ދެހާސް ހަތާވީހުގެ އޯގަސްޓް ދެވަނަ ދުވަހު ހިފާ ފުރިހަމަ އިރުކޭތަކައަކީ މި ގަރުނުގައި ހިފާ، ދިގު ނާދިރު ފުރިހަމަ އިރުކޭތައެކެވެ. އަދި ހާއްސަ ކަމަކީ މި ފުރިހަމަ އިރުކޭތައިން 12 ގައުމެއް އެއްކޮށް އަނދިރިކޮށްލާނެ ކަމެވެ. ނަމަވެސް (މަތީގައިވާ ޗާޓުގައި ދައްކާފައިވާ ގޮތަށް) ރާއްޖެ އޮތް ސަރަހައްދުގެ ގޮތުން ރާއްޖެއަށް ފެންނާނީ މި އިރުކޭތަ ފުރިހަމަ އިރުކޭތައެއް ގޮތަކަށް ނޫނެވެ.
މައިގަނޑު ގޮތެއްގައި ދެކުނު ޔޫރަޕާއި އުތުރު އެފްރިކާ އަދި މެދުއިރުމަތިން އިރުކޭތަ ފުރިހަމައަށް ފެންނާނީ ސްޕެއިން، މަޣްރިބު ކަރަ، އަލްޖަޒާއިރު، ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ، ޖިބްރޯލްޓާ، ތޫނިސް، ލީބްޔާ، މިސްރު، ސައުދީ އަރަބިއްޔާ، ޔަމަން، ސުމާލިއާ އަދި ސޫދާނަށް ކަމަށްވާއިރު، ރާއްޖެއަށް އިރު ފެންނާނީ އިރުގެ 72.82 ޕަސެންޓަށް ހަނދުގެ ހިޔަނި އެޅިފައިވަނިކޮށެވެ.
މާލެއަށް މި އިރުކޭތަ ހިފަން ފަށާނީ ރާއްޖެ ގަޑިން އެ ދުވަހު ހަވީރު 3.29 ގައެވެ. އަދި އެންމެ ބޮޑަށް ހިފައިފައި ހުންނަ މަންޒަރު ފެންނާނީ ރާއްޖެ ގަޑިން 4.32 ގައެވެ. އިރުކޭތަ މުޅިން ފިލައިގެން ދާނީ ރާއްޖެ ގަޑިން 5.29 ގައެވެ.
"ގްރޭޓް ނޯތް އެފްރިކަން އެކްލިޕްސް" (ލަފުޒީ މާނައިން "ވަރުގަދަ އުތުރު އެފްރިކާގެ ކޭތަ")ގެ ނަން ދީފައިވާ މި ފުރިހަމަ އިރުކޭތަ ފުރިހަމަކޮށް ހިފައިފައި ހުންނާނީ ހަ މިނެޓް 21 ސިކުންތަށް ކަމަށް ވާތީ މިއީ މި ގަރުނުގައި ހިފާ އެންމެ ދިގު އެއް އިރުކޭތައެވެ.
"މިހެންވެ، މިއީ ހަޔާތުގައި އެއް ފަހަރު ނޫނީ ފެނުން އެކަށީގެން ނުވާ ވަރުގެ ފުރިހަމަ ދިގު އިރުކޭތައެއް،" މެންޗެސްޓާ އިވްނިން ނިއުސްއިން ރިޕޯޓްކުރިއެވެ.
މިހާތަނަށް މި ދުނިޔެއަށް ހިފި އެންމެ ދިގު އިރުކޭތަ ހިފައިފައިވަނީ އީސާގެފާނުގެ 743 އަހަރު ކުރިން ޖޫން މަހެއްގެ 15 ވަނަ ދުވަހުއެވެ. އެ އިރުކޭތައިގެ ދިގު މިނަކީ ހަތް މިނެޓާއި 28 ސިކުންތެވެ.
މިހެންވެ، 2027 އޯގަސްޓުގައި ހިފާ ފުރިހަމަ އިރުކޭތައަކީ ދިގު މިނުގެ ގޮތުން އެ އިރުކޭތައާ ގާތް ކުރާ އިރުކޭތައެކެވެ.
ސައިންސްވެރިން ބުނީ މި އަހަރާއި އަންނަ 3000 ވަނަ އަހަރާ ދެމެދު ދެން ހިފާ އެންމެ ދިގު އިރުކޭތައިގެ ދިގު މިނަކަށް ވާނީ ހަތް މިނެޓާއި 29 ސިކުންތު ކަމަށާއި އެ އިރުކޭތަ ހިފާނީ 2186 ވަނަ އަހަރުގެ ޖުލައި 16 ގައި ކަމަށެވެ.
