Support Us

އީރާން، އެމެރިކާ ކަނޑުމަތީގެ ކުރިމަތިލުމަކަށް

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ މުއްދަތެއް ނެތް ގޮތަށް ބުދަ ދުވަހު މެދުކަނޑައިލިޔަސް ކަނޑުމަތީގައި އީރާނާއި އެމެރިކާގެ މަސްރަހު ހޫނުވެއްޖެއެވެ.

ކަނޑުގައި މައިން އަޅާ އީރާންގެ އުޅަނދުތަކަށް ހަމަލާދީ، އެ ކަމުގައި އުޅޭ މީހުން މަރައިލުމުގެ އަމުރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ނެރުއްވައިފިއެވެ.

"ހުރުމުޒު ކަނޑުއޮޅީގެ މައްޗަށް އަހަރެމެންނަށް ފުރިހަމަ ބާރު ލިބިއްޖެ. އަހަރެމެންނާއެކު ޑީލެއް ހަދަންދެން ހުރުމުޒު ބާއްވާނީ އެއްކޮށް ބަންދުކޮށްލައިފައި،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތާ އެއް ގޮތަށް އެމެރިކާގެ ކަނޑުގެ ސިފައިންވަނީ އީރާންގެ ތެޔޮ ގެންދިޔަ "މެޖެސްޓިކް އެކްސް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް (ފޮޓޯގައި) އަރައިފައެވެ. އެއީ އެ ތެޔޮ ޓޭންކަރު އިންޑިޔާ ކަނޑުގައި އޮއްވައެވެ.

އީރާންގެ ރައީސް މަސްއޫދު ފަޒަޝްކިއަން ވިދާޅުވީ އީރާނުން އެމެރިކާއަށް ދުލެއް ނުދޭނެ ކަމަށެވެ. އެ ގޮތުން އީރާންގެ ކަނޑުގެ ސިފައިން ހުރުމުޒުން ދަތުރުކުރި ދެ އުޅަނދަކަށް އަރައި، އޭގެން ޓޯލް ނެގި ކަމަށް އީރާނުން ބުންޏެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު އީރާނުން ބަންދުކޮށްލިއެވެ. ނަމަވެސް މި މަހު ހަތެއްގައި ހަމަލާތައް ދެ ހަފުތާއަށް މެދުކަނޑައިލުމުން އީރާނުން ހުރުމުޒު ހުޅުވައިލިއެވެ. އެކަމަކު ހަމަލާތައް މެދުކަނޑައިލައިފައި އޮތްއޮތުން ނުވަތަ ސީޒްފަޔާގެ މުއްދަތު ވަކި މުއްދަތެއް ނެތި އެމެރިކާއިން އިތުރުކުރިޔަސް އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއެޅުމުން އީރާނުން ހުރުމުޒު އަލުން ބަންދުކޮށްލިއެވެ. އީރާންގެ ބަނދަރުތަކަށް ހުރަސްއެޅީ އީރާނަށް އިގުތިސާދީ ޕްރެޝަރު ކުރިމަތިކޮށްގެން އެމެރިކާއާއެކު ޑީލެއް ހަދަން އީރާން އެއްބަސްކުރުވުމަށް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ދިފާއީ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ މެދުއިރުމައްޗަށް މިހާރު ތިންވަނަ ހަނގުރާމަމަތީ މަނަވަރެއް ގެންގޮސްފި ކަމަށެވެ.

އީރާނުން ބުނީ އެ ގައުމުގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައި އޮތްއޮތުން ކުރިއަށްގެންދާހާ ހިނދަކު އެމެރިކާއާއެކު އީރާނުން ޕާކިސްތާންގައި ބާއްވާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރަކަށް ނުދާނެ ކަމަށެވެ.

އީރާންގެ ލީޑަޝިޕްގައި ބައިބައިވުން އޮތް ކަމަށް ޓްރަމްޕް ވިދާޅުވިޔަސް އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނާއީ އެ ކަން ދޮގުކުރެއްވިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އޮތް ސީޒްފަޔާ ވަކި މުއްދަތެއް ނެތް ގޮތަށް ދަންމާލިޔަސް، ޑިޕްލޮމެޓިކް ހައްލަކަށް ދެ ގައުމުން ދާން ނޫޅޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ މައްޗަށް ގޮސްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 105 ޑޮލަރު (1،619ރ.)ގައި ހުރެފައި މިއަދު ވަނީ 106 ޑޮލަރު (1،634ރ.)އަށް އަރައިފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މާކެޓް ދިރާސާކުރާ ފަރާތްތަކުން މިއަދު ބުނީ ހުރުމުޒު ބަންދުކޮށްފައި އޮތްއޮތުން ދިގުލައިގެން ގޮސް މި މަހު އެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 150 ޑޮލަރު (2،313ރ.)އަށް އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *