ލުބްނާނަށް ހަމަލާ ނުދޭނެ ކަމަށް އެއްބަސްވެފައި ވެސް އިސްރާއީލުން އަނެއްކާވެސް ދިން ހަމަލާތަކެއްގައި 12 މީހުން މަރުވެއްޖެއެވެ.
އިއްޔެ ދިން ހަމަލާތަކުގައި ނަބާތިޔާ އަވަށުގެ ހަބޫޝް ވިލެޖްގައި އަށް މީހުން މަރުވިއިރު ސޫރު ސިޓީން ހަތަރު މީހުން މަރުވިއެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖެއް ހިމެނެއެވެ. މީގެ އިތުރުން ކުޑަކުއްޖަކާއި އަންހެނެއް ހިމެނޭ ގޮތަށް އަށް މީހުން ވަނީ ޒަހަމްވެފައެވެ.
އިސްރާއީލުން ވަނީ ސްކޫލަކާއި ނަސޯރާ ފައްޅިއަކާއި ގެތަކެއް ވެސް ސުންނާފަތިކޮށްލައިފައެވެ.
ލައިތަނީ ކޯރުގެ އުތުރުގައި އޮންނަ ހަބޫޝްއިން ގެދޮރު ދޫކޮށް ދާން އަމުރެއް ވެސް އިސްރާއީލުން ވަނީ ނެރެފައެވެ. ހަބޫޝްއަށް ހަމަލާދިނީ އެ ތަނާ އެއް ކިލޯމީޓަރު ދުރަށް ދާން ވިލެޖް މީހުންނަށް ސޯޝަލް މީޑިއާގައި އިސްރާއީލުން އަމުރެއް ނެރެފައެވެ. ނަމަވެސް ބުރާސްފަތި ދުވަހު ހަމަލާދިނީ އެއްވެސް އަމުރެއް ނުނެރެއެވެ. މިހެންވެ ބުރާސްފަތި ދުވަހު 28 މީހުން މަރުވިއެވެ.
އިސްރާއީލުން ބުނީ އިސްރާއީލުން އަމާޒުކުރީ އީރާނުން ވާގިވެރިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނަށް ކަމަށެވެ. ނަމަވެސް ގިނައިން މަރުވެފައިވަނީ އާއްމުންނެވެ.
ލުބްނާންގެ އެތެރޭގައި އުޅޭ އިސްރާއީލުގެ ސިފައިންނާއި އިސްރާއީލުގެ ވެހިކަލްތަކަށް ހިޒްބުﷲއިން އަދިވެސް ދަނީ ހަމަލާދެމުންނެވެ. އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދު ހިފައިގެން ތިބީ އެއީ ބަފަރު ޒޯނެއް ނުވަތަ ވެރި ފަރާތެއް ނެތް ބިމެއް ކަމަށް ބުނެފައެވެ.
"މާރިޗު ދެއަކުން ފެށިގެން އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،618 މީހުން މަރުވެ، 8،094 މީހުން ވަނީ ޒަހަމްވެފައި. ލުބްނާނާއި އިސްރާއީލާ ދެމެދު އެމެރިކާއިން މި ދިޔަ މަހު 17 ގައި ސީޒްފަޔާއެއް ގާއިމުކޮށް، އޭގެ ދަށުން މި މަހު 17 އާ ހަމައަށް ހަމަލާތައް ހުއްޓައިލަން އެއްބަސްވެފައި އޮތަސް އިސްރާއީލުން ހަމަލާތައް ކުރިއަށް ގެންދާތީ މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން،" ލުބްނާންގެ ސިއްހީ ވުޒާރާއިން އިއްޔެ ބުންޏެވެ.
ހިޒްބުﷲ އާއި އިސްރާއީލުން ހަމަލާ ބަދަލުކުރަން ފެށީ އޮކްޓޫބަރު 2023 ގައި އިސްރާއީލުން ޣައްޒާ ހަނގުރާމަ ފެށުމުންނެވެ. ނަމަވެސް ނޮވެމްބަރު 2024 ގައި ހިޒްބުﷲއާއެކު އިސްރާއީލުން ސީޒްފަޔާއެއް ގާއިމުކުރިއެވެ. އެހެނަސް އެ ސީޒްފަޔާ ވެސް އިސްރާއީލުން 10،000 އަށްވުރެ ގިނަ ފަހަރު މުގުރައިލިއެވެ.
އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައި، އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު އަލީ ހާމަނާއީ އަވަހާރަކޮށްލުމުން މާރިޗު ދެއެއްގައި ހިޒްބުﷲއިން އަނެއްކާވެސް އިސްރާއީލަށް ހަމަލާދޭން ފެށީއެވެ.



advertisment