ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތި މި ދިޔަ މަހު މެދުކަނޑައިލިޔަސް، ހުރުމުޒު ކަނޑުއޮޅި ކައިރީގައި އެމެރިކާ އާއި އީރާނުން ހަމަލާ ބަދަލުކުރުމުން އެ ސީޒްފަޔާއަށް ގުޑުން އަރައިފިއެވެ.
ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ) ކައިރިން އެމެރިކާގެ ހަނގުރާމަމަތީ އުޅަނދުތަކަކަށް އީރާނުން މިސައިލާއި ޑްރޯނާއި ފާސްޓް ބޯޓުން ހަމަލާދިން ކަމަށް އެމެރިކާއިން ބުންޏެވެ. ބަދަލުގައި އީރާންގެ މިސައިލާއި ޑްރޯން މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދިން ކަމަށް އީރާނުން ބުންޏެވެ.
މި ހަމަލާތައް ބަދަލުކުރީ، ހަނގުރާމަ ފެށުމުން އީރާނުން ހުރުމުޒު ބަންދުކޮށްލުމުން، ހުރުމުޒުން ދަތުރުކުރާ އުޅަނދުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ހިމާޔަތް ދޭން ފަށައިފައިވަނިކޮށެވެ.
މި ކުރިމަތިލުމަށްފަހު އެމެރިކާއިން ބުނީ އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ޑިޕްލޮމެޓިކް ހައްލެއް ގެނައުމަކީ އަދިވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.
"ސީޒްފަޔާ އަދިވެސް ދެމި އެބައޮތް. މި ހަނގުރާމަ އަވަހަށް ނިންމައިލަން އަހަރެމެން ބޭނުން،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއިން ދިން ހަމަލާތައް އީރާނުން ހަރުކަށިކޮށް ކުށްވެރިކުރިއެވެ.
"އެމެރިކާއިން ވަނީ އާއްމުން ދިރިއުޅޭ ތަންތަނަށް ވެސް ހަމަލާތައް އަމާޒުކޮށްފައި. އަހަރެމެންނާއެކު ސުލްހަވާން އެމެރިކާއިން ފާޅުކުރި ނިޔަތާމެދު މިހާރު އަހަރެމެންނަށް ޝައްކު އުފެދިއްޖެ،" އީރާންގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަނާނީ ބުންޏެވެ.
އީރާންގެ އާއްމުން ދިރިއުޅޭ ތަންތަނަށް އެމެރިކާއިން ހަމަލާދިން ކަމަށް އީރާނުން ބުންޏަސް، ސީޒްފަޔާއަށް ގުޑުން އަރުވައިލައިފައި އެމެރިކާއިން އެންމެ ފަހުން މި ދިން ހަމަލާތަކުގައި އީރާންގެ އާއްމުންގެ އެއްވެސް މީހަކު މަރުވި ކަމަކަށް އީރާނުން އަދިއެއް ނުބެނެއެވެ.
ހުރުމުޒުގައި އެމެރިކާ އާއި އީރާނާ ދެމެދު މަސްރަހު ހޫނުވެފައިވާތީ މިވީ ތިން ދުވަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 103 ޑޮލަރު (1،588ރ.)ގައެވެ.
ބައެއް ދިރާސާވެރިން ބުނީ ހުރުމުޒު އީރާނުން ބަންދުކޮށްފައި އޮތްއޮތުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބިއްޖެނަމަ މި އަހަރުގެ ބާކީ ބައިގައި ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ 100 ޑޮލަރު (1،542ރ.)އަށްވުރެ ދަށަށް ނުދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment