Support Us

ކޮލަމް: މީތިނުކިޔާތި

ކޮލަމް މީތިނުކިޔާތި: ވަގުތާއި ނަސީބާ ގުޅުމެއްވޭބާ؟

މީހަކު އެއް ފަހަރަކު ބުންޏެވެ: "ރަނގަޅު ސިއްހަތަކަށާއި މުއްސަނދިކަމަކަށް އަހަރެން އެހެން މީހުންނަކަށް ނޭދެމެވެ. އަހަރެން އެ މީހުންނަށް އެދެނީ ރަނގަޅު ނަސީބަށެވެ. ނުފެތޭނެކަމަށް ދައުވާކުރި ޓައިޓޭނިކް އަޑިއަށް ދިޔަ އިރު އޭގައި ތިބި 2،000 އަށްވުރެ ގިނަ މީހުންނަކީ ސިއްހަތު ރަނގަޅު ބައެކެވެ. އެ މީހުން މުއްސަންޖެވެ. ނަމަވެސް އެ މީހުން ނަސީބު ދެރައެވެ."

މި ފަދަ ބުނުމަކުން މީހާއަށް ހުއްޓުން އަރައި، މި ކަމާ އިތުރަށް ވިސްނަން މަޖުބޫރުވެއެވެ.

އެމެރިކާގެ ޓްވިން ޓަވަރަށް ހަމަލާ ދީ އެ ދެ އިމާރާތް ވައްޓައިލި އިރު އޭގައި ތިބި 3،000 އަށްވުރެ ގިނަ މީހުން މަރުވި ހާދިސާއަށް ބަލާއިރު، އެ ދެ ޓަވަރަށް އެ ދުވަހު ދާން އޮތް، ނަމަވެސް ވަގުތާއި ނަސީބުގެ ސަބަބުން ސަލާމަތްވި އެތައް މީހުންގެ ވާހަކަތައް އެ މީހުން ފަހުން ކިޔައިދިނުމުން، އެ މީހުން ސަލާމަތްވީ އެ މީހުން އެ ގޮތް އިހުތިޔާރު ކުރުމަކުން ނޫންކަމާއި އެ މީހުންގެ ނަސީބުންކަން އެނގެއެވެ.

އެކަކު ސަލާމަތްވީ އެ ދުވަހަކީ އޭނާގެ ފިރިހެން ދަރިފުޅު ޕްރިސްކޫލަށް ގެންދަން ޖެހޭ ފުރަތަމަ ދުވަސް ކަމަށްވީމައެވެ.

އެކަކު ސަލާމަތްވީ އެ ދުވަހަކީ އޭނާ ވަޒީފާ އަދާކުރާ ކުރާ ތަނުގައި އެހެން މުވައްޒަފުންނަށް ޑޯނަޓް ގެނެސްދޭން ޖެހޭ ދުވަސް ކަމަށްވީމައެވެ.

އެކަކު ސަލާމަތްވީ އޭނާ ގަޑިއަށް ރޭލަށް ނޭރުނީމައެވެ.

އެކަކު ސަލާމަތްވީ ޓްރެފިކްގައި ތާށިވީމައެވެ.

އެކަކު ސަލާމަތްވީ ސޯނާ ގަޑި މަސައްކަތް ނުކުރުމުންނެވެ.

އެކަކު ސަލާމަތްވީ ހެދުމަށް ކޮފީ އެޅި ހެދުން އަލުން ބަދަލުކުރަން ޖެހުމުންނެވެ.

އެކަކު ސަލާމަތްވީ ކާރު އިސްޓާޓު ނުވުމުންނެވެ.

އެކަކު ސަލާމަތްވީ ފޯނަކަށް ޖަވާބު ދޭން އަނބުރާ ގެއަށް ދާން ޖެހުމުންނެވެ.

އެކަކު ސަލާމަތްވީ ދަރިފުޅު މާ ލަހުން ކަންތައްތައް ކުރުމުންނެވެ.

އަދި އެކަކު ސަލާމަތްވީ ޓެކްސީއެއް ނުލިބިގެންނެވެ.

މި ހުންނަނީ ކުދިކުދި ކަންތައްތަކެވެ. އާދައިގެ ހާދިސާތަކެވެ. ނަމަވެސް މި ކުޑަ ހިނދުކޮޅުތައް އެ މީހުންގެ ދުވަސް ބަދަލުކޮށްލައި، އެ މީހުން ސަލާމަތްވިއެވެ.

މި މީހުންގެ ވާހަކަތައް އަޑުއެހުމުން، ތިބާ ވެސް ކަންތައްތަކާމެދު ވިސްނާ ގޮތް ބަދަލުވާނެއެވެ.

މީގެ ފަހުން ތިބާއަށް ލަހުން ކަންތައްތައްވާ ނަމަ، ނުވަތަ ކަމެއް ހަނދާން ނެތިގެން އަނބުރާ ދާން ޖެހިއްޖެ ނަމަ، ނުވަތަ ހެނދުނުގެ ހުރިހާ ކަމެއް ބޮއްސުންލައިގެން ގޮސްފި ނަމަ، ހަނދާންކޮށްލާށެވެ: އެއީކީ ފަހަރުގައި ބަދުނަސީބެއް ނޫނެވެ. އެއީ ފަހަރުގައި ތިބާ ހަމަ ހުންނަން ޖެހޭ ތަނުގައި ހުރުމަށް ދިމާވި ގޮތެވެ. ތިބާއަށް ނުފެންނަ ކަމެއް ތިބާ ރައްކާތެރިކޮށްދެނީ ކަންނޭނގެއެވެ.

އެހެންކަމުން، ދެން ފަހަރަކުން ތިބާ ބޭނުންވާހާ ގޮތަކަށް ކަންތައްތައް ނުދަނީ ނަމަ، މިސާލަކަށް، ތަޅުދަނޑި ބޭއްވުނު ތަން ހަނދާންނެތުން، ބޮޑުވަރަށް ޓްރެފިކް އޮތުން، ނުވަތަ ތިބާގެ ރޭވުންތައް ބޮއްސުންލުމުން، މަޑުކޮށްލާށެވެ. ނޭވާއެއް ލާށެވެ. ތިޔަ ދިމާވީ ގެއްލުމަކާ ނޫން ކަމަށް ވެދާނެއެވެ. ފަހަރުގައި ތިޔައީ އެހެން ސިފައެއްގައި ފޮރުވިގެން ތިބާގެ ހަޔާތް ތިބާއަށް އެހީ ވެދެނީ ކަމަށް ވެދާނެއެވެ.

ސަބަބަކީ، އަހަރެމެން މާޔޫސްވާ މިންވަރަށް ކަންތައްތައް ލަސްވުމަކީ، ހަގީގަތުގައި އަހަރެމެން ސަލާމަތްކޮށްދޭ ކަންތައްތަކެވެ.

  • ތަރުޖަމާއެއް