Support Us

އިސްރާއީލުން ލުބްނާނަށް ދިން ހަމަލާއެއްގައި އިމާރާތެއް ހަލާކުވެފައި

ލުބްނާނާއި އިސްރާއީލުގެ ލީޑަރުން މިއަދު ވާހަކަދައްކާނެ: ޓްރަމްޕް

ލުބްނާނާއި އިސްރާއީލުގެ ލީޑަރުން މިއަދު ވާހަކަދައްކާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ލުބްނާނާއި އިސްރާއީލުގެ ލީޑަރުން ވާހަކަދައްކާނެ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވި ނަމަވެސް އެއީ ލުބްނާނާއި އިސްރާއީލުގެ ކޮން ލީޑަރުންނެއްކަން އޭނާ ވިދާޅެއް ނުވެއެވެ.

ލުބްނާނާއި އިސްރާއީލުގެ ލީޑަރުން ވާހަކަދައްކައިފިނަމަ އެ ކަން ވެގެންދާނީ ވޭތުވެދިޔަ 34 އަހަރުގެ ތެރޭގައި ދެ ގައުމުގެ ވެރިން ވާހަކަދައްކާ ފުރަތަމަ ފަހަރަށެވެ.

ޓްރަމްޕްގެ ވިދާޅުވުން އައިސްފައި މި ވަނީ އަންގާރަ ދުވަހު އެމެރިކާގައި އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ލުބްނާނާއި އިސްރާއީލުގެ ސަފީރުން ނާދިރު ގޮތެއްގައި ސީދާ ވާހަކަދައްކައިފައިވަނިކޮށެވެ.

"ލުބްނާނާއި އިސްރާއީލުގެ ލީޑަރުން ވާހަކަދައްކަނީ ދެ ގައުމުގެ ދެމެދުގައި ނޭވާލާނެ ޖާގަ ހޯދައި، ދެ ގައުމުގެ ދެމެދުގައިވާ ހަމަނުޖެހުންތައް ހައްލުކުރަން،" ޓްރަމްޕް ވިދާޅުވިއެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް އުފެދިގެން އުޅެނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ލުބްނާންގައި ތިބެގެން އިސްރާއީލަށް ހަމަލާދޭތީއެވެ.

ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒުބްﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރިޔަސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން ވަނީ އިސްރާއީލަށް އަލުން ހަމަލާދޭން ފަށައިފައެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ހިޒްބުﷲ، އިސްރާއީލާއި ލުބްނާން ގުޅޭ ބޯޑަރުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ދެކުނު ލުބްނާންގައި ބައިތިއްބާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލިޔަސް އެ ސީޒްފަޔާގައި ލުބްނާން "މައްސަލަ" ނުހިމެނޭނެ ކަމަށް ޓްރަމްޕާއި އިސްރާއީލުން ބުނެފައި، އިސްރާއީލުން އަދިވެސް ދަނީ ލުބްނާނަށް ހަމަލާދެމުންނެވެ.

އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ލުބްނާންގެ 2،000 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *