Support Us

ހިޒްބުﷲ- އިސްރާއީލު ދެކޮޅުވެރިކަމުގެ ތެރެއަށް ސީދާ ޓްރަމްޕް ވަދެއްޖެ

އީރާނުން ވާގިވެރިވާ ލުބްނާންގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލުކުރުންތައް ހުއްޓައިލައިތޯ ދެ ފަރާތާ ސީދާ ވާހަކަދައްކަވައިފި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް (ފޮޓޯ) ވިދާޅުވީ އިސްރާއީލަށް ހަމަލާނުދޭނެ ކަމަށް ހިޒްބުﷲގެ ވަރަށް މަތީ ފަންތީގެ މަންދޫބުން އިއްޔެ ބުނި ކަމަށާއި ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލު ސިފައިން ނުވަންނާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނި ކަމަށެވެ.

ޓްރަމްޕް ނަތަންޔާހޫއަށް ކޯލެއް ކުރެއްވީ ލުބްނާންގެ ވެރިރަށް ބައިރޫތު ކައިރީގައި އިސްރާއީލުގެ ސިފައިން އޮޕަރޭޝަންތަކެއް ހިންގާނެ ކަމަށް ނަތަންޔާހޫ އިންޒާރު ދިނުމުންނެވެ.

"އަހަރެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރި ކޯލުގެ ނަތީޖާ ވަރަށް ރަނގަޅު. ހުރިހާ ހަމަލާތަކެއް ހުއްޓޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ހިޒްބުﷲގެ މަންދޫބުންނަށް ކޯލުކުރެއްވީ ހަފުތާބަންދުން ފެށިގެން އިއްޔެއާ ހަމައަށް ވެސް އިސްރާއީލުގެ އުތުރަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް، ލުބްނާނުން ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅައިފައިވާ ހިޒްބުﷲއިން ދިނުމުންނެވެ.

"އަހަރެން ހިޒްބުﷲއަށް ކުރި ކޯލުގެ ނަތީޖާ ވެސް ވަރަށް ރަނގަޅު،" ޓްރަމްޕް ވިދާޅުވިއެވެ.

ނަތަންޔާހޫ ބުނީ ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދިނުން ނުހުއްޓައިލައިފިނަމަ އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދުގައި އަސްކަރީ އޮޕަރޭޝަންތައް ކުރިއަށްގެންދާނެ ކަމަށެވެ.

"އެ ނިންމުން ބަދަލެއް ނުކުރާނަން،" އޭނާ ބުންޏެވެ.

ލުބްނާންގެ ގާނޫނު ހަދާ މަޖިލީހުގެ ހިޒްބުﷲއާ ސިޔާސީ ގޮތުން ގުޅިފައިވާ މެންބަރު ހަސަން ފަޟްލުﷲ ވިދާޅުވީ އިސްރާއީލުގެ ސިފައިން ލުބްނާންގެ ބިމުން ފައިބައިފިނަމަ އިސްރާއީލާއެކު ފުރިހަމަ ސީޒްފަޔާއެއް ގާއިމުކުރަން ތާއީދުކުރައްވާނެ ކަމަށެވެ.

ސީދާކޮށާއި ނުސީދާކޮށް ހިޒްބުﷲއާ ވާހަކަދެއްކެވި ކަމަށާއި އަދި ނަތަންޔާހޫއަށް ވެސް ގުޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވިޔަސް ހިޒްބުﷲ އާއި އިސްރާއީލު ސިފައިންނާ ދެމެދު އަދިވެސް ހަމަލާ ބަދަލުކުރުން ދަނީ ކުރިއަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ނޮވެމްބަރު 2024 ގައި ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ގާއިމުކުރި ސީޒްފަޔާއަށް އިސްރާއީލުން އިހްތިރާމެއްނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމުން، ހިޒްބުﷲއިން ވެސް އަލުން، މާރިޗު ދެއަކުން ފެށިގެން އިސްރާއީލަށް ހަމަލާދޭން ފެށިއެވެ. މި ދިޔަ އެޕްރިލް މަހު 16 ގައި އެމެރިކާ މެދުވެރިވެގެން 45 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރި ނަމަވެސް އިސްރާއީލާއި ހިޒްބުﷲ ދިޔައީ ހަމަލާ ބަދަލުކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *