މީހަކު 30 އަހަރު ވަންދެން ގެންގުޅުނު އެލިގޭޓާ ބާވަތުގެ ކިނބުލެއް ސަރުކާރުން އަތުލުމުން އެ ސޮރު ހޯދަން ކޯޓަށް ގޮސްފިއެވެ.
އެމެރިކާގެ ނިއު ޔޯކް ސްޓޭޓުގައި ދިރިއުޅޭ ޓޯނީ ކަވަލަރޯ ބުނީ ތިމާވެށި ރައްކާތެރިކުރާ އިދާރާ ޑިޕާޓްމަންޓް އޮފް އެންވަޔަރަންމަންޓަލް ކޮންޒަވޭޒަން (ޑީ.އީ.ސީ)ގެ މުވައްޒަފުން މިދިޔަ މާރިޗު މަހު އެ ގެއަށް ގޮސް 11 ފޫޓު ދިގުމިނުގައި ހުރި "އަލްބަޓް"ގެ ނަން ދީފައިވާ ކިނބޫ ގެންދިޔައީ ހޭނައްތައިގެން ކަމަށެވެ.
"އަދި އަލްބަޓްގެ އަނގަ ނުހުޅުވޭނެ ގޮތަށް ޓޭޕް ވެސް އޮޅި،" ޓޯނީ ބުންޏެވެ.
އޭނާ ބުނީ އެހާ ގިނަ ދުވަހު އޭނާ ބެލެހެއްޓި އަލްބަޓް ގެންގުޅެން އޭނާއަށް ދީފައިވާ ހުއްދަ އެ އިދާރާއިން އާ ނުކޮށްދިނުމަކީ ރަނގަޅު ނޫން ނިންމުމެއް ކަމަށެވެ.
ޑީ.އީ.ސީ.އިން ކުރިން ބުނެފައިވަނީ އަލްބަޓް ގެންގުޅުމަށް ޓޯނީއަށް ދިން ހުއްދަ 2021 ގައި ބާތިލުވެފައިވާ ކަމަށެވެ. އަދި އެ ލައިސަންސް އާނުކުރާ ކަމަށެވެ.
މި މައްސަލައިގައި އެ އިދާރާއިން މިހާރު ބުނަނީ ކޯޓުގައި ކުރިއަށްދާ މައްސަލަތަކާމެދު އެ އިދާރާއިން ކޮމެންޓް ނުކުރާ ކަމަށެވެ.
"އަލްބަޓް ގެންގުޅޭ ކޮށި އެހާ ރައްކާތެރިއެއް ނޫން. މީހުންނަށް އަލްބަޓާ ގާތްވެވޭނެ ގޮތަށް ކޮށި ހުރީ،" ޑީ.އީ.ސީ.އިން ކުރިން ބުނެފައިވެއެވެ.
އެ ތަނުން ބުނެފައިވަނީ އަލްބަޓްގެ ދެ ލޯ އަނދިރިވެފައިވާ ކަމަށާއި މައިބަދައިގެ މައްސަލައެއް ވެސް ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް މި ކަން ޓޯނީ ދޮގުކުރިއެވެ.
ޓޯނީ ވަނީ އޭނާގެ ގޭތެރޭގައި އަލްބަޓް ގެންގުޅެން ޕޫލެއް ހަދައިފައެވެ. އަލްބަޓްގެ ގައިގައި ބައްދާ މަންޒަރުތަކުގެ ފޮޓޯ އަދި ވީޑިއޯ އޭނާވަނީ އޭނާގެ ފޭސްބުކްގައި ހިއްސާކޮށްފައެވެ. މި ފޭސްބުކް އެކައުންޓް 4،500 މީހުން ފޮލޯކުރެއެވެ. އަދި އަލްބަޓް އަނބުރާ ގެނައުމަށް ގޮވާލާ ޕޯސްޓަރުތައް އޭނާ ދިރިއުޅޭ ހިސާބުގައި އޭނާއަށް ހެޔޮއެދޭ މީހުންވަނީ ހިއްޕައިފައެވެ.
"މި މައްސަލަ ހައްލުކުރެވޭތޯ އަހަރެން އުއްމީދުކުރަން. އެއީ އަހަރެންނަށް ކުރެވޭނެހާ ވެސް ކަމަކީ. މުޅި މި އަހަރު އަހަރެންނަށް ހަރާބުވެއްޖެ،" ކޯޓަށް ދިޔައީ ކީއްވެކަން ބުނެދޭން ޓޯނީ ބުންޏެވެ.
އަލްބަޓް ގަތީ އެ ސޮރުގެ އުމުރުން ދެ މަހުގައި އޮހާޔޯ ސްޓޭޓްގައި އޮތް މައުރަޒަކުން 1990 ގައެވެ.
"އަލްބަޓަކީ އަހަރެންނަށް ނަފުސާނީ ހަމަޖެހުން ގެނެސް ދޭ އަހަރެންގެ ޕެޓް،" ޓޯނީ ބުންޏެވެ.
އަލްބަޓް ގެންގުޅެން ހުއްދަ ދިން ލައިސަންސްގައި މައްސަލަޖެހުނީ ނުރައްކާތެރި ހައިވާނުން ގެންގުޅުމާ ގުޅޭ ގޮތުން 2020 ގައި ޑީ.އީ.ސީ.އިން އެ އިދާރާގެ ގަވައިދުތަކަށް ގެނައި ބަދަލުތަކެއްގެ ސަބަބުންނެވެ. ޕޫލް ހަދައިފައިވާ ގޮތުން އަލްބަޓްގެ ސަބަބުން އާއްމު މީހަކަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް އެ އިދާރާއިން ބުންޏެވެ.



advertisment