Support Us

ޓޯނީ ކަވަލަރޯ (ވަކި ފޮޓޯގައި) އަދި އޭނާ ގެންގުޅުނު ކިނބޫ ސަރުކާރުން ގެންދަނީ

ސަރުކާރުން އަތުލި ކިނބޫ އަނބުރާ ނުހޯދަން ނިންމައިފި

މީހަކު 30 އަހަރު ވަންދެން ޕެޓެއްގެ ގޮތުގައި ގެންގުޅުނު އެލިގޭޓާ ބާވަތުގެ ކިނބުލެއް އެމެރިކާ ސަރުކާރުން އަތުލުމުން އެ ސޮރު ހޯދަން ކޯޓަށް ގޮސް މައްސަލަ ދިގުލައިގެންދާން ފެށުމުން އެ ސޮރު އަނބުރާ ނުހޯދަން އެ މީހާ ނިންމައިފިއެވެ.

"ސަރުކާރުން އަހަރެންނަށް އެ ކިނބޫ ދުވަހަކު ވެސް ނުދޭނެ. ޝަރީއަތަކާ ހިސާބަށް ދަންޏާ އަހަރެންގެ އަތުން އެތައް ހަރަދެއް ދާނެ. ދޮޅު އަހަރުގެ ހާސްކަން އަހަރެންނަށް ލިބޭނީ،" އުމުރުން 66 އަހަރުގެ، ނިއު ޔޯކް ސްޓޭޓްގައި ދިރިއުޅޭ ޓޯނީ ކަވަލަރޯ ބުރާސްފަތި ދުވަހު ބުންޏެވެ.

"އަލްބަޓް"ގެ ނަން ދީފައިވާ 11 ފޫޓުގެ ދިގުމިނާއި 340 ކިލޯގެ ބަރުދަން ހުރި ކިނބޫ، ތިމާވެށި ރައްކާތެރިކުރާ އިދާރާ، ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޒަން (ޑީ.އީ.ސީ)އިން ޓޯނީގެ އަތުން 2024 ގެ މާރިޗު މަހު އަތުލީ ޓޯނީގެ ގޭގައި އަލްބަޓް ގެންގުޅޭ ޕޫލަށް ޓޯނީގެ ރަހްމަތްތެރިން އެރުމަށް ފުރުސަތު ދީ، އަލްބަޓްއާ ގާތްވާން ވެސް ފުރުސަތު ދޭތީއެވެ. ސޯޝަލް މީޑިއާއަށް ލާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ވެސް ޓޯނީ ވެސް އަލްބަޓްއާ ގާތްވާ މަންޒަރު ފެނެއެވެ.

ޑީ.އީ.ސީން ކުރިން ބުނެފައިވަނީ އަލްބަޓް ގެންގުޅުމަށް ޓޯނީއަށް ދިން ހުއްދަ 2021 ގައި ބާތިލުވެފައިވާ ކަމަށެވެ. އަދި އެ ލައިސަންސް އާނުކުރާ ކަމަށެވެ. އެ އިދާރާއިން ބުނީ އަލްބަޓްގެ ދެ ލޮލަށް ނުފެންނަ ކަމަށާއި މައިބަދައިގައި ވެސް މައްސަލަ އުޅޭ ކަމަށެވެ. އަލްބަޓް މިހާރު އޮތީ ޓެކްސަސް ސްޓޭޓްގައި ހިމާޔަތްކޮށްފައެވެ.

ދައުލަތާ ދެކޮޅަށް ޓޯނީ ކޯޓުގައި މައްސަލަ ޖެއްސީ މީގެ ދެ އަހަރު ކުރިންނެވެ. އެއީ އަލްބަޓް ގެންގުޅުމުގެ ހުއްދަ އާނުކޮށްދިނުމުންނެވެ. މައްސަލައަށް އަވަސް ހައްލެއް ނެތްކަން އެނގުމުން އޭނާ އަލްބަޓް އަނބުރާ ހޯދަން ކޯޓް ކޭސް ކުރިއަށް ނުގެންދަން ނިންމީ މި ދިޔަ މަހު ކަމަށް އޭނާ ބުންޏެވެ.

އަލްބަޓް ގަތީ އެ ސޮރުގެ އުމުރުން ދެ މަހުގައި އޮހާޔޯ ސްޓޭޓްގައި އޮތް މައުރަޒަކުން 1990 ގައެވެ.

"އަލްބަޓަކީ އަހަރެންނަށް ނަފުސާނީ ހަމަޖެހުން ގެނެސް ދޭ އަހަރެންގެ ޕެޓް،" ޓޯނީ ކުރިން ބުނެފައިވެއެވެ.

އަލްބަޓް ގެންގުޅެން ހުއްދަ ދިން ލައިސަންސްގައި މައްސަލަޖެހުނީ ނުރައްކާތެރި ހައިވާނުން ގެންގުޅުމާ ގުޅޭ ގޮތުން 2020 ގައި ޑީ.އީ.ސީން އެ އިދާރާގެ ގަވައިދުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ. ޕޫލް ހަދައިފައިވާ ގޮތުން އަލްބަޓްގެ ސަބަބުން އާއްމު މީހަކަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *