ބާޒަކާއި ހިޔަޅެއްގެ ރަހްމަތްތެރިކަން ވަރަށް ގަދަވިއެވެ. ދެން ނިންމީ ދެ ސޮރު ދިރިއުޅޭނީ ގާތުގައި ކަމަށެވެ. ހީކުރީ އެކަކު އަނެކަކަށް ގިނަގިނައިން ފެންނަ ނަމަ، އެކުވެރިކަން އިތުރަށް ބަދަހި ވާނެ ކަމަށެވެ.
މިހެންވެ، ވަރަށް އުހަށް ހެދިފައިވާ ބޮޑު ގަހަކަށް ދިރިއުޅުން ބަދަލުކުރަން ދެ ސޮރު ނިންމިއެވެ.
ގަހުގެ އެންމެ އުހުގައި އެންމެ ކުރީކޮޅުގައި ބާޒު ހާލު ހެދިއެވެ. އަދި ބިސް އެޅިއެވެ.
ހިޔަޅުގެ ހިޔާވެއްސަކަށް ހެދީ ގަހުގެ ބުޑުގައި ހެދިފައިވާ ގަސްބޮނޑިއެއްގެ ދަށެވެ. އަދި އެ ތަނުގައި އެ ސޮރު ވިހައިފިއެވެ.
ދަރިންނަށް ކާއެއްޗެއް ހޯދުމަށް އެއް ދުވަހަކު ހިޔަޅު އެ ސޮރު ދިރިއުޅޭ ގަސްބޮނޑި ދޫކޮށްލައިފައި ދާން ޖެހުނެވެ.
ދަރިންނަށް ކާން ދޭނެ އެއްޗެއް ހޯދަން ބާޒަށް ވެސް ޖެހުނެވެ. އެ ސޮރު ކުރި ކަމަކީ ހިޔަޅުގެ ދަރިންތައް ޖަހައިގަނެގެން ދަރިންނަށް ޅަ ހިޔަޅުތައް ކާން ދީފައި، ބަނޑުހައިވެފައި ހުރުމުން ބާކީ އިން ހިޔަޅުގެ ދަރި ޚުދު އެ ބާޒު ވެސް ކައިލީއެވެ.
ހިޔަޅު އެނބުރި ގަސްބުޑަށް އައިސްފައި ދެރަވީ ކޮންމެހެން އެ ސޮރުގެ ދަރިންތައް ބާޒު ޝިކާރަ ކުރުމަކުން ނޫނެވެ. ނަމަވެސް ބާޒު ވީ ގައްދާރީއަށް ބަދަލު ހިފުމެއް ދެވޭނެ ގޮތެއް ނެތުމުންނެވެ. ބާޒު އުޅެނީ އަތްފޯރާ ހިސާބަށްވުރެ މާ މަތީގައި ކަމަށް ވާތީއެވެ.
ދެން، ކުރާނެ އިތުރު ކަމެއް ނެތުމުން، ތަންކޮޅެއް ދުރުގައި އޮވެ ބާޒަށް ބަދު ދުއާ ކުރަމުން ދިޔައެވެ.
މާ ގިނަ އިރުތަކެއް ނުވަނީސް ހިޔަޅު އެ ބޭނުންވި ބަދަލުހިފުން އެ ސޮރަށް ލިބިއްޖެއެވެ. ނަމަވެސް އެއީ ހިޔަޅު ހީކުރި ގޮތަކަށް ނޫނެވެ.
އެ ރަށްފުށުގައި ދިރިއުޅޭ ބަޔަކު ބަކައްޓެއް ގުރުބާން ކުރަން ފެށިއެވެ. ބާޒު ގޮސް އެ ބަކަރީގެ މަސްގަނޑެއް ނައްޓައިލައިގެން އެ ސޮރުގެ ހާއްޔަށް ގެންދިޔައެވެ. ނަމަވެސް ގެންދެވުނީ އަނދައަނދާ ހުރި އަލިފާން ވެސް ހިފައިފައިވާ ބަކަރީގެ މަސްކޮޅެކެވެ.
އެ ވަގުތު ވީ ވައި ވެސް ވަރަށް ގަދަ ވަގުތަކަށެވެ. އިސާހިތަކު ބާޒުގެ މުޅި ހާލީގައި އަލިފާން ހިފައިފިއެވެ. ހުޅު ފަޅައިގެން ދިއުމުން އެ ސޮރުގެ ހުރިހާ ދަރިން ރޯސް ކުރި ކުކުޅުހެން އަނދައި، ބިންމައްޗަށް ވެއްޓިއްޖެއެވެ.
އިސާހިތަކު ހިޔަޅު ދުމެއް ޖަހައިފައި ގަސްދޮށަށް ގޮސް ބާޒުގެ ހުރިހާ ރޯސްކުރި ދަރިން ވަގުތުން ކައިލިއެވެ. މަތީގައި ހާލީގައި ބަލަހައްޓައިގެން އިން ބާޒަށް ފެންނާނޭހެން ފާޅުކަން ބޮޑު ގޮތެއްގައެވެ.
މި ކުރު ވާހަކައިގެ އިބުރަތްތެރި ފިލާވަޅު: ނުބައި ޒާތްޒާތަށް އިތުބާރު ކުރުމުން އިންސާނީ އަދަބުން ސަލާމަތްވެވިދާނެއެވެ. ނަމަވެސް އިލާހީ އަޒާބަކުން ނޫނެވެ.
ނޯޓް: މިއީ އީސާގެފާނުގެ ހަ ގަރުނުގެ ކުރިން ގްރީސްގައި އުޅުނު ކަމަށް ބެލެވޭ، ހައިވާނުންގެ ދިރިއުޅުމުން އިބުރަތްތެރި ވާހަކަތައް ކިޔައިދޭ އީސޮޕްގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ.
