ހަމައެކަނި ފަލަސްތީން ރައްޔިތުންނަށް މަރުގެ ހުކުމް އިއްވާ ގޮތަށް ބިލެއް އިސްރާއީލުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރުމުން އިސްރާއީލުގެ އިދިކޮޅު ގިނަ ސިޔާސީ ޕާޓީތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން އެ ބިލު ގާނޫނަކަށް ވިޔަ ނުދިނުމަށް އިސްރާއީލުގެ ސުޕްރީމް ކޯޓަށް މައްސަލަ ވައްދައިފިއެވެ.
ހަމައެކަނި ދަންޖައްސައިގެން މެރުމުގެ ހުކުމް ތަންފީޒުކުރާ، އިއްޔެ ފާސްކުރި މި ބިލަކީ އެއް ފަރާތަކަށް ޖެހިފައިވާ ބިލެކެވެ. އެ ގޮތުން ހުޅަނގު އައްސޭރީގައި ފަލަސްތީން މީހަކު ޔަހޫދީއަކު މަރައިލައިފިނަމަ އެ ފަލަސްތީން މީހާއަށް މަރުގެ ހުކުމް އިއްވާ ގޮތަށް އޮވެފައި، ޔަހޫދީއަކު ފަލަސްތީން ރައްޔިތަކު ޝަހީދުކޮށްލައިފިނަމަ އެ ޔަހޫދީއަކާ ދެކޮޅަށް މަރުގެ ހުކުމް ތަންފީޒުކުރާ ގޮތަށް މި ބިލުގައި ނެތެވެ. އެހެންކަމުން މިއީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ތައައްސުބު އޮތް ގޮތަށް ފާސްކުރި ބިލެއް ކަމަށް ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުންޏެވެ.
ހުޅަނގު އައްސޭރިއަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް އިސްރާއީލުން ހިފައިފައިވާ ބިމަކަށް ވާތީ އެ ތަނަށް އިސްރާއީލުގެ ގާނޫނު ނުހިންގޭނެ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލަ ވެއްދި އެއް ޖަމިއްޔާއަކީ މަދަނީ ހައްގުތަކަށް ވަކާލާތުކުރާ އިސްރާއީލުގެ ޖަމިއްޔާ އެސޯސިއޭޝަން އޮފް ސިވިލް ރައިޓްސްއެވެ.
"މި ބިލު ފަރުމާކޮށްފައިވަނީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ތައައްސުބު އޮންނަ ގޮތަށް،" އެ ޖަމިއްޔާއިން ބުންޏެވެ.
އެއް މަސް ތެރޭ ތަންފީޒުކުރާ ގޮތަށް އޮތް މި ބިލާ އެއްކޮޅަށް އިސްރާއީލުގެ 120 މެންބަރުން ހިމެނޭ ޕާލަމަންޓް ނުވަތަ ނެސެޓްގައި ވޯޓު ދިނީ 62 މެންބަރުންނެވެ. އިދިކޮޅަށް 48 މެންބަރުން ވޯޓު ދިން އިރު ވަކިކޮޅަކަށް ވޯޓު ނުދޭ އެކަކު ހުއްޓެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޯޓު ދިނީ މި ބިލާ އެއްކޮޅަށެވެ.
ބިލުގައި ބުނާ ގޮތުން ޓެރަރިޒަމްގެ ހަމަލާއެއްގައި ޔަހޫދީއަކު މަރައިލައިފިނަމަ އެ ކަން ކުރި ފަލަސްތީން މީހާއަށް އިސްރާއީލުގެ އަސްކަރީ ކޯޓަކުން މަރުގެ ހުކުމް އިއްވިދާނެއެވެ. ނަމަވެސް ޓެރަރިޒަމްގެ އަމަލެއްގައި ފަލަސްތީން މީހަކު ޝަހީދުކޮށްލި ޔަހޫދީއަކަށް މަރުގެ ހުކުމެއް ނީއްވޭނެއެވެ.
ފަލަސްތީން ރައްޔިތަކަށް މަރުގެ ހުކުމް އިއްވުމުގައި އެ ކޯޓެއްގެ ހުރިހާ ފަނޑިޔާރުން އިއްތިފާގުވާކަށް ވެސް ނުޖެހެއެވެ. އާދައިގެ އަޣްލަބިއްޔަތެއް ލިބުމުން ކުށްކުރި ފަލަސްތީން މީހަކަށް މަރުގެ ހުކުމް އިއްވިދާނެއެވެ.
މި ބިލު މި ފާސްކުރީ އިސްރާއީލުގެ ސިފައިންނާއި ޔަހޫދީ ވަޒަންވެރިން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރިކަން އިތުރުކުރަމުންނާއި އެތައް ހާސް ފަލަސްތީން ރައްޔިތުން އިސްރާއީލުން ހައްޔަރުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ އެހެން ޖަމިއްޔާއެއް ކަމަށްވާ ބަތުސަލަމްއިން ބުނީ އިސްރާއީލުގެ އަސްކަރީ ކޯޓްތަކުން ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހުކުމްކުރާ ނިސްބަތް ހުރީ 96 ޕަސެންޓްގައި ކަމަށެވެ.
"ގިނަ ފަހަރަށް މި ފަދަ ހުކުމްތައް އިއްވައިފައި ހުންނަނީ ތަހުގީގުކުރުމުގެ މަރުހަލާގައި ސުވާލުކުރާއިރު ޕްރެޝަރު ކޮށްގެން އަދި އަނިޔާ ކޮށްގެން،" އެ ޖަމިއްޔާއިން ބުންޏެވެ.
ބަތުސަލަމުން ބުނީ ބިލުގެ ބަސްމަގު އަތުރައިލައިފައިވަނީ ހަމައެކަނި ފަލަސްތީން ރައްޔިތުން އަމާޒުފަތްގަނޑަކަށް ހަދާ ގޮތަށް ކަމަށެވެ. އަދި މިހެންވެ، ގިނަ ނިޒާމުތަކެއްގެ ދަށުން ފަލަސްތީން މީހުން މަރައިލުމަކީ އާއްމުކޮށް ގަބޫލުކުރެވޭ ޒާތުގެ އަދަބެއް ކަމަށް ވެގެންދާނެ ކަމަށެވެ.
ފަލަސްތީންގެ ގައިދީންގެ ހައްގުތަކަށް ވަކާލާތުކުރާ އައްޒަމީރު ޖަމިއްޔާއިން ބުނީ މި މަހުގެ 11 އާ ހަމައަށް އިސްރާއީލުން ހައްޔަރުކޮށްފައިވާ 9،500 ފަލަސްތީން ރައްޔިތުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންނަކީ ޝަރީއަތް ކުރުމެއް ނެތި "އެޑްމިނިސްޓްރެޓިވް ޑިޓެންޝަން" ނުވަތަ އިދާރީ ބޭނުމަށް ހައްޔަރުކޮށްފައިވާ މީހުން ކަމަށެވެ.
މި ބިލަކީ ހައްދުފަހަނަޅައިފައިވާ ކަނާތު ފިޔައިގެ، އިސްރާއީލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާ ބެން-ގުވިރް، ނަތަންޔާހޫއާއެކު ކޯލިޝަން ހެދުމުގެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ބިލެކެވެ. ބެން-ގުވިރް ޕާލަމަންޓްގެ ތެރޭގައި ހުރީ މައުދަނަކުން ދަންމަޅިއެއްގެ ސިފައިގައި ހަދައިފައިވާ ޕިނެއް އޭނާގެ ކޯޓުގައި ޖަހައިގެން ބަނގުރާ ފުޅިއެއް ހިފައިގެންނެވެ. އަދި ބުނީ ޔޫރަޕް ދެކެ ބިރުން މި ބިލް ފާސްނުކޮށް ނުހުންނާނެ ކަމަށެވެ.
"މިއަދުން ފެށިގެން، ހުރިހާ ޓެރަރިސްޓުންނާއި މުޅި ދުނިޔެއަށް އެނގޭނެ ފުރާނައެއް ނަގައިލައިފިނަމަ އިސްރާއީލުގެ ދައުލަތުން އެ މީހެއްގެ ފުރާނަ ނަގައިލައިނެކަން. އަހަރެމެން މި ވަނީ ތާރީހުގެ ތެރެއަށް ވަދެފައި. އިސްރާއީލުގެ ދައުލަތަށް ޕްރެޝަރުކޮށް، ބިރުދެއްކި ޔޫރަޕް އިއްތިހާދުގެ މީހުންނަށް އަހަރެން ބުނާނީ އަހަރެމެން ބިރެއް ނުގަނެއޭ، އަހަރަމެން ތިޔަބައިމީހުންނަށް ތަބައެއް ނުވާނަމޭ،" އޭނާ ބުންޏެވެ.
ނަސްލު ނައްތައިލުމާއި ހަނގުރާމައެއްގެ ތެރޭގައި ދުޝްމިނުންނަށް ޖާސޫސްކޮށްދިނުމާއި އަދި ބައެއް ކަހަލަ ޓެރަރިޒަމްގެ ކުށްތަކަށް އިސްރާއީލުގައި މަރުގެ ހުކުމް އިއްވާ ގޮތަށް އޮތަސް 1962 ގެ ފަހުން އިސްރާއީލުން މަރުގެ ހުކުމް ތަންފީޒުކޮށްފައެއް ނުވެއެވެ. އެ ފަހަރު މަރުގެ ހުކުމް ތަންފީޒުކުރީ ޖަރުމަނުގެ ވެރިޔާ އެޑޮލް ހިޓްލަރު ޔަހޫދީ ނަސްލު ނައްތައިލަން ހަ މިލިއަން ޔަހޫދީން މަރައިލި "ހޮލޮކޯސްޓް" ޖަރީމާ ރޭވުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށްވާ، ޖަރުމަނާއި އޮސްޓްރިއާއަށް ނިސްބަތްވާ އެޑޮލްފް އައިކްމަންގެ މައްޗަށެވެ.
ހުޅަނގު އައްސޭރި ހިންގާ ފަލަސްތީން އޮތޯރިޓީ (ޕީ.އޭ)އިން ބުނީ މާފު ވެސް ނުދެވޭ ގޮތަށް އޮތް މި ބިލަކީ "ހަނގުރައިމައިގެ ޖަރީމާއެއް" ކަމަށެވެ. އަދި މި ބިލުން، ހަތަރުވަނަ ޖެނީވާ މުއާހަދާއިން ފޯރުކޮށްދޭ ފަރުދީ ރައްކާތެރިކަމާއި އިންސާފުވެރި ޝަރީއަތް ހިންގުން ނައްތައިލައި ކަމަށެވެ.
"މި ބިލުން އަނެއްކާވެސް ދައްކައިދެނީ އިސްރާއީލުގެ އިސްތިއުމާރީ ނިޒާމު ބިނާވެފައި އޮތް ގޮތް. ބޭނުމަކީ ގާނޫނީ ފޭރާމެއްގައި ޝަރީއަތްނުކޮށް މީހުން މެރުން،" ޕީ.އޭ.އިން ބުންޏެވެ.
ޣައްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުން ބުނީ މިއީ ކުރިން ނުދެކޭ ފަދަ ބިލެއް ކަމަށާއި މި ބިލުގެ ސަބަބުން އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ފަލަސްތީން ރައްޔިތުންގެ ފުރާނައަށް ނުރައްކާވާނެ ކަމަށެވެ.
"މި ބިލުން ދައްކައިދެނީ އިސްރާއީލުން ތިބީ ފަލަސްތީންގެ ބިންތަކަށް ވެރިވެގެންކަން. އަދި ދައްކައިދެނީ ބައިނަލްއަގުވާމީ ގާނޫނާއި އިންސާނިއްޔަތުކަމުގެ ހުރިހާ އުސޫލުތަކާ އިސްރާއީލުގެ ވެރިން ނުރުހޭކަން،" ހަމާސްއިން ބުންޏެވެ.
ފަލަސްތީންގެ ގައިދީން އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތްކޮށްދިނުމަށް ހަމާސްއިން ބައިނަލްއަގުވާމީ މުޖުތަމައަށާއި އދ.އަށާއި އަދި ބައިނަލްއަގުވާމީ ރެޑް ކްރޮސް ކޮމިޓީއަށް ގޮވައިލިއެވެ.
އދ. އާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި ޔޫރަޕް އިއްތިހާދުގެ ބައެއް ގައުމުތަކުން ވަނީ، މި ބިލު ގާނޫނަކަށް ހަދައި ތަންފީޒު ނުކުރުމަށް އިސްރާއީލަށް ގޮވައިލައިފައެވެ.



advertisment