އިސްރާއީލުގެ ރަސްމީ އިދާރާތަކާއި ސަލާމަތީ ބާރުތައް ޣައްޒާގެ ކުޑަކުދިން އަމާޒުފަތްގަނޑަކަށް ހަދަމުންދާ ކަމަށާއި މިއީ ނަސްލު ނައްތައިލުން ނުވަތަ ޖެނޮސައިޑް ކަމަށް އދ.އިން ބުނެފިއެވެ.
އދ.ގެ ނުރަސްމީ ކޮމިޝަނަކުން އިއްޔެ ނެރުނު ރިޕޯޓެއްގައި ބުނީ އިސްރާއީލުން ފަލަސްތީން ކުޑަކުދިންނާ ދެކޮޅަށް ގަސްދުގައި ހަމަލާދޭ ކަމަށެވެ.
"މި އަމަލުތަކަކީ ނަސްލު ނައްތައިލުމެއް، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާއެއް އަދި ހަނގުރާމައިގެ ކުށްތަކެއް،" ރިޕޯޓުގައި ބުންޏެވެ.
ދެ އަހަރުވީ ޣައްޒާ ހަނގުރާމަ ފެށި ފަހުން ޝަހީދުކޮށްލި 72،800 މީހުންގެ ތެރެއިން 30 ޕަސެންޓަކީ ކުޑަކުދިން ކަމަށް ރިޕޯޓުގައި ބުންޏެވެ.
ޣައްޒާ ހިންގާ ހަމާސްއިން ބުނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ގަސްދުގައި ކުށްތަކެއް ހިންގާކަން އދ.ގެ ރިޕޯޓުން ކަށަވަރުވާ ކަމަށެވެ.
"ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލު ޒިންމާދާރު ކުރުވަން ޖެހޭނެ،" ހަމާސްގެ އޮފިޝަލެއް ކަމަށްވާ ބާސަމު ނައީމު ބުންޏެވެ.
އދ.ގެ މި ތުހުމަތާ އިސްރާއީލުން ދެކޮޅުހެދިއެވެ. އިސްރާއީލުން ބުނީ މިއީ އިސްރާއީލުގެ އަގުވައްޓައިލަން އދ.އިން ނެރުނު ދެވަނަ ރިޕޯޓެއް ކަމަށެވެ. އިސްރާއީލުން އިޝާރާތް ކުރީ ޣައްޒާ ހަނގުރާމަ ހުއްޓައިލަން އެމެރިކާ މެދުވެރިވެގެން ހަމާސްއާއެކު އިސްރާއީލުން ގާއިމު ކުރި ސީޒްފަޔާއަށްފަހު ވެސް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި ދުވާލަކު ކުޑަކުއްޖަކު ޝަހީދު ވަމުންދާ ކަމަށް އދ.ގެ ކުޑަކުދިންނާ ބެހޭ އިދާރާ ޔުނިސެފުން ދާދި ފަހުން ބުނުމާއެވެ.
އިސްރާއީލުން ބުނީ ހަމާސްއިން ހިންގާ ޖަރީމާތަކާ އދ.އިން އަޅާނުލާ ކަމަށާއި އދ. ވަނީ ހަމާސް ކޮޅަށް ޖެހިފައި ކަމަށެވެ.



advertisment