Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: ވައިގެ އަޑުތައް

މެއާ ވީޔަންއުއެވާ ލިޔެފައި އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ކުރު ވާހަކަ، "ދި އެކޯސް އޮފް ދަ ވިންޑް" ("ވައިގެ އަޑުތައް")ގައި ވިލެޖެއްގައި، ވަކި ނުކުރެވޭ ފަދަ ގާތްކަމެއް އޮންނަ ދެ ރަހްމަތްތެރި އަންހެންކުދިން އުޅެއެވެ. އަމާނީ އަދި ލީރާއެވެ. އެ ދެ ކުދިން ހުރިހާ ކަމެއް ހިއްސާކުރެއެވެ. ސިއްރުތަކާއި ހުވަފެންތަކާއި ހުނުންތަކެވެ.

"އެ ދެ ކުދިން އެއްބަނޑު ދެބެންނަށް ވުރެ ވެސް ގާތެވެ،" ދެ ކުދިންގެ ގުޅުން ވަރުގަދަކަމުން ވިލެޖްގެ ކަމުވޮށިގެންވާ މީހުން ބުނަމުން އައެވެ.

އެއް ދުވަހަކު ދަތުރުވެރިއެއް އެ ވިލެޖަށް އައެވެ. އަމާނީއާ ބެހޭ ގޮތުން އޭނާ ދޮގު ވާހަކަތައް ފަތުރަން ފެށިއެވެ. އަމާނީ ލީރާއަށް އޮތް ވަފާތެރިކަން ދޫކޮށްލީކަމަށެވެ. ލީރާއާ ބެހޭ ގޮތުން އަމާނީ ހަސަދައިގެ އަދި ދޮގު ވާހަކަތައް ފަތުރާކަމަށެވެ.

މި ނެތިމޮށުންތަކާއި ދެބައޮޑުވުންތައް، ވަލުގައި އަލިފާން ފެތުރޭހާ އަވަހަށް ފެތުރުނެވެ. ކަންފަތަކަށް ފަހު ކަންފަތަކަށް ފޯރިއެވެ.

ދަތުރުވެރިޔާ ދެއްކި ވާހަކަތައް އަމާނީ ގާތުގައި އަހާލުމެއް ނެތި ލީރާ ގަބޫލުކުރިއެވެ. މި ކަމުން ލީރާ ދެރަވިއެވެ. އަދި އަމާނީ ހިޔާނާތްތެރިވިކަން ފަދަ އިހުސާސެއްކުރެވުނެވެ.

އަމާނީގެ ހިތް ހަލާކުވިއެވެ. ލީރާއާ ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް އަމާނީ ދައްކާ ވާހަކަ އަޑުއަހަން ލީރާ ދެކޮޅުހެދިއެވެ.

ދެ ކުދިންގެ ދެމެދަށް ހަމަހިމޭންކަމެއް ވެރިވެ، އެ ކަން ބޮޑުވަމުން ދިޔައެވެ. ދެ ރަހްމަތްތެރިން ނުދަންނަ ދެ މީހުންނަށް ބަދަލުވަމުން ދިޔަ ގޮތް ބަލަން ވިލެޖްގެ ރަށްވެހިން ތިއްބެވެ.

އެ ގޮތަށް މަސްތަކެއް ދިޔައެވެ. ދަތުރުވެރިޔާ އެ ވިލެޖް ދޫކޮށްލައިފައި ދިޔަތާ އެތައް ދުވަހެކެވެ.

ދަތުރުވެރިޔާ ހެދި ދޮގުތައް އިވުނު އުމުރުން ދުވަސްވީ އަންހެނަކު، އެއް ދުވަހަކު، ވިލެޖްގެ ހުރިހާ ރަށްވެހިންނަށް އެ ވާހަކަތަކުގެ ހަގީގަތް ކިޔައިދިނެވެ. އެންމެންނަށް ލިބުނީ ސިހުމެކެވެ.

ލީރާގެ ހިތް ގެނބުނު ކަހަލައެވެ. ކުށެއް ކުރެވިއްޖެކަމުގެ އިހުސާސްކުރެވިގެންނެވެ. އޭނާއަށް ރޭކާލީ، ހަގީގަތް ހޯދުމުގެ ބަދަލުގައި ވައިގައި އުޅޭ ދޮގު އަޑުތައް އޭނާގެ ހިތް ވިހަކޮށްލަން އޭނާއަށް ފުރުސަތު ދެވުނުކަމެވެ.

އަތްތުރުތުރުއަޅާ ހާލު އަދި ދެ ލޮލުން ކަރުނަ ފޭދިފައި ހުރެ ލީރާ އަމާނީ ގާތަށް ދިޔައެވެ. އަދި ބުންޏެވެ: "އަހަރެމެން ދެ މީހުންގެ ވާހަކަ ލިޔަން އަހަރެންނަށް އެހެން މީހުންނަށް ދޫކޮށްލެވުނީއެވެ. ތިބާގެ ގާތުގައި އަހަރެން ފުރަތަމަ އަހަން ޖެހޭނެއެވެ."

އަމާނީ ދެރަވެފައި ހުއްޓަސް ލީރާގެ ގައިގައި ބައްދާލާފައި މަޑުމަޑުން ބުންޏެވެ: "އާ ބާބެއް ލިޔާކަށް އަދި މާ ލަހެއް ނުވެއެވެ."

އެ ދުވަހުން ފެށިގެން ދެ ކުދިންގެ ރަހްމަތްތެރިކަން އަލުން ހެދިބޮޑުވާން ފެށިއެވެ. މި ފަހަރު ތަންކޮޅެއް ލަހުންނެވެ. ނަމަވެސް މާ ވަރުގަދައަށް އަދި މާ ވިސްނުންތެރިކަމާއެކުއެވެ.

މެއާގެ މި ކުރު ވާހަކައިގައި ހަގީގީ ދިރިއުޅުމުގެ ތިން ފިލާވަޅެއްވެއެވެ. އެއީ:

  1. ހަގީގަތުން ބިނާ ކުރާ އެއްޗެއް ދޮގަކުން ނައްތައިލައިފާނެއެވެ.

ބުނާ ބަހުގައި ބާރުވެއެވެ. ގެއްލުމެއް ނެތް އަނގަތެޅުމެކޭ ހީވިޔަސް އޭގެ ސަބަބުން އިތުބާރާއި އަބުރު އަދި ދޭދޭ ގުޅުންތައް ހަލާކުކޮށްލަފާނެއެވެ.

  1. އަބަދުވެސް މަސްދަރަށް ދާށެވެ.

އެހެން މީހުން ބުނާ އެއްޗެއް ގަބޫލުކުރުމުގެ ކުރިން އެ ކަމާ ގުޅުން ހުރި މީހާއާ ސީދާ ވާހަކަދައްކާށެވެ. ފަހުމް ނުވާ ކަންތައްތައް އުތުރިއަރަނީ ހަނުހުނުމުންނާއި ކުށްހީތަކުންނެވެ.

  1. ތައުބާވުމުގެ އަސްލަކީ މައާފުކުރުމެވެ.

ދޭދޭ ގުޅުންތަކަކީ އެންމެ ފުރިހަމަ އެއްޗެއް ނޫނެވެ. ނަމަވެސް ޒިންމާ ނެގުމުންނާއި އަފޫކުރަން ހިޔާރުކުރުމުން ޒަހަމްތައް ރަނގަޅުވުމުގެ ފުރުސަތު ލިބެއެވެ.

  • ތަރުޖަމާއެއް