ކުއްތާއެއްގެ ހަޔާތް އިންސާނުންނަށްވުރެ ކުރީ ކީއްވެ ހެއްޔެވެ؟ މި ސުވާލަށް އުމުރުން ހަ އަހަރުގެ ކުއްޖަކު ވަނީ ހައިރާންކުރަނިވި ޖަވާބެއް ދީފައެވެ.
މިއީ ޖަނަވާރުންނަށް ސިއްހީ ފަރުވާ ދޭ ޑޮކްޓަރެއް ނުވަތަ ވެޓެއް އެއް ފަހަރަކު ކިޔައިދިން ވާހަކައެކެވެ.
އޭނާ ބުނީ ގެންގުޅޭ މީހުން "އެސްޓްރޯ" ނަމަކަށް ކިޔާ ޖާމަން ޝެފާޑް ބާވަތުގެ ކުއްތާއެއް ބަލިވުމުން އެ ސޮރުގެ ހާލަތު ބެލިކަމަށެވެ. އެސްޓްރޯ ގެންގުޅުނު ދެމަފިރިންގެ ހަ އަހަރުގެ ފިރިހެން ދަރިފުޅު އެ ކުއްތާއާ ވަރަށް ދޯޅައެވެ. އަދި އޭނާ ދިޔައީ އެސްޓްރޯ ސަލާމަތްވުމަށް މުއުޖިޒާތަކަށް އެދެމުންނެވެ.
ވެޓަށް ދެނެގަނެވުނީ އެސްޓްރޯ ވަނީ ކެންސަރު ބަލިން ސަލާމަތް ނުވެވޭ މަރުހަލާގައިކަމެވެ. އެ ސޮރުގެ ވެރިންގެ ގާތުގައި ބުނީ ކުރެވޭނެ އެއްވެސް ކަމެއް ދެން ނެތް ކަމަށާއި އާއިލާގެ ގޭގައި ޔޫތެނޭސިއާ ހަދައިދީފާނެ ކަމަށެވެ. ޔޫތެނޭސިއާއަކީ ސަލާމަތް ނުވާނެ ބައްޔެއް ޖެހުމުން ވޭނުގައި އުޅުނަ ނުދިނުމަށް ހޭނައްތައިފައި ހަށިގަނޑަށް މާއްދާއެއް ޖަހައި މަރުވިޔަ ދިނުމެވެ.
އާއިލާއިން އެ ކަމަށް އެއްބަސްވިއެވެ. އެންމެ އިންސާނިއްޔަތުކަން ހުންނާނީ އެ ގޮތުގައި ކަމަށް ވާތީއެވެ. އެއީ އެހެން ނޫނީ އެ ކުއްތާއަށް ވަރަށް ބޮޑު ވޭނެއް ލިބޭނެތީއެވެ.
ވެޓް އެ ކަމަށް ތައްޔާރު ވަމުންއައި އިރު ބެލެނިވެރިން ބުނީ އެސްޓްރޯގެ ފުރާނަ ދާ ތަން ބަލަން ހުންނަން ދަރިފުޅު ބޭނުންވާ ކަމަށެވެ.
މި ކަހަލަ ކަމެއް ކުރާއިރު ކުރާ އަސަރު މި ފަހަރު ވެސް ވެޓަށް ކުރިއެވެ. އެއީ އެއްކަލަހެން ކުއްތާގެ ގާތަށް އާއިލާ އެއްތަންވާ ވަގުތެވެ. އެ ގޮތުން އެސްޓްރޯ ގާތުގައި އާއިލާ ތިބިއިރު ވެޓަށް ކުރި އަސަރުން މި ފަހަރު ވެސް އޭނާގެ ކަރު ބެދުނެވެ.
އެސްޓްރޯ އަރާމުގައި މަރުވަމުން ދިޔަ އިރު އެ ސޮރުގެ ގައިގައި މަޑުމަޑުން އެންމެ ފަހު ފިރުމައިލުން ފިރުމައިލިއިރު ކުއްޖާ ހުރީ ހަމަޖެހިލައިގެންނެވެ.
އޭގެ ފަހުން މުޅި އާއިލާއާއެކު ވެޓް ވެސް ހިމޭނުން ހުއްޓެވެ. އިންސާނުންނަށްވުރެ ކުއްތާގެ އުމުރު މާ ކުރީ ކީއްވެ ކަމާމެދު ވިސްނާށެވެ.
ހަމަހިމޭންކަމާއެކު އަޑުއަހަން ހުރެފައި ކުއްޖާ ކުއްލިއަކަށް ޖަވާބު ދިނެވެ: "ކީއްވެކަން އަހަރެންނަށް އެނގެއެވެ."
ހައިރާންވެފައި ހުރިހާ އެންމެން އެ ކުއްޖާއާ ދިމާއަށް އެނބުރުނެވެ. އެ ކުއްޖާ ދެން ބުނި އެއްޗަކުން ވެޓް ސިއްސުވައިލިއެވެ. ސަބަބަކީ އެހާ ހިތަށްފަސޭހަ ޖަވާބެއް އޭގެ ކުރިން އަޑުއަހައިފައި ނުވާތީއެވެ.
ކުއްޖާ ބުނި ވާހަކައަކީ މިއެވެ:
އިންސާނުން އުފަން ވަނީ ރަނގަޅު ހަޔާތެއް ދިރިއުޅެން ދަސްކުރާށެވެ. މިސާލަކަށް، ލޯތްބާއި ހިތްހެޔޮކަން ދައްކައިށެވެ. ކުއްތާއަށް އެ ކަން ކުރަން މިހާރު ވެސް އެނގެއެވެ. މިހެންވެ އަހަރެމެން ދުނިޔޭގައި އުޅޭހާ ގިނަ ދުވަހު އެ ސޮރުމެންނަށް އުޅުމުގެ ބޭނުމެއް ނެތެވެ.
ކުއްތާއަކީ ތިބާގެ ޓީޗަރު ނަމަ، ތިބާއަށް ދަސްވެދާނެ ބައެއް ކަންތައްތަކަކީ:
- ތިބާ ލޯބިވާ މީހުން ގެއަށް އައުމުން އެ މީހުންނަށް މަރުހަބާ ކިޔަން ދުއްވައިގަންނާނެއެވެ.
- ހިނގާލަން ދިއުމަށް ލިބޭ އެއްވެސް ފުރުސަތެއް ދުލެއް ނުކޮށްލާނެއެވެ.
- ދޭތެރެ ދޭތެރިން ކުޑަކޮށް ނިދާލާނެއެވެ.
- ހޭލާފައި ތެދުވުމުގެ ކުރިން މޯޅިއަކަށް ދެމިލައި ސްޓްރެޗް ކޮށްލާނެއެވެ.
- ދުވެ، ކުޅެ އަދި ކޮންމެ ދުވަހަކު ވެސް މަޖާ ކުރާނެއެވެ.
- އިންޒާރެއް ދިނުމަކީ ފުދޭ ކަމެއް ކަމަށްވާ ނަމަ އަނިޔާއެއް ނުކުރާނެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކުއްތާއެއްގެ ހައިސިއްޔަތުން އެ ސޮރު ރުޅި އައިމައި ކަރުބުޑުން އަޑެއް ލެއްވިއަސް ދަތެއް ނާޅާނެއެވެ.
- ހޫނު ދުވަސް ދުވަހު ވިނަގަނޑު މަތީގައި އޮށޯވެލާނެއެވެ.
- ގިނައިން ފެން ބޮއެ، ހިޔަލުގައި އަރާމު ކުރާނެއެވެ.
- ތިބާ އުފާވުމުން ނަށައި އަދި މުޅި ހަށިގަނޑު ހަރަކާތްތެރި ކުރުވާނެއެވެ.
- ދުރަށް ހިނގާލުމުން އެ ލިބޭ އުފާވެރިކަމުން ހިތްހަމަޖެހުން ހޯދާނެއެވެ.
- ވަފާތެރި ވާނެއެވެ.
- ތިބާއަކީ ތިބާގެ އަސްލު ޝަހުސިއްޔަތު އޮޅުވާލާނެ މީހަކަށް ނުވާނެއެވެ.
- ތިބާ ބޭނުންވާ އެތި އޮތީ ވަޅުލައިފައި ނަމަ އެ ފެންނަންދެން ކޮންނާނެއެވެ.
- ދަތިއުނދަގޫ ދުވަހަކާ މީހަކަށް ކުރިމަތިވެއްޖެ ނަމަ، ހިމޭނުން، އޭނާގެ ގާތުގައި، ހަމަ މަޑުކޮށްލައިގެން އިންނާނެއެވެ.
އުފާވެރިކަމުގެ ސިއްރަކީ މިއެވެ. ސީދާ ކުއްތާއެއްގެ ހިތުންނެވެ.
- ތަރުޖަމާއެއް
