އެމެރިކާއިން ހުށަހެޅި އާ ސުލްހައިގެ ޑީލަށް އީރާން އެއްބަސްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އެމެރިކާއިން ބުނެފިއެވެ.
މިއީ ހުރުމުޒު ކަނޑުއޮޅީގައި ދެ ގައުމުގެ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުންދާ ދަޑިވަޅެއް ކަމަށް ވިޔަސް، އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ) ވިދާޅުވީ އެމެރިކާއިން ހުށަހެޅި އާ ސުލްހައިގެ ޕްލޭނަކީ ގަލްފު ސަރަހައްދަށް ހަމަޖެހުން ގެނެސް، ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް އެމެރިކާއިން ފެށި ހަނގުރާމަ މެދުއިރުމައްޗަށް އަލުން ނުފެތުރޭނެ ގޮތް ހެދުމަށް ހުށަހެޅި ޑީލެއް ކަމަށެވެ.
"އީރާންގެ ޖަވާބަކަށް މި ދަނީ އިންތިޒާރުކުރަމުން. އަހަރެން އުއްމީދުކުރަނީ އަހަރެމެން މި ހުށަހެޅި އާ ޑީލަކީ ސުލްހައިގެ ވާހަކަތައް އަލުން ފަށަން އީރާނުން ސީރިއަސްވާނެ ޑީލެއް ކަމަށް،" އޭނާ ވިދާޅުވިއެވެ.
އެމެރިކާއިން ހުށަހެޅި އާ ޑީލުގައި މައިގަނޑު ގޮތެއްގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑައިލުމާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ވިޔަފާރިކުރާ އުޅަނދުތަކަށް ފުރިހަމައަށް އަލުން ހުޅުވައިލުން ހިމެނެއެވެ.
މީގެ އިތުރުން އީރާންގެ ނިއުކްލިއަ ޕްރޮގްރާމްގެ ދަށުން ޔުރެނިއަމް މާއްދާ ފައްކާކުރުމާއި އީރާނުން މިސައިލް އުފެއްދުން މަދުކުރުން ހިމެނެއެވެ.
އެމެރިކާއިން ހުށަހެޅި މި ކަންތައްތަކަކީ، މި ކަންތައްތަކަށް އީރާނުން އެއްބަސްވެއްޖެނަމަ، އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުޔެއް ދޭނެ ކަންތައްތަކެއް ކަމަށް އެމެރިކާއިން ބުންޏެވެ.
އެމެރިކާގެ މި ޑީލުގައި އީރާނުން މިހާތަނަށް ވެސް އެއްބަސްނުވާ މައިގަނޑު ކަންތައްތަކެއް ހުރީމާ އީރާނުން ރަސްމީކޮށް ދޭނެ ޖަވާބެއް އަދި ނޭނގެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އެމެރިކާއިން ޑިޕްލޮމެޓިކް ހައްލެއް ބޭނުންވިޔަސް އެމެރިކާއާއެކު އީރާނުން ސުލްހަ ނުވެއްޖެނަމަ، ހަނގުރާމަ އަލުން ފަށާނީ މާ ވަރުގަދަކޮށް ކަމަށެވެ.
"އީރާނުން އެއްބަސްވާނީ އިންސާފުވެރި އަދި ވަށާޖެހޭ އެއްބަސްވުމަކަށް،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.
ހުރުމުޒުގައި އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވެފައިވާތީ މިވީ ހަތަރު ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 103 ޑޮލަރު (1،588ރ.)ގައެވެ.
ބައެއް ދިރާސާވެރިން ބުނީ ހުރުމުޒު އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment