އަހަރެން "މި ދަނީ"އޭ ބުނުމުން "ތި ދަނީ ކޮން ތާކަށް"ހޭ ތަކުރާރުކޮށް ތިޔަ އަހަނީ ކީއްވެ ބާވައެވެ؟ އޭގެ ބަދަލުގައި، އަހަރެންގެ ގާތުގައި "ކީއްވެ ހޭ ތި ދަނީ" އެހި ނަމަ މާ ގިނަ ކަންތައްތައް ސާފު ވާނެ ނޫން ހެއްޔެވެ؟
އަހަރެން ދަތުރެއް ދާން އުޅޭ ވާހަކަ ބުނުމުން ތިބާ އަހަރެން ދަނީ "ކޮން ތަނަކަށްތޯ"، "މި ރަށް ދޫކޮށްފައިތޯ"، "މި ރާއްޖެ ދޫކޮށްފައިތޯ" ފަދަ ސުވާލުތައް އެހުމުން އަހަރެންގެ ދަތުރުގެ ބޭނުން ތިބާއަށް އެނގޭ ބާވައޭ އަހަރެންގެ ހިތަށްއަރައެވެ.
އަހަރެން އަރާނީ އެއްގަމު އުޅަނދަކަށްތޯ، ކަނޑުގައި ދުއްވާ އުޅަނދަކަށްތޯ ނުވަތަ ވައިގައި ދަތުރުކުރާ އުޅަނދަކަށްތޯ އަހައިގެން އަހަރެން ދާ މަންޒިލް ތިބާއަށް ދެނެގަނެވިއްޖެ ހެއްޔެވެ؟
އަހަރެންގެ "ދަތުރާ"އި "ރާސްތާ"ގެ މަގުސަދަށް ނެތް ޝައުގެއް، އަހަރެން ދާން އުޅޭ ކަމަށް ތިބާއަށް ހީވާ "މަންޒިލަ"ށް ދީގެން ތިޔަ އުޅެނީ ކީއްވެ ބާވައެވެ؟
އަހަރެންގެ އުޅަނދު ގޮސް ތަނަކަށް ހުއްޓުމުން އަހަރެންގެ މަންޒިލަށް ވާސިލު ވެވުނީއެވެ. އަހަރެންގެ ރާސްތާގެ ކުރިމަގު ދެން ކޮށިގެން ދާނީ އެ ހިސާބުންނެވެ.
މިހާރު ދެން ބުނެބަލާށެވެ: އަހަރެން ދާ ތަނަކާއި އެ ތަނަށް ވާސިލުވާން އަރާ އުޅަނދެއް އެނގުނަސް ތިބާއަށް އަހަރެންގެ ދަތުރުގެ މަގުސަދު ވިސްނިއްޖެ ހެއްޔެވެ؟
ބުނަން ހެއްޔެވެ؟ އަހަރެންގެ ބޭނުމަކީ ތިބާ އަހަރެން ފައްތައިގެން ތިޔަ ގެންގުޅޭ ހަތަރެސްކަން ގޮޅިން ނުކުތުމެވެ. ތިބާގެ ފިއްތުންތަކުން ބޭރުވެ، އަމިއްލަ ލޮލުން ތަންތަން ބަލައިލުމެވެ. މިއަދުގެ ފަހުން ތިބާގެ ލޮލަށް ނުފެންނަ ކޮންމެ ދިމާއަކީ އަހަރެންގެ ރާސްތާއިން ދަތުރުކޮށްފައި ދާނޭ މަންޒިލެވެ. އަހަރެންގެ އުޅަނދު ޖަހާނޭ މިސްރާބެވެ.
ފެތި ބެދި ގޮސް ވެއްޖެ ހަފުސް،
ނެތި ދާނޭ ކޮޅެއް ތި މަގުން.
މަގެ ރާސްތާއަށް ނެތްތަ ޝައުގު،
ހޯދަން ދާ ތަން ތި އެހީ؟
