އިޓަލީގެ އާޓިސްޓެއްގެ 6.2 މިލިއަން ޑޮލަރު (97 މިލިއަން ރުފިޔާ)އަށް 2024 ގައި ނީލަމުގައި ވިކުނު ފާރުގައި ޑަކްޓް ޓޭޕުން ހަރުކުރި ދޮންކޭލުގެ ކޮންސެޕްޓް އާޓްވޯކް ފްރާންސްގެ ދާރުލްއާސާރަކުން ވަގަށް ނަގައިފިއެވެ.
މިއީ މައުރިޒިއޯ ކެޓަލަން އެމެރިކާގައި 2019 ގައި ތައާރަފުކުރި މި އާޓްވޯކް ގެއްލުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އެކި ދާރުލްއާސާރުތަކުގެ ފާރުގައި ހަރުކޮށްފައިވަނިކޮށް ބައެއް މީހުން ވަނީ، ކުނިވާނެތީ ތިން ދުވަހުން ތިން ދުވަހުން ދާރުލްއާސާރުތަކުން އާ ކުރާ ދޮންކެޔޮ ވައް ކައިލައިފައެވެ.
މި ފަހަރު ސަންޓްރަ ޕޮމްޕީޑޫ މެސް ދާރުލްއާސާރުން "ކޮމެޑިއަން" ނަމަކަށް ކިޔާ މި އާޓްވޯކް ގެއްލުނުކަން ފާހަގަވީ މުވައްޒަފަކަށް މި ދިޔަ ހޮނިހިރު ދުވަހުއެވެ.
ދާރުލްއާސާރުގެ މުވައްޒަފުން ވަނީ އާޓްވޯކް ގެއްލުނުކަން ވަގުތުން ފުލުހުންނަށް އަންގައިފައެވެ. އަދި އާ ދެންކެޔޮ ވަކެއް ފާރުގައި ހަރުކޮށްފައެވެ.
"ވަގަށް ނެގުމުން ދޭހަވަނީ އާޓްވޯކަށް އެއްވެސް އިހުތިރާމެއް ނުކުރާކަން،" ދާރުލްއާސާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
މި ފަހަރު ފުލުހުންނަށް އެންގީ ވަގަށް ނެގި މީހާ ފިލުމުން ކަމަށް ދާރުލްއާސާރުން ބުންޏެވެ. އެހެން ފަހަރުފަހަރު ދޮންކެޔޮ ކައިލި މީހުން ފިލައިފައެއް ނުވެއެވެ.
މިއީ ދުނިޔޭގައި މިހާރު އެންމެ ވާހަކަދެކެވޭ މި ޒަމާނުގެ އެއް އާޓްވޯކެވެ.
ކެޓަލަން ބުނީ މިއީ ދޮންކޭލެއްގެ އަގު ބޮޑުވުން ނޫން ކަމަށެވެ. ނަމަވެސް މިއީ އޭނާ ތައްޔާކުރި ކޮންސެޕްޓް ނުވަތަ މި އާޓުގެ މާނަ ވިކުނު އަގު ކަމަށެވެ.
ދޮންކޭލަކީ ދުނިޔޭގެ ވިޔަފާރީގައި ހިމެނޭ ނާމާން އިސްތިއުމާރުކުރުމުގެ ރަމްޒެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެއެވެ.
ކެޓަލަންގެ އާޓްވޯކާ ގުޅުވައިގެން ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ މުހައްމަދު ސިރުހާން (ސިރު އާޓްސް) ސިޔާސީ ކުލަ ވެސް ޖައްސައިގެން ކަށިކެޔޮވަކެއް ޑަކްޓް ޓޭޕަކުން ފާރެއްގައި ހަރުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް އެއިރު އާއްމުކުރިއެވެ. ކުރެހުން ވިއްކާ އަގެއްގެ ގޮތުގައި އޭނާ ޖެހީ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)އެވެ.
"އާޓެއް ނުވަތަ ކުރެހުމެއްގެ އަގު ކަނޑައެޅުން އެއީ ކިހިނެތް ވާކަމެއްކަން އަސްލު ނޭނގޭ،" ފޮޓޯއަކާ ތަފާތެއް ނެތް ގޮތަށް، ޓޭޕް އަޅައިފައިވާ ކަށިކެޔޮވައް ކުރެހި ސިރު އެއިރު "އަދިވެސް"އަށް ބުންޏެވެ.



advertisment