ލުބްނާންގެ ވެރިރަށް ބައިރޫތަށް ސިފައިން ނުފޮނުވާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ދިޔަ ހޯމަ ދުވަހު ބުންޏަސް އިސްރާއީލުން ބައިރޫތު ކައިރިއަށް ހަމަލާދީ ނުވަ މީހުން މަރައިލައިފިއެވެ.
އިސްރާއީލުން އިއްޔެ ހަމަލާދިނީ ލުބްނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް މެދުކަނޑައިލުމުގެ ވާހަކަތައް އެމެރިކާ މެދުވެރިވެގެން ކުރިއަށް ގެންދަނިކޮށެވެ.
އިސްރާއީލުން ލުބްނާންގެ އާއްމުންނާއި ސިއްހީ ޓީމުތަކަށް ހަމަލާ އަމާޒުކުރަމުންދާ ކަމަށް ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.
"އިސްރާއީލުން ޑްރޯނާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުގައިވާ އެމްބިއުލަންސްތަކާއި އެހެނިހެން ވެހިކަލްތަކާއި އަދި ޓައުންތަކަށް ހަމަލާދީފައި،" ލުބްނާންގެ އޮފިޝަލަކު ބުންޏެވެ.
އީރާނުން ވާގިވެރިވާ ލުބްނާންގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲއިން ވަނީ އިސްރާއީލުގެ ހަމަލާތައް ކުށްވެރިކޮށްފައެވެ.
"ހަމަލާތަކުން ދޭހަވަނީ އިސްރާއީލުން ސުލްހަ ބޭނުންނުވާކަން. އިސްރާއީލުގެ ދެކޮޅުވެރިކަމާ އަހަރެމެން ވެސް ދެކޮޅުހެދުން ކުރިއަށްގެންދާނަން،" ހިޒްބުﷲގެ ލީޑަރު ނައީމު ގާސިމު ބުންޏެވެ.
އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް ބުނީ އިސްރާއީލުގެ އުތުރު ސަރަހައްދަށް ދޭ ހަމަލާތައް ކުރިއަށްގެންދާނަމަ "ބައިރޫތަށް އަމާންކަމެއް ނުދޭނެ" ކަމަށެވެ.
"އަހަރެމެން އަދިވެސް މި ދަނީ ލުބްނާނުން އަހަރެމެންނަށް ދިން ރޮކެޓް ހަމަލާތަކެއް ތަހުގީގުކުރަމުން،" ނަތަންޔާހޫ ބުންޏެވެ.
ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ނޮވެމްބަރު 2024 ގައި ގާއިމުކުރި ސީޒްފަޔާއަށް އިސްރާއީލުން އިހްތިރާމެއްނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމުން، ހިޒްބުﷲއިން ވެސް އަލުން، މާރިޗު ދެއަކުން ފެށިގެން އިސްރާއީލަށް ހަމަލާދޭން ފެށިއެވެ. މި ދިޔަ އެޕްރިލް މަހު 16 ގައި އެމެރިކާ މެދުވެރިވެގެން 45 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރި ނަމަވެސް އިސްރާއީލާއި ހިޒްބުﷲއިން ދިޔައީ ހަމަލާ ބަދަލުކުރަމުންނެވެ.



advertisment