު ވެސް އަޅަމުންނެވެ. މި މަހު 13 ގައި އީރާންގެ ފްލައިޓެއް ޖެއްސިޔަނުދިނުމަށް ސަންއާގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ ރަންވޭއަށް ސައޫދީ ކޯލިޝަނުން ބޮން ވެސް އެޅިއެވެ.

ސަރަހައްދުގެ އެއްވެސް ގައުމަކަށް ހޫތީން ހަމަލާދީފިނަމަ، އެ ކަމުގެ ޒިންމާ އީރާންގެ ބޮލުގައި އަޅުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ދިޔަ ބުރާސްފަތި ދުވަހު ވިދާޅުވިއެވެ. އަދި އދ.އިން މި ދިޔަ ބުރާސްފަތި ދުވަހު ހޫތީންނަށް ގޮވައިލީ ޔަމަންގެ ސަރުކާރާއެކު ސުލްހައިގެ ވާހަކަތަކަށް އެނބުރި ދިއުމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *