އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން މި ދިޔަ ހަފުތާއިން ފެށިގެން 2،000 ފްލައިޓް ކެންސަލްކޮށްފައިވާއިރު ފްލައިޓް ކެންސަލު ކުރުން އަދިވެސް ކުރިއަށްގެންދާ ގޮތަށް ނިންމައިފިއެވެ.
ބައިނަލްއަގުވާމީ ދަތުރުތައް ވެސް ކުރާ އަދި އިންޑިއާގެ ޑޮމެސްޓިކް މާކެޓްގެ 64 ޕަސެންޓް ކޮންޓްރޯލްކުރާ އިންޑިގޯއިން އިއްޔެވެސް ފްލައިޓްތައް ކެންސަލްކުރިއިރު ދުވާލަކު 2،200 ފްލައިޓް އިންޑިއާގެ އެތެރޭގައި އިންޑިގޯއިން އޮޕަރޭޓް ކުރެއެވެ. އެ ގޮތުން ވެރިރަށް ދިއްލީ، މުމްބާއީ، ބެންގަލޫރު އަދި ހައިދަރުއާބާދު ފަދަ މުހިންމު ހަބްތަކަށް ދަތުރުކުރާ ފްލައިޓްތައް ކެންސަލް ކުރަން ފެށުމުން އެތައް ހާސް ބަޔަކު ވަނީ އެއާޕޯޓްތަކުގައި ތާށިވެ، ނުފުރިފައެވެ.
ފަސިންޖަރަކު ބުނީ ޓްރާންސިޓް ފަސިންޖަރުން ތިބީ ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.
"މުޅި އެއާޕޯޓް ވަނީ ހާސްކަމެއްގެ ތެރޭގައި. އިންޑިގޯއިން އެއްވެސް އިއުލާނެއް ވެސް ނުކުރޭ، އެއްވެސް އެހީއެއް ވެސް ނުދޭ، ބޯޑިން ގޭޓްތައް ވެސް ހުރީ ބަންދުކޮށްފައި،" އޭނާ ބުންޏެވެ.

އިންޑިއާގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާ، ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަން (ޑީ.ޖީ.ސީ.އޭ)އިން ވަނީ އިންޑިގޯ ފްލައިޓްތައް ކެންސަލް ކުރުމުގެ ސަބަބުތައް އަންގަން އިންޑިގޯއަށް އަމުރުކޮށްފައެވެ.
އިންޑިގޯއިން ބުނީ ފްލައިޓްތައް ކެންސަލް ކުރުމުގައި އެތައް ސަބަބުތަކެއް ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި ޕައިލެޓުން އަރާމުކުރާ ގޮތުގެ ގަވައިދުތަކަށް ދާދި ފަހުން ގެނައި ބަދަލުތަކާއި ޓެކްނިކަލް މައްސަލަތަކާއި އަދި ހަރީފު މޫސުމުގެ ކާރޫބާރޫ ހިމެނޭ ކަމަށެވެ.



advertisment