މަދަނީ ފެންވަރުގައި ސުލްހައިގެ ވާހަކަތައް ކުރިއަށްދަނިކޮށް އިސްރާއީލުން ލުބްނާނަށް ހަމަލާ ދިނުމުން މި ދިޔަ އަހަރު ޑިސެމްބަރުގައި ގާއިމުކުރި ހަނގުރާމަ ހުއްޓައިލުމުގެ މުއާހަދާގެ ކުރިމަގު ބަނަވެއްޖެއެވެ.
ރޭ ދިން ހަމަލާތަކުގައި ލުބްނާންގެ ހާއްސަ އަސްކަރީ މަރުކަޒެއްގެ އިތުރުން ފަރުބަދަ މަތީ އަވަށަކާއި ވާދީއެއްގައި ހުރި ގެތަކެއް ވެސް ވަނީ ހަލާކުވެފައެވެ. ނަމަވެސް މީހަކަށް ގެއްލުން ލިބުނު ކަމަކަށް ލުބްނާންގެ ދައުލަތުގެ މީޑިއާއިން އަދިއެއް ނުބުނެއެވެ.
އިސްރާއީލުން ބުނީ ހަމަލާ ދިނީ ލުބްނާންގެ ދެކުނުގައިވާ ހިޒްބުﷲ ގެ މަރުކަޒުތަކަކަށް ކަމަށެވެ.
މިއީ އެތައް ދަހަރެއް ފަހުން ދެ ގައުމުން މަދަނީ ފެންވަރުގައި ސުލްހައިގެ ވާހަކަތައް ބާއްވަން މި ދިޔަ ބުދަ ދުވަހު ދެ ގައުމުން ނިންމައިފައިވަނިކޮށް އިސްރާއީލުން ދިން ހަމަލާތަކެކެވެ.
"މަދަނީ ސުލްހައިގެ ވާހަކަތައް ބާއްވަން ނިންމީ އަހަރެމެންގެ ގައުމަށް އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތައް ހުއްޓުވައިލުމުގެ މަގުސަދުގައި،" ލުބްނާންގެ ރައީސް ޖޯސެފް އައުން ވިދާޅުވިއެވެ.
ލުބްނާންގެ ރައްޔިތުން މިހާރު ބުނަނީ މި ދިޔަ އަހަރު ޑިސެމްބަރުގައި ގާއިމުކުރި، ދެ ގައުމުން ސުލްހަވުމުގެ އެއްބަސްވުމުގެ ކުރިމަގު ބަނަކަމަށެވެ.
"ދުވާލު ސުލްހަ، ރޭގަނޑު ހަމަލާ،" ލުބްނާންގެ ރައްޔިތަކު ބުނެލިއެވެ.



advertisment