އެމެރިކާ އާއި ހުޅަނގުގެ އެހެން ގައުމުތަކުގެ ގޮވައިލުންތަކަށް ގޮންޖަހަމުން ރަޝިޔާއާއެކު އިންޑިއާއިން ދާއިމީކޮށް ތެލުގެ ވިޔަފާރިކުރާ މުއާހަދާއެއްގައި ސޮއިކޮށްފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިއަ ޕުޓިން އިއްޔެ އިންޑިއާއަށް ފެއްޓެވި ދެ ދުވަހުގެ ރަސްމީ ދަތުރުގައި ވިދާޅުވީ "ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާ އިންޑިއާގެ އިގުތިސާދަށް ހުއްޓުމެއް ނެތި ތެޔޮ ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި" ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވީ "ހަކަތައިގެ ރައްކާތެރިކަމަކީ ރަޝިޔާއާއެކު އޮތް ގުޅުމުގެ ވަރުގަދަ އަދި މުހިންމު ތަނބެއް" ކަމަށެވެ.
ދެ ލީޑަރުންގެ ދެމެދުގައި އެންމެ މަތީ ފެންވަރުގައި ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވަނީ 2030 އާ ހަމައަށް އިގުތިސާދީ ގުޅުން ކުރިއަށް ގެންދަވަން ޕްރޮގްރާމެއް ތަންފީޒުކުރައްވަން ނިންމަވައިފައެވެ. އޭގެ ތެރޭގައި ތެލުގެ އިތުރުން ބޯޓުފަހަރު ދުއްވުމާއި ދަނޑުވެރިކަމަށް ބޭނުންވާ ފަޓިލައިޒަރާއި ނިއުކްލިއަ ހަކަތަ އަދި ޓެކޮނޮލޮޖީ ދާއިރާއިން ގުޅުންތައް ވަރުގަދަކުރުން ހިމެނެއެވެ.
ދުނިޔޭގައި ބާރު ބެހިފައިވާ ގޮތުގެ ނިޒާމު ބަދަލުކޮށްލާނެ ކަމަށް ހުޅަނގުގެ ގައުމުތަކުން ދެކޭ، މޯދީ އާއި ޕުޓިންގެ މި އެއްބަސްވުންތަކުން ދައްކައިދެނީ އިންޑިއާ އާއި ރަޝިޔާގެ ގުޅުން ފަހަތަށް ޖައްސަން ދެ ގައުމުން އެއްގޮތަކަށް ވެސް ބޭނުން ނުވާކަން ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
"ބޭރުން އަންނަ ޕްރެޝަރުތަކަށް ވެސް ކެތްކޮށްލަން ދެ ގައުމުން އޮތީ ތައްޔާރަށް ކަމަށް މި އެއްބަސްވުންތަކުން ހާމަވަނީ،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.



advertisment