Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމުގެ ހެކިތައް މިހިރީ!

ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަން ނަފީނުކުރެވޭ ވަރަށް ހެކިތައް މިވަނީ ހޯދިފައެވެ. އަދި އެ ހެކިތައް ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ އެމްބަސީތަކަށާއި އިސް ގައުމުތަކުގެ ޚާރިޖިއްޔާތަކަށާއި ޔޫއެންގެ އިތުރުން ސީދާ އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއަށާއި އެތާނގެ މަތިގެއަށާއި ތިރިގެއަށްވެސް ހިއްސާ ކުރެވިއްޖެއެވެ.

"ޕެންފޯ ރައިޓްސް" ޖަމިއްޔާގެ ފަރާތުން، "ފޯޅަވަހީގެ ހައްގުގައި ދިވެހީން" (Maldivians For Chagos) ގެ ނަމުގައި ހިނގަމުންދާ މި ގައުމީ ހަރަކާތަކީ، ސިޔާސީ މަސައްކަތެއް ނޫނެވެ. ސީދާ ގައުމީ މަސައްކަތެކެވެ. ދިވެހި ގައުމަށްޓަކައި ކުރާ މަސައްކަތެކެވެ. މި މަސައްކަތުގައި ދިރާސާކޮށްގެން އެއްކުރެވޭ ކޮންމެ މަަޢުލޫމާތަކީ، ދިވެހީންގެ ތަކެއްޗެވެ. ދިވެހި ދައުލަތުގެ ތަކެއްޗެވެ. ފޯޅަވަހި ހޯދުމަށް ރާއްޖޭގެ ކޮންމެ ސަރުކާރަކުން މަސައްކަތް ކުރެއްވިޔަސް އެ ސަރުކާރަކާ މި ހުުރިހައި މަޢުލޫމާތެއް ހިއްސާ ކުރެވޭނެއެވެ. ސަރުކާރުން ބޭނުންވެއްޖެ ކޮންމެ ކަމެއްގައި ކޮންމެ ހިނދެއްގައެވެ.

ފޯޅަވައްސާއި ޗާގޯސްއަކީ އެއްތަނެއް ނޫންކަމާއި އެ ދެތަން ދެ ތަނެއްގައި އޮތް ދެތަނެއްކަން ދުނިޔޭގެ ޗާޓުތަކުންވެސް 250 އަހަރަށް ވުރެން ގިނަދުވަހު އޮތްކަން އެވަނީ ހޯދައިފައެވެ.

ޗާގޯސްގެ އަސްލު ފޮހެލައި އައްޑޫ ދެކުނުގައި އޮތް ފޯޅަވަހީގެ އެންމެ ބިޔަ ރަށުގައި ޗާގޯސްގެ ނަން ޖަހައިގެން އޮޅުވާލާފައި އޮތް އޮތުމުގެ ހަގީގަތްވެސް އެވަނީ ހޯދައި، ދުނިޔޭގެ ކަމާބެހޭ އިސްފަރާތްތަކާ ހިއްސާކޮށް އެކަމުގެ މައްޗަށް ސަމާލުކަން ގެނުވައިފައެވެ. އެކަމަށްޓަކައި ލިޔުނު ދެ އާޓިކަލްގެ ލިންކު ތިރީގައި އެވަނީއެވެ.

ދިވެހި އާޓިކަލް

އިނގިރޭސި އާޓިކަލް

މި ހަރަކާތުގެ ބެވްސައިޓްގައި ޝާއިޢުކުރާ މިފަދަ އާޓިކްލަތަކާއި އޭގެ މައްޗަށް ތައްޔާރުކުރާ އެކެޑަމިކް ލިޔުންތަކަށް ބަދަލުކޮށް އިނގިރޭސިވިލާތުގެ ޚާރިޖިއްޔާއާއި ދުނިޔޭގެ ރަސްމީ މުހިއްމު އިދާރާތަކަށް އެ ފަރާތަތަކުގެ އެދުމުގެ މަތީން، މެއިލްގެ ޒަރީޢާއިން ހިއްސާކުރަމުން ގެންދިއުމުގެ ދޮރު ހުޅުވިފައިވާތީ، އެ ފަރާތްތަކާއި މި ހަރަކާތާ ދެމެދުގައި ޖަވާބުގެ މުޢާމަލާތްތަކަށްވެސް ދޮރުވެސް ހުޅުވިފައި ވެއެވެ.

އޭގެ އިތުރުން މި މަސައްކަތުން ނުކުތް ނަތީޖާގައި، މޮރިޝަސް އާ ފޯޅަވަހި ހަވާލުކޮށްފިނަމަ އެތަނުގެ ހައްގުވެރި ފަރާތްތަކުގެ ހައްގުތައް ގެއްލިގެން ދާނޭކަމަށްވާތީ، މޮރިޝަސް އާ ފޯޅަވަހި ހަވާލު ކުރުމަށް އިނގިރޭސިވިލާތުން ކުރިޔަށް ގެންދާ އެގްރީމަންޓްގެ މަސައްކަތްތައް ކުރިޔަށް ނުގެންގޮސް ހުއްޓައިލުމަށް، ޔޫއެންގެ ޖެނީވާއިން 5 ޑިސެމްބަރު 2025 ގައި ބަޔާނެއް އެކަށައަޅައި 8 ޑިސެމްބަރ 2025 ގައި އެ ބަޔާން އާންމު ކޮށްފައިވުން ހިމެނެއެވެ.

ބަޔާނުގެ ލިންކު

އެފަދައިން، މޮރިޝަސް އާ ފޯޅަވަހި ހަވާލުކުރުން އިނގިރޭސި ވިލާތުގެ ސަރުކާރުގެ މަައްޗަށް ލާޒިމުކުރާ ގާނޫނެއް ފާސްކުރުމަށް އިނގިރޭސި ސަރުކާރުން އެތާނގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް މެންބަރުންގެ ތާއީދު ސަރުކާރަށް ނުލިބުމާއި އަދި މަތިގޭންވެސް އެކަމުގައި އިނގިރޭސި ސަރުކާރަށް ތާއީދު ނުކުރިކަން ހިމެނެއެވެ.

އަދި ފޯޅަވައްސަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއްކަން އެއްވެސް ގޮތަކުން އެނގޭން ނެތްކަމަށް ރާއްޖޭގެ ބޮޑެތި ގާނޫނީ މާހިރުން ކަމަށް ބަލައިއުޅޭ މީހުންނާއި ކުރީގެ ބައެއް ރައީސުންނާއި ބައެއް ވަޒީރުންގެ އިތުރުން ބޮޑެތި ތާރީޚުވެރީންވެސް އެކިއެކި މަޒުމޫނު ތަކުގައިލިޔެ ހާމަކުރި ކުރިމުގެ ސަބަބުން ފޯޅަވަހި ހޯދުމާމެދު ދިވެހީންގެ މެދުގައި ފިކުރު ހިންގައި ނޫޅޭ ހާލަތަށް އެ މައްސަލަ ރާއްޖޭގައި ވަޅުޖެހެމުން ދިޔަ ދިއުމަށްވެސް ނިމުން ގެނެވި އަދި ދުނިޔޭގެ ގައުމުތަކާއި، އަދި ސީދާ ރާއްޖޭގެ ސަރުކާރުވެސް ގަބޫލުކުރާ މިންވަރަށް މި މަައްސަލަ ތިލަކުރެވުނުކަމީ، ދިވެހިރާއްޖެއަށް މި މަސައްސަލައިގައި ޕެންފޯރ ރައިޓްސްގެ ފަރާތުން ހިންގާ މި ގައުމީ ހަރަކާތުން ހޯދައިދެވުނު ބޮޑު ކާމިޔާބީއެއް ކަމުގައި ދެކެމެވެ.

އެގޮތުން މިއަދުގެ ސަރުކާރުން، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފޯޅަވަހި އަނބުރައި ހޯއްދެވުމަށް ބައިނަލް އަގުވާމީ މައިދާނަށް ނުކުންނަވައި ކުރެެއްވި ނަޣަރާއިން ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ދީވާނުތަކަށް ލޮޅުން އަރުއްވައިލެއްވިކަން އެއީ، ރަސްމީ ސިފައެއްގައި ދިވެހި ގައުމީ މައްސަލައެއްގެ ގޮތުގައި މިމައްސަލަ މިއަދުގެ ސަރުކާރުން ބައްލަވައިގެންފި ކަމުގެ އުފާވެރި ފެހި ސިގުނަލެކެވެ.

އަދި މި ހަރަކާތުގައި ރާއްޖޭގެ ސިޔާސީ އެއްވެސް ޕާޓީއެެއް ބައިވެރިވެފައި ނެތް ނަމަވެސް، މިއަދު ރާއްޖޭގެ ބައެއް ސިޔާސީ ޖަގަހަތަކުގައި ސުވާލާއި ޖަވާބުގެ ޒާތުން ދައްކާ ވާހަކައެއްގެ ހާލަތަށް މި މައްސަލަ ރާއްޖޭގައި ފެންމަތިވެފައިވާ ކަމީވެސް ފޯޅަވަހި މޮރިޝަސް އާ ޙަވާލުކުރުން ހުއްޓުވޭތޯ ޕެންފޯ ރައިޓްސްގެ ފަރާތުން ދޫނުދީ ގަދަ ހިއްވަރާއެކު ކުރި ބުރަ މަސައްކަތުން ނުކުތް ނަތީޖާއެއް ކަމުގައި ދެކެމެވެ.

މާތްރަސްކަލާނގެ އިރާދަފުޅާއެކު ފޯޅަވައްސަކީ ރާއްޖޭގެ ތަނެއްކަމަށް ބައިނަލް އަގުވާމީގޮތުން ކަނޑައެޅޭ ދުވަސް އަންނާނެއެވެ. އެދުވަސް ދިވެހީން ދެކެ އުފާ ކުރާނެއެވެ. އެ ދުވަހަކުން، ކަނޑުން ވަކިކުރެވުނު ބައިވެސް އޮންނާނީ ރާއްޖެއަށެވެ. އަހުރެމެން ވާގިއެދޭ ފަރާތަކީ ކާއިނާތުގެ ވެރި މާތްﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ތިޔަ ކުރައްވަމުންގެންދަވާ ގައުމީ މަސައްކަތަށް އިޚްލާސްތެރި ޝުކުރު ދަންނަވަން. އަދި މަސައްތްޕުޅަށް ހިތުގެއަޑިން ތާއީދުކުރަން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *