Support Us

ކޮލަމް: މީތިނުކިޔާތި

ކުރު ވާހަކަ: އެތާއި އަސްދޫނީގެ ވާހަކަ

އެއް ދުވަހަކު، ހިޔަޅެއް އެތެއްގެ ގާތަށް ގޮސް ބުންޏެވެ: "ތިބާ ނެތް ތާނގައި ތިބާގެ ނުބައި ވާހަކަ އަސްދޫނި ދައްކައެވެ. ތިބާއާމެދު އެތައް ދޮގު ވާހަކައެއް މުޅި ތާނގައި ފަތުރައެވެ. އެ ސޮރަށް ފިލާވަޅެއް ދޭށެވެ!"

ދެ ބުމަ ގޮށް ޖަހައިލައިފައި އެތް ބުންޏެވެ: "އަސްދޫންޏަށް ފިލާވަޅެއް ދޭނަމެވެ. އެ ސޮރުގެ ހުރިހާ ކަށްޓެއް ބިންދާލާނަމެވެ! ތިބާ އެނބުރި ނިދަން ދާށެވެ. އަހަރެންނަށް މި ކަން ދޫކޮށްލާށެވެ."

ޖެހިގެން އައި ދުވަހު ހިޔަޅު އަލުން އެތުގެ ގާތަށް ދިޔައެވެ. އަދި ބުންޏެވެ: "ތިބާ ވައުދުވި ފަދައިން އަސްދޫންޏަށް ފިލާވަޅެއް ނުދެމުއެވެ. މިއީ މިހާރު ސަކަރާތްޖެހުމެއްކަމަށް ނުދެކޭށެވެ. އެ ސޮރު ތިބާގެ ވާހަކަދެއްކުން ހުއްޓައެއްނުލައެވެ. ތިބާ މަޑުން ނުހުންނާށެވެ. އެ ސޮރަށް ފިލާވަޅެއް ދޭށެވެ!"

އެތް ކަރުކެހިލައިފައި މަޑުމަޑުން ބުންޏެވެ: "އާނއެކެވެ. މިއީ އެ މޮޔަ ސޮރަށް އެ ސޮރުގެ ހަނދާނުން ނުފިލާވަރުގެ ފިލާވަޅެއް ދޭން ޖެހޭ ވަގުތެވެ. ތިބާ ދާށެވެ. އަހަރެން މި ކަމައިގެން އުޅޭނަމެވެ."

ތިންވަނަ ދުވަހު ހިޔަޅު އަލުން އެތުގެ ގާތަށް ދިޔައެވެ. އަދި ޝަކުވާކުރިއެވެ: "އޭ، އެތާއެވެ. ތިބާ މާ ހަމަޖެހިލައިގެން ކެތްތެރިވަނީއެވެ. އަހަރެންގެ ބަސް ގަބޫލުކުރާށެވެ. އަސްދޫނި ހަގީގަތުގައި ވެސް ތިބާގެ ނުބައި ވާހަކަ ދައްކަނީއެވެ. ހުރިހާ ތަނެއްގައި ވެސް ތިބާއާ ބެހޭ ގޮތުން ގޯސް އެއްޗެހި ބުނަނީއެވެ. އެއް ފަހަރުން ފިލާވަޅެއް ދީ ނިންމާލާށެވެ!"

އެތް ކުޑައިރުކޮޅަކު ވިސްނާލާފައި ބުންޏެވެ: "އެންމެ ރަނގަޅެވެ. އަހަރެން  ހަމަ މިހާރު މި ދަނީ އެ އަސްދޫންޏަށް ފިލާވަޅެއް ދޭށެވެ. އަހަރެންނަށް ކަނޑިއަކާއި އުދައްޔަކާއި ކޯރާޑިއެއް ގެނެސްދޭށެވެ. އަހަރެން އެ ސޮރު މަރާލާ، ކުދިކުދިކޮށް ކޮށާލާނަމެވެ!"

ހިޔަޅު އަވަހަށް ދިޔައެވެ. އަދި އެ އާލާތްތައް ހިފައިގެން އަވަހަށް އެނބުރި އައެވެ. އެއީ ކަނޑިއަކާއި އުދައްޔަކާއި ކޯރާޑިއެކެވެ. މި ތަކެތި އެތާ ހަވާލުކޮށްފައި ބުނީ ގޮސް އަސްދޫންޏަށް އެ ސޮރުގެ ހަޔާތަށް ވާވަރުގެ ވަރުގަދަ ފިލާވަޅެއް ދިނުމަށެވެ.

ނަމަވެސް ހިޔަޅު ހައިރާންކޮށްލި ކަމަކީ އެ އާލާތްތައް ހިފައިގެން އެތް ސީދާ އެ ސޮރުގެ ދަނޑަށް ގޮސް އެ އާލާތްތައް ބޭނުންކޮށްގެން މަސައްކަތްކުރަން ފެށީމައެވެ. އަންތަރީޒުވެ އަދި ގަބޫލުކުރަން ދަތިވެފައި ހުރި ހާލުގައި ހިޔަޅު އެއްސެވެ: "ތިބާ ބުނީ ތިޔަ އާލާތްތައް ބޭނުންކޮށްގެން އަސްދޫންޏަށް ފިލާވަޅެއް ދޭން ބޭނުންކަމަށެވެ. މިހާރު ތިބާ ތިޔަ ކުރަނީ ކީއް ހެއްޔެވެ؟"

އެތް ހިނިތުންވެލިއެވެ. އަދި ބުންޏެވެ: "ހަމައެކަނި އަޑު ލެއްވުމުގެ މަސައްކަތްކުރާ އަސްދޫންޏަކާމެދު ފިކުރުކުރުމަށްވުރެ އަހަރެން އުޅެނީ މާ ބުރަކޮށެވެ. އަހަރެންނަކީ ވަރުގަދަކަމާއި ވިސްނުންތެރިކަމުގެ ހައިބަތު ރަމްޒުކޮށްދޭ މަހުލޫގެކެވެ. ހަމައެކަނި އަޑުއަޑު ލައްވާ މަހުލޫގަކަށް ގޮންޖެހުމާ ހަމައިގެ ދަށު ދަރަޖައަކަށް އަހަރެން ދުވަހަކު ވެސް ނުވެއްޓޭނަމެވެ. އެހެންވީމާ، ތިބާގެ އާލާތްތައް ބޭނުންކޮށްގެން އަހަރެން ދަނޑުވެރިކަންކުރަން ދޫކޮށްލާށެވެ. އަހަރެން މި ކަން ނިންމުމަށް ފަހު މި އާލާތްތައް ތިބާއަށް އަނބުރާ ދޭނަމެވެ."

މި ކުރު ވާހަކައިގެ އިބުރަތްތެރި ފިލާވަޅަކީ މިއެވެ:

ދިރިއުޅުމުގައި ބައިވަރު މީހުންނަކީ އަސްދޫނީގެ މިސާލަށް ފެތޭ މީހުންނެވެ. ނެތިމޮށުމާއި ދެބައޮޑުވުމައިގެން އެ މީހުން އުޅެއެވެ. ތިބާއާމެދު ދޮގު ވާހަކަތައް ހަދައި، އެހެން މީހުން ވެސް ތިބާ ދެކެ ނަފުރަތުކުރުވާނެއެވެ. އާނއެކެވެ. ބައިވަރު މީހުންނަކީ މި ކަހަލަ މީހުންނެވެ. ނަމަވެސް މި ފަދަ މީހުން ބޭނުންވާ ސަމާލުކަން ތިބާ މި މީހުންނަށް ދޭނެކަމެއް ނެތެވެ. ގަދަފަދަކަމާއި ވިސްނުންތެރިކަމުން ފުރިފައިވާ އެތެއް ފަދައިން ތިބާ ވެސް އުޅޭށެވެ. ތިބާގެ ދިރިއުޅުމައިގެން ބުރަކޮށް ކުރިއަށް ދާށެވެ. ތިބާ ދެކެ ނަފުރަތުކުރާ މީހުންނާ ކުރިމަތިލައި، އެ މީހުންނާ ގޮންޖެހުމުގެ ދަށު ދަރަޖައަށް ނުވެއްޓޭށެވެ. އެ މީހުންނަށް ސަމާލުކަން ނުދޭން ދަސްކޮށް، އެތަކާއި އަސްދޫންޏެއްގައި ހުރި ތަފާތުތައް ފަހުމްވާން މަސައްކަތްކުރާށެވެ.

  • ތަރުޖަމާއެއް