Support Us

ފަލަސްތީންގެ ގިނަ ކުދިންތަކެއް ވަކި މުއްދަތެއް ނެތި އިސްރާއީލުގެ ބަންދުގައި

އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީން ކުޑަކުދިންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ކުދިން ބަންދުކޮށްފައި ތިބީ ދައުވާއެއް ނުއުފުލައި، ޝަރީއަތެއް ނުފަށައި، އަދި ވަކި މުއްދަތެއް ވެސް ކަނޑަނާޅާ ބަންދެއްގައި ކަމަށް، ފަލަސްތީންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފިއެވެ.

ޑިފެންސް ފޮ ޗިލްރަން އިންޓަނޭޝަނަލް-ފަލަސްތީން (ޑީ.ސީ.އައި.ޕީ)އިން ބުނީ މި ދިޔަ އަހަރު ނިމުނުއިރު އިސްރާއީލުގެ ބަންދުގައި 351 ކުދިން ތިބި ކަމަށާއި އޭގެ ތެރެއިން 51 ކުދިން ބައިތިއްބައިފައި ތިބީ "އެޑްމިނިސްޓްރެޓިވް ޑިޓެންޝަން" ކިޔާ އުސޫލެއްގެ ދަށުން ކަމަށެވެ. ލަފުޒީ މާނައިން މިއީ "ހިންގުންތެރިކަމަށް ބޭނުންވެގެން ބަންދުކުރުމެ"ވެ. އިސްރާއީލުގައި އޮތް ޒަމާންވީ މި އުސޫލުގެ ދަށުން ވަކި ހައްދެއް ނެތި ހަ މަހުން ހަ މަހުން ފަލަސްތީންގެ ހައްޔަރީންނަށް މުއްދަތް ޖަހަން ފުރުސަތު އޮވެއެވެ.

"މިއީ އަހަރެމެން 2008 ގައި ތަފާސްހިސާބު ބަލަހައްޓަން ފެށި ފަހުން އެންމެ ގިނަ އަދަދު އަދި އެންމެ ބޮޑު ނިސްބަތް ވެސް ފާހަގަކުރެވުނު ފަހަރު،" އެ ޖަމިއްޔާއިން ބުންޏެވެ.

އިސްރާއީލުގެ ޖަލުތަކުގެ ހިދުމަތް ނުވަތަ އިސްރާއީލް ޕްރިޒަން ސާވިސް (އައި.ޕީ.އެސް)އިން އަލަށް ނެރުނު ތަފާސްހިސާބުތަކާ ހަވާލާދީ ޑީ.ސީ.އައި.ޕީއިން ބުނީ މި ތަފާސްހިސާބުތަކަކީ ހަމައެކަނި އައި.ޕީ.އެސްގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި ކުދިންގެ މައުލޫމާތު ކަމަށާއި އިސްރާއީލުގެ އަސްކަރީ ތަންތަނުގައާއި ސުވާލުކުރާ މަރުކަޒުތަކުގައި ބަންދުކޮށްފައިވާ ކުދިންގެ މައުލޫމާތު މި ތަފާސްހިސާބުތަކުގައި ނުހިމެނޭ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ އެ ފަދަ ތަންތަނުގައި ހައްޔަރުކޮށްފައިވާ ކުޑަކުދިންނާއި އަދި ބޮޑެތި މީހުންނާ ވެސް ބެހޭ މައުލޫމާތު ލިބެން ނެތް ކަމަށާއި ނަމަވެސް ވަކި ނިޒާމެއްގެ ދަށުން ހައްޔަރީންނަށް އަނިޔާކުރާ ކަމަށާއި އިންސާނިއްޔަތާ ހިލާފު ހާލަތްތަކަށް ހުށަހަޅާ ކަމަށާއި ޖިންސީ އަނިޔާ ދޭ ކަމަށް ވެސް ބަންދުން ސަލާމަތްވި ކުދިން ބުނެފައިވާ ކަމަށެވެ.

އޮކްޓޫބަރު 2023 ގައި ޣައްޒާ ހަނގުރާމަ ފެށި ފަހުން، އިސްރާއީލުން ހިފައިފައިވާ ފަލަސްތީންގެ ސަރަހައްދުތަކުން، ކުޑަކުދިން ހިމެނޭ ގޮތަށް، ފަލަސްތީން ރައްޔިތުން ހައްޔަރުކުރުމާއި ބަންދުގައި ބޭތިއްބުން ދަނީ އިތުރުވަމުންނެވެ. އޭގެ ތެރެއިން ގިނަ ޑިޓޭނީން ބަންދުގައި ބައިތިއްބުމަށް އިސްރާއީލުން ބޭނުންކުރަނީ އެޑްމިނިސްޓްރެޓިވް ޑިޓެންޝަން އުސޫލެވެ.

ފަލަސްތީންގެ ގައިދީންގެ ހައްގުތަކަށް ވަކާލާތުކުރާ އައްޒަމީރު ގްރޫޕުން ބުނީ އިސްރާއީލުން ބަންދުކޮށްފައިވާ ފަލަސްތީންގެ 9،500 މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން މި މަހު 11 އާ ހަމައަށް ހައްޔަރުކޮށްފައިވަނީ އެޑްމިނިސްޓްރެޓިވް ޑިޓެންޝަން އުސޫލުން ކަމަށެވެ.

ފަލަސްތީންގެ ހައްޔަރީންނާމެދު ގޯސްކޮށް ކަންތައް ނުކުރާ ކަމަށް އިސްރާއީލުން ބުންޏަސް، ހައްގުތަކަށް މަސައްކަތްކުރާ އިސްރާއީލުގެ ޖަމިއްޔާއެއް ކަމަށްވާ ބެތުސެލެމްއިން 2024 ގެ އޮގަސްޓް މަހު ބުނެފައިވަނީ އިސްރާއީލުގެ ޖަލުތަކުގެ ނިޒާމަކީ "އަނިޔާކުރާ ކޭމްޕްތަކުގެ ވިޔުގައެއް" ކަމަށެވެ.

ބަންދުން ސަލާމަތްވެފައިވާ އެތައް ދޮޅަހެއްގެ ހައްޔަރީންނާ ސުވާލުކުރުމަށްފަހު އެ ޖަމިއްޔާއިން ބުނީ އިސްރާއީލުގެ ރަސްމީ އިދާރާތަކަކީ ފަލަސްތީންގެ ހުރިހާ ގައިދީންނަށް އަބަދުމެ އަނިޔާކުރުމުގެ ސިޔާސަތެއް ގެންގުޅޭ މުއައްސަސާތަކެއް ކަމަށެވެ.

ޑީ.ސީ.އައި.ޕީއިން ވެސް ބުނީ ފަލަސްތީން ކުޑަކުދިންގެ ގައިގައި ތަޅާ ކަމަށާއި އެ ކުދިންނަށް ސިއްހީ ފަރުވާ ނުދޭ ކަމަށާއި އަދި އެކަހެރި ބަންދަށް ވެސް އެ ކުދިން ލާ ކަމަށް އެ ކުދިން ރިޕޯޓްކުރާ ކަމަށެވެ.

"އިސްރާއީލުން ވަނީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ އދ.ގެ މުއާހަދާގައި ސޮއިކޮށްފައި. ކުޑަކުދިންނަށް އަނިޔާކުރުމާއި އުސޫލެއް ނެތި އެ ކުދިން ހައްޔަރުކުރުމަކީ އެ މުއާހަދާއާ ހިލާފު ކަމެއް،" އެ ޖަމިއްޔާއިން އިތުރަށް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *