ދެކުނު ކޮރެއާގައި 2024 ގައި ނާކާމިޔާބު ގޮތަކަށް މާޝަލް ލޯ ހިންގެވި ކުރީގެ ރައީސް ޔޫން ސުކް ޔިއޯލް އުމުރަށް ޖަލަށް ލުމަށް މިއަދު ހުކުމްކޮށްފިއެވެ.
ވެރިކަމުގައި ހުންނަވަނިކޮށް ފުރަތަމަ ފަހަރަށް އެ ގައުމުގައި ހައްޔަރުކުރި ރައީސްއެއްކަމަށްވި ޔޫން (ފޮޓޯ) އަށް މި ދިޔަ މަހު 16 ގައި ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އެއީ މާޝަލް ލޯ ހިންގެވި މައްސަލައިގައެވެ. މިއަދުގެ ހުކުމް އިއްވީ މާޝަލް ލޯ ހިންގެވުމަކީ ސަރުކާރާ ދެކޮޅަށް ހިންގެވި އަނިޔާވެރި ހަރަކާތެއްކަމުގެ ދައުވާގައެވެ.
"ސަރުކާރާ ދެކޮޅަށް ހިންގެވި އަނިޔާވެރި ހަރަކާތަކީ ދުސްތޫރީ ނިޒާމާ ހިލާފު އަމަލެއް. އަދި ކުއްލިއަކަށް ހިންގެވި މާޝަލް ލޯގެ ސަބަބުން ގާނޫނު ހަދާ މަޖިލީހާއި އިންތިހާބުތަކާ ބެހޭ ކޮމިޝަންގެ ބާރު ކަނޑުވައިލެއްވި،" ޕްރޮސެކިއުޓަރަކު ބުންޏެވެ.
މާޝަލް ލޯ ހިންގެވުމުން ގާނޫނު ހަދާ މަޖިލީހުން އަޒުލުކުރުމުން ހައްޔަރުވިޔަނުދިނުމަށް ސަލާމަތީ އޮފިސަރުންތަކެއްގެ އެހީގައި ރިޔާސީ ގަނޑުވަރުން ނުކުމެ ވަޑައިގަތުމަށް ދެކޮޅުހެއްދެވުމުން 3،000 ފުލުހުން މި ދިޔަ އަހަރުގެ ޖެނުއަރީ މަހު ގަނޑުވަރުގެ ފާރު މައްޗަށް އަރައި، ކަށިނަރު ބުރިކޮށްގެން އެ ތަނުގެ ތެރެއަށް ފައިބައިގެން ޔޫން ހައްޔަރުކުރިއެވެ.
ވެރިރަށް ސޯލްގެ ކޯޓަކުން ވަނީ ޔޫން މާޝަލް ލޯ ހިންގެވުމަށް އެހީވެދިން މައްސަލައިގައި އަސްކަރީ އަދި ފުލުހުންގެ ކުރީގެ އޮފިޝަލުންތަކަކަށް ވެސް މިއަދު ހުކުމް އިއްވައިފައެވެ. އެ ގޮތުން ކުރީގެ ދިފާއީ ވަޒީރު ކިމް ޔޮންގް ހުޔޫންއަށް 30 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
އުމުރުން 65 އަހަރުގެ ޔޫން ޝަރީއަތުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ވިދާޅުވެފައިވަނީ އޭނާ ކުށެއް ނުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ މާޝަލް ލޯ ހިންގެވީ "ދައުލަތާ ދެކޮޅު ފަރާތްތަކަކާއި އުތުރު ކޮރެއާއިން ނުރައްކަލެއް ދިމާވުމުން" ކަމަށެވެ.
އޭނާގެ މާޝަލް ލޯ ދެމިއޮތީ އެންމެ ހަ ގަޑިއިރަށެވެ. އެހާތަނުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން މަޖިލީހަށް އަލުން ވަދެ، އަދި ރައްޔިތުންގެ އެއްބާރުލުމާއެކު ވަނީ މާޝަލް ލޯ އުވައިލައިފައެވެ.
އޭޝިއާ ބައްރުގެ ހަތަރުވަނައަށް އެންމެ ވަރުގަދަ އިގުތިސާދު ކަމަށްވާ ދެކުނު ކޮރެއާގައި މާޝަލް ލޯ ހިންގުން ސިފަކޮށްފައިވަނީ އެ ގައުމުގެ ޑިމޮކްރެސީއަށްކުރެއްވި ނުރައްކަލެއްގެ ގޮތަށެވެ. މިހެންވެ ޕްރޮސެކިއުޓަރުން އެދުނީ ޔޫންއަށް މަރުގެ ހުކުމް އިއްވައިދިނުމަށެވެ. ނަމަވެސް މާޝަލް ލޯގައި އެއްވެސް މީހަކަށް ނުރައްކަލެއް ކުރިމަތިވެފައިނުވާތީ ކޯޓުން ނިންމީ މަރުގެ ހުކުމް އިއްވުމުގެ ބަދަލުގައި އުމުރަށް ޖަލަށް ލުމަށެވެ.
ޔޫންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ ހުކުމް އިސްތިއުނާފުކުރާނެ ކަމަށެވެ.



advertisment