ސޫމާލިޔާއިން 1991 ގައި ވަކިވެގަތްފައިވާ ސޫމާލިލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި އިސްރާއީލުން ބަލައިގަތުމުން ސޫމާލިޔާއަށް އަސްކަރީ ހިމާޔަތް ސައޫދީ އަރަބިއްޔާއިން ދީފިއެވެ.
މި ކަމަށްޓަކައި ސޫމާލިޔާގެ ދިފާއީ ވަޒީރު އަހްމަދު މުއައްލިމް ފީގީ އާއި ސައޫދީގެ ދިފާއީ ވަޒީރު ހާލިދު ބިން ސަލްމާން އިއްޔެ ވަނީ ފަހުމްނާމާއެއްގައި ސޮއިކުރައްވައިފައެވެ.
މި ދިޔަ ޑިސެމްބަރު 26 ގައި ސޫމާލިލޭންޑް ރަސްމީ ގޮތުން ބަލައިގަތް ހަމައެކަނި ގައުމަށް އިސްރާއީލު ވުމުން އެ ކަމަށް އިޝާރާތްކުރައްވައި ސޫމާލިޔާގެ ރައީސް ހަސަން ޝައިހް މުހައްމަދު ވިދާޅުވީ މި ފަހުމްނާމާއަކީ ކޮންމެހެން މުހިއްމު ފަހުމްނާމާއެއް ކަމަށެވެ.
"އަހަރެމެންގެ ގައުމު އަހަރެމެން ދިފާއުކުރާނަން. ސޫމާލިޔާގެ ސިޔާދަތަށް ނުރައްކާކުރާ ކޮންމެ ބިރަކާ ކުރިމަތިލާނަން،" އޭނާ ވިދާޅުވިއެވެ.
ސޫމާލިޔާގެ ދިފާއީ ވުޒާރާއިން ބުނީ ސައުދީއާއެކު ގާއިމުކުރި ފަހުމްނާމާއަކީ ދިފާއީ ދާއިރާ އާއި ދެ ގައުމުގެ ދެމެދުގައި އަސްކަރީ ގުޅުން ވަރުގަދަކުރަން ގާއިމުކުރި ފަހުމްނާމާއެއް ކަމަށެވެ.
ސޫމާލިޔާއިން ބުނީ މި ފަހުމްނާމާގެ ސަބަބުން ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަން ވެސް ނެތިގެންދާނެ ކަމަށެވެ.
ނަމަވެސް މި ފަހުމްނާމާއާ ދެކޮޅު ފަރާތްތަކުން ބުނީ މި ފަހުމްނާމާ ގާއިމުކުރުމުން ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވާނެ ކަމަށެވެ. އެ ގޮތުން ސައުދީގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)، ގަތަރު އަދި ތުރްކިޔެއިން ސޫމާލިޔާ ހިމެނޭ އުތުރު އެފްރިކާގެ ވިޔަފާރީގެ މަގުތަކާއި އަސްކަރީ މަރުކަޒުތައް ކޮންޓްރޯލް ކުރުމާއި އަދި ސަރަހައްދުގައި އަސްކަރީ ނުފޫޒު ފޯރުވުމުގައި އެ ގައުމުތަކުގެ މެދުގައި އިތުރު ވާދަވެރިކަމެއް އުފެދޭނެ ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުންޏެވެ.
އިސްރާއީލުން ސޫމާލިލޭންޑް ބަލައިގަތުމުން ޣައްޒާގެ ރަށްވެހިން ސޫމާލިލޭންޑަށް ގަދަކަމުން ބަދަލުކޮށްފާނެކަމުގެ ބިރު ވެސް ވަނީ އުފެދިފައެވެ.
ސޫމާލިލޭންޑް ބަލައިގަނޭތޯ ޓައިވާނާއި އިތިއޯޕިއާއާއެކު ނުރަސްމީކޮށް ސޫމާލިލޭންޑުން މަޝްވަރާކުރިޔަސް ސޫމާލިލޭންޑަކީ މިނިވަން މުސްތަގިއްލު ގައުމެއް ކަމަށް އެ ދެ ގައުމުން ބަލައެއްނުގަނެއެވެ.



advertisment