މި ހަފުތާގައި ވައިރަލް ވި އެއް ހަބަރަކީ އެމެރިކާގައި އިޓަލީގެ އާޓިސްޓް މައުރިޒިއޯ ކެޓަލަން ދޮންކެޔޮވަކެއް ފާރެއްގައި ޑަކްޓް ޓޭޕަކުން ހަރުކޮށްފައި ހެދި "އާޓެ"އް 6.2 މިލިއަން ޑޮލަރު (97 މިލިއަން ރުފިޔާ) އަށް ނީލަމުގައި ވިކުމެވެ.
މި ކަން މިހާރު ވަނީ ބޮޑު ބަހުސަކަށްވެފައެވެ: ދޮންކެޔޮވަކެއްގެ އަގު މިހާ ހިސާބަށް އެރީ ކީއްވެ ބާވައެވެ؟
މި ކަމާ ގުޅުވައިގެން ރާއްޖޭގެ މަޝްހޫރު ކުރެހުންތެރިޔާ މުހައްމަދު ސިރުހާން (ސިރު އާޓްސް) މިހާރު ވަނީ ކަށިކެޔޮވަކެއް ޑަކްޓް ޓޭޕަކުން ފާރެއްގައި ހަރުކޮށްފައިވާ މަންޒަރު ދައްކުވައިދޭ ކުރެހުމެއް އާއްމުކޮށްފައެވެ. ކުރެހުން ވިއްކާ އަގެއްގެ ގޮތުގައި ޖަހައިފައިވަނީ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ)އެވެ.

ސިރު މިއަދު ބުނީ ދޮންކެޔޮވަކެއްގެ ކުރެހުމެއް އާދަޔާ ހިލާފު ބޮޑު އަގަކަށް ވިކުމުން މި ދުވަސްކޮޅާ ގުޅުވައިލައިގެން އޭނާ ވެސް ކަމެއްކޮށްލީ ކަމަށެވެ.
"އާޓެއް ނުވަތަ ކުރެހުމެއްގެ އަގު ކަނޑައެޅުން އެއީ ކިހިނެތް ވާކަމެއްކަން އަސްލު ނޭނގޭ،" ފޮޓޯއަކާ ތަފާތެއް ނެތް ގޮތަށް، ޓޭޕް އަޅައިފައިވާ ކަށިކެޔޮވައް ކުރެހި ސިރު މިއަދު "އަދިވެސް"އަށް ބުންޏެވެ.
ސިރު ބުނީ އޭނާގެ ކަށިކެޔޮވައް ކުރެހުމުގައި ސިޔާސީ ކުލައެއް ވެސް ޖައްސައިފައިވާ ކަމަށެވެ. އެއީ މި ކުރެހުމުގެ ނަމަކަށް "ފޫވައް" މި ނަން ދީފައިވާތީއެވެ.
އޭނާ ބުނީ މިއީ އެމް.ޑީ.ޕީ ރޫޅާލާނީ ކަށިކެޔޮގަނޑުގެ ފޫވައް ވައްޓައިލުމުން އެ ކަށިކެޔޮގަނޑު ރޫޅާލެވޭނެގޮތަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުމާ ގުޅުވައިގެން ކަމަށެވެ.
ކެޓަލަންގެ ކުރެހުން އަގުބޮޑުކޮށް ވިކުމުން ނިއު ޔޯކްގެ ކޮލަމްބިއާ ޔުނިވާސިޓީގެ އާޓްސް ދާއިރާއާ ބެހޭ ބައިގެ އެސިސްޓެންޓް ޕްރޮފެސަރު ކްލޮއެ ޖޯންސް ބުނީ ދޮންކެޔޮވަކަކީ ދުނިޔޭގެ ގުޅުންތަކުގެ އަނދިރިފަރާތް ދައްކައިދޭ އެއްޗެއް ކަމަށެވެ.
"ދޮންކޭލަކީ ދުނިޔޭގެ ވިޔަފާރީގައި ހިމެނޭ ނާމާން އިސްތިއުމާރުކުރުމުގެ ރަމްޒެއް،" އޭނާ ބުންޏެވެ.
ކެޓަލަން ބުނީ މިއީ ދޮންކޭލެއްގެ އަގު ބޮޑުވުން ނޫން ކަމަށެވެ. ނަމަވެސް މިއީ އޭނާ ތައްޔާކުރި "ކޮންސެޕްޓް" ނުވަތަ މި އާޓުގެ މާނަ ވިކުނު އަގު ކަމަށެވެ.
"މިއީ ތަސައްވުރެއް. މާނައަކީ ވިސްނުމުގައި އުފެދޭ ޚިޔާލެއް ނުވަތަ ފިކުރެއް. އެއީ ވަކި ކަމަކާ ގުޅޭ ގޮތުން އުފެދޭ އާންމު ވިސްނުމެއް ނުވަތަ އުސޫލެއް،" އޭނާ ބުންޏެވެ.



advertisment