Support Us

ސީޒްފަޔާ މާދަން ނިމެނީ، އީރާނަށް ޓްރަމްޕްގެ ހަރުކަށި ފަހު އިންޒާރެއް

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން ނުވަތަ ސީޒްފަޔާއަކަށްވި އެއްބަސްވުން މާދަމާ ނިމޭއިރު އީރާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަރުކަށި ފަހު އިންޒާރެއްދެއްވައިފިއެވެ.

ޓްރަމްޕް (ފޮޓޯ) މިހެން އިންޒާރުދެއްވީ މާދަމާ ރޭ ސީޒްފަޔާގެ މުހުލަތު ރަސްމީކޮށް ހަމަވުމުގެ ކުރިން މާދަމާ ހެދުނު ޕާކިސްތާންގައި އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ބާއްވަން ހަމަޖެހިފައިވަނިކޮށެވެ.

ޓްރަމްޕް ވިދާޅުވީ އީރާނުން އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ނުކޮށްފިނަމަ ހަނގުރާމަ މާ ނުރައްކާތެރިކޮށް އަލުން ފަށާނެ ކަމަށެވެ.

"އަހަރެމެންނާއެކު ޑީލެއް ނުހަދައިފިނަމަ އީރާނަށް ގިނަ އަދަދަކަށް ބޮންއަޅާނަން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ފަދަ ޑީލެއްގައި އީރާންގައި ހުރި ނިއުކްލިއަ ހަކަތައާ ގުޅޭ ހުރިހާ އާލާތްތައް ދޫކޮށްލަން އީރާނުން އެއްބަސްވާން ޖެހޭނެ ކަމަށެވެ.

އީރާނުން ބުނީ އެ ކަން ވެގެންދާނީ "މޭޒުމަތިން އަމާންދިނުމަކަށް" ކަމަށާއި އެމެރިކާއިން އަލުން ހަނގުރާމަ ފަށައިފިނަމަ އެ ކަމަށް އީރާން ވެސް ހަރުކަށިކޮށް ތައްޔާރު ކަމަށެވެ.

"އެމެރިކާއިން ބިރުދެއްކުން ކުރިއަށްގެންދާނަމަ، ހަނގުރައިމައިގެ މައިދާނުގައި އަހަރެމެން އާ ކަންތައްތަކެއް ދައްކައިލައިނަން،" އެމެރިކާއާއެކު ޕާކިސްތާންގައި ބޭއްވި ފުރަތަމަ ބުރުގެ ސުލްހައިގެ ވާހަކަތަކުގެ އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގަތް އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވިއެވެ.

ދުނިޔޭގެ ތެލުގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ކުރިން ހުޅުވައިލައިފައި މިހާރު އަލުން ބަންދުކޮށްފައި އޮތުމުން 2،000 އުޅަނދު އެ ތަނުގައި ތާށިވެ، ހާލުގައި ޖެހިފައިވާ 20،000 ސީމަނުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)އިން ގޮވައިލިއެވެ.

އީރާނާއި އެމެރިކާއާ ދެމެދު ނުތަނަވަސްކަން އުފެދިފައި އޮތަސް ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 96 ޑޮލަރު (1،480ރ.)ގައި ހުރެފައި މިއަދު ވަނީ 94 ޑޮލަރު (1،449ރ.)އަށް ދަށްވެފައެވެ. އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *