Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މިރޭ، ފަނަރަފޮއި ވިލޭރޭ

މިއަދަކީ، މިހިނގާ ޒުލްގައިދުމަސް ދެބައިވާ ދުވަހެވެ. މި މައްސަރު ދެބައިވާ ވަގުތަކީ، މިރޭ މާލޭ ގަޑިން 09:54 އެެވެ.

ޒުލްގައިދުމަސް ދެބައިވާނީ، ދުނިޔެ ވަށައިގެން މި މަހުގައި ހަނދު ޖަހާ ބުރުގެ ދެވަނަ ކާލު (ކުއާޓާ) ފުރިހަމަވާ ފަލަކީ ޕޮޒިޝަނަށް ހަނދު ފޯރާ ވަގުތު ގައެވެ. އެ ޕޮޒިޝަނަކީ، ވިރުސިކަ ރާހީގެ (ނުވަތަ ޢަޤްރަބު ބުރުޖުގެ ނުވަތަ ސްކޯޕިޔޯ ސައިންގެ) ނޮރަ ނަކަތުގެ 12 ވަނަ ދަރަޖައިގެ 21 ވަނަ ދަގީގެވެ.

މިރެޔަކީ، ނުވަތަ ޒުލްގައިދު މަހުގެ ފަނަރަ ވިލޭރެޔަކީ، (ޒަމާނީ ބަހުރުވައިން) ބުނާނަމަ ފުލްމޫން ރެއެވެ. ނުވަތަ ފަނަރަފޮއި ވިލޭރެއެެވެ.

މިއަދު ހަވީރު މާލޭގަޑިން 05:57 ގައި ޖައުޒާ އީރާނުން ނުވަތަ އަރާ މުރިނގުވަޅުގެ ބާވީސް ދަރަޖަ ދެކުނުން ހަނދު އުދަވެގެން އަންނަ ތަން، މޫސުން ރީތިކޮށް އޮތްނަމަ ފެންނާނެ ނަމަވެސް މިރޭ ހަނދު ފެންނާނީ ދުނިޔެއަށް ހަނދު ފެންނަ ސައިޒު ތަކުން އެންމެ ކުޑަ ސައިޒުގައެވެ.

މިރޭ އެހައި ސައިޒުން ކުޑަކޮށް ދުނިޔެއަށް ހަނދު ފެންނަ ސަބަބަކީ، މިރޭ ހަނދު ހުންނާނީ ދުނިޔެއާ ދެލައްކަ ފަންސާސް އެއްހާސް މޭލުގެ ދުރުމިނުގައި ކަމަށް ވާތީއެެވެ. އެއީ، ދުނިޔެއާ އެންމެ ދުރަށް ހަނދު ދާ މިންވަރުން އެއް މިންވަރެވެ.

އެ މިންވަރަށް ހަނދު ދުރަށް ގޮސް ހުންނަ ހުރުމަށް އިނގިރޭސި ބަހުން ކިޔައި އުޅެނީ "އެޕޮޖީ" އެވެ.

މިހާލަތުގައި ދުނިޔެއަށް ހަނދުގެ ފެންނަ ސައިޒު 14 އިންސައްތައަށް ކުޑަވެފައި ހަނދުގެ އަލިކަންވެސް 30 އިންސައްތަ ފަނޑުވާނެއެވެ.