ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށި ފަހުން ގަލްފު ގައުމުތަކުގެ ލީޑަރުން ފުރަތަމަ ފަހަރަށް ސީދާސީދާ ބައްދަލުކުރައްވައިފިއެވެ.
ސައޫދީ އަރަބިއްޔާގެ ޖިއްދާގައި އިއްޔެ ބޭއްވި ސަމިޓުގެ ބޭނުމަކީ ގަލްފު ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރޭގައި ވެސް އެ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އޮތްކަން ހާމަކުރުން ކަމަށް އޮފިޝަލުން ބުންޏެވެ.
ގަލްފު ކޫޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ޖަމިއްޔާގައި ހިމެނޭ މި ގައުމުތަކުން މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުއިރުމައްޗަށް ފެތުރުމުން އެ ކަމުގެ އިގުތިސާދީ އަދި ސަލާމަތީ އަސަރުތައް ހިމެނެއެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ހަމަލާދިނުމުގެ އިތުރުން އީރާނުން ވަނީ އެ ގައުމުތަކުގެ އެހެން ތަންތަނަށް ވެސް ހަމަލާދީފައެވެ. ނަމަވެސް ބަދަލުގައި އެއިން ގައުމަކުން މިހާތަނަށް އީރާނަށް ހަމަލާދީފައެއް ނުވެއެވެ. އެހެނަސް ގަލްފު ގައުމުތަކުގައި ހުރި ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް އީރާނުން އެއިރު ދެމުންދިޔަ ހަމަލާތަކަށް ގަލްފު ގައުމުތަކަށް ކެތްކުރެވޭނީ ވަކި ހައްދެއްގެ ތެރޭގައި ކަމަށް ސައޫދީން މާރިޗު 19 ގައި އީރާނަށް އިންޒާރުދިނެވެ.
"ސަމިޓުން ހާމަވެގެން ދިޔައީ މެދުއިރުމަތީގައި މިހާރު އޮތް ހަމަނުޖެހުންތަކުގެ ކުރިމަތީގައި ވެސް ގަލްފު ގައުމުތަކުގެ އެއްބައިވަންތަކަން އޮތްކަން،" ގަތަރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދުއްޘާނީ ވިދާޅުވިއެވެ.
އީރާނުން އަލުން ގަލްފު ގައުމުތަކުގެ އިތުބާރު ހޯދަން މަސައްކަތްކުރުމަށް ބައްދަލުކުރުމުގައި ގަލްފު ލީޑަރުން ގޮވައިލިއެވެ.
"ގަލްފު ގައުމުތަކާއެކު ގުޅުން ރަނގަޅުކުރަން ވަރަށް ސީރިއަސްކޮށް މަސައްކަތްކުރަން އީރާނަށް ގޮވައިލަން،" ޖީ.ސީ.ސީގެ އަމީންއާއްމު ޖާސިމުލްބުދައިވީ ބައްދަލުކުރުމުގައި ބުންޏެވެ.
އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގައި ތެޔޮ ދަތުރުކުރާ މަގުތަކަށް ބުރޫއަރައި، މެދުއިރުމަތީގެ ހަމަޖެހުން ގެއްލިފައިވާކަން ގަލްފު ގައުމުތަކުން މި ބައްދަލުވުމުގައި ފާހަގަކުރިއެވެ.



advertisment