Support Us

ހުރުމުޒު އަލުން ބަންދުކުރުމުން އެމެރިކާ، އީރާންގެ ގުޅުން ނުތަނަވަސްވެފައި

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލަންވި އެއްބަސްވުން ނުވަތަ ސީޒްފަޔާގެ ދަށުން ހުރުމުޒު ކަނޑުއޮޅި އީރާނުން ހުޅުވައިލިއެވެ.

ނަމަވެސް އީރާނުގެ ބަނދަރުތަކަށް ދާ އުޅަނދުތަކާއި އެ ބަނދަރުތަކުން ފުރާ އުޅަނދުތަކަށް އެމެރިކާއިން ހުރަސްއެޅުމުން އީރާނުން މިހާރު ވަނީ ހުރުމުޒު (ފޮޓޯ) އަލުން ބަންދުކޮށްލައިފައެވެ.

އީރާނުން ބުނީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ބޭނުންކޮށްގެން އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އަދި އީރާންގެ ބަނދަރުތަކުން ފުރާ އުޅަނދުތަކަށް އެމެރިކާއިން ހުރަސްއެޅުމަކީ ސީޒްފަޔާއާ އެމެރިކާއިން ހިލާފުވުން ކަމަށެވެ.

އީރާނުން ހުރުމުޒު އަލުން ބަންދުކުރީ އެމެރިކާއާއެކު ސުލްހައިގެ މުއާހަދާއެއް ގާއިމުކުރަން އީރާނުން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.

"އަހަރެމެންގެ ކަނޑުގެ ސިފައިންނަށް އަހަރެމެންނަށް ގޯނާކުރާ ފަރާތްތައް ބަލިކޮށްލެވޭނެ،" ހުރުމުޒު އަލުން ބަންދުކޮށްލުމަށް ނިންމަވަމުން އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީ ވިދާޅުވިއެވެ.

ހުރުމުޒާ ކައިރިވާ އުޅަނދުތަކާ ދިމާއަށް އީރާނުގެ ކަނޑުގެ ސިފައިން މިހާރު ބަޑިޖަހާތީ، އެ އުޅަނދުތައް މިހާރު އަނބުރާލާފައިދަނީއެވެ.

އީރާނުން މިހާރު ބުނެފައިވަނީ އީރާންގައި ހުރި ނިއުކްލިއަ ހަކަތައާ ގުޅޭ ތަކެތި އެމެރިކާއާ ހަވާލުނުކުރާނެ ކަމަށެވެ.

"ގައުމެއްގެ ހައްގުތައް އެ ގައުމެއްގެ ކިބައިން ނިގުޅައިގަތުމަށް ޓްރަމްޕް އެއީ ކާކު؟" އީރާންގެ ރައީސް މަސްއޫދު ފަޒަޝްކިއަން ވިދާޅުވިއެވެ.

ހުރުމުޒު އަލުން ބަންދުކުރުމުން ޓްރަމްޕް ވިދާޅުވީ އީރާނަށް އެމެރިކާ "ބްލެކްމޭލް" ނުކުރެވޭނެ ކަމަށެވެ.

"އީރާންގެ ބަނދަރުތަކާ ދެކޮޅަށް އަހަރެމެންގެ ކަނޑުގެ ސިފައިން އަޅައިފައިވާ ހުރަސްތަކަށް ދުލެއް ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ އީރާނަށް ވާގިވެރިވާ އުޅަނދުފަހަރު އިންޓަސެޕްޓްކުރާނެ ކަމަށާއި ހުރުމުޒުން ދަތުރުކުރާ ވިޔަފާރި އުޅަނދުތަކަށް އީރާނުން ބަޑިޖަހާނަމަ އެ ކަމާ ދެކޮޅަށް ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ނުތަނަވަސްކަން މި އުފެދުނީ ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވި ދެ ހަފުތާގެ މުއްދަތު އަންނަ ބުދަ ދުވަހު ހަމަވާން ކައިރިވެފައިވަނިކޮށެވެ.

އީރާނުން ހުރުމުޒު ހުޅުވައިލުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 90 ޑޮލަރު (1،387ރ.)ގައި އިއްޔެ ހުރެފައި، އަލުން ހުރުމުޒު ބަންދުކުރި ނަމަވެސް އެ އަގަކަށް މިއަދު ބަދަލެއް ނާދެއެވެ. އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް