Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ސިހުޔޫނިއްޔަތާއި އިންޖީލިއްޔަތާއި އަދި އާ ޞަލީބީ ހަނގުރާމަ

ފަލަސްތީނުން ފެށިގެން އިރާޤާއި، ސީރިޔާއިން ފެށިގެން އަފްޣާނިސްތާނާ ހަމައަށް، އަދި ޔަމަނުން ފެށިގެން ސޫދާނާ ހަމައަށް، އިސްލާމީ ދުނިޔެއަކީ ހަނގުރާމައާއި ބޭރުގެ ބާރުތަކުގެ ތަދައްޚުލުވުމާއި ހަމަނުޖެހުންތަކުގެ ނާރެހެކެވެ. މިއީ ގުޅުން ކެނޑިފައިވާ މުސީބާތްތަކެއް ނޫނެވެ. މިއީ ވަރުގަދަ ފިކުރީ އިއްތިހާދެއްގެ ދަށުން ހިންގާ ދިގު، އަދި ރަނގަޅަށް ހިސާބު ޖަހާފައިވާ މަޝްރޫޢެއްގެ ބާބުތަކެކެވެ.

ފަސްމަންޒަރުގެ ފަހަތުގައި، ދުނިޔޭގެ ޚާރިޖީ ސިޔާސަތާއި ތަޞައްވުރު ބައްޓަން ކޮށްފައިވަނީ، މުޤައްދަސް ނޫން ތިންކައުވަންތަކަމެވެ. ސިހުޔޫނީ އަދި އިންޖީލީ އިރުހާބިއްޔަތާއި، މީގެ އިތުރުން އާ އިސްތިޢުމާރީ މަސްލަހަތުތަކެވެ. މި ޒަމާނުގައި ކިޔާ "ނިރުބަވެރިކަމާ ދެކޮޅު ހަނގުރާމަ" ވެފައިވަނީ މާ ދުވަސްވީ އަދި މާ ނުބައިކަން ބޮޑު ކަމެއް ކަމަށްވާ ޒަމާނީ ޞަލީބީ ހަނގުރާމައިގެ ގޮތުގައެވެ. އެކަމަކު، ދީނީ އަދި ސިޔާސީ އޮއިވަރު އެހާ ފުރިހަމައަށް އެއްގޮތްވީ ކިހިނެއް ހެއްޔެވެ؟ އަދި އިސްލާމީ ދުނިޔެ އަބަދުވެސް އަމާޒުފަތްގަނޑަކަށް ވަނީ ކީއްވެގެން ހެއްޔެވެ؟

އިޒްރޭލާ މެދު އިންޖީލީންގެ ހަވަސްއާއި، ލާހޫތީ ޢިލްމާއި، ސިޔާސީޖޯގުރަފީގެ ބައްދަލުވުން ފެށުނީ ކިހިނެއް ހެއްޔެވެ؟

އެމެރިކާއިން އިޒްރޭލަށް ކުރާ ސުވާލެއް ނެތް ތާއީދު، ގިނަ ފަހަރަށް ބަޔާންކޮށްދެނީ އިސްތިރާޖީ އިއްތިހާދުތަކާއި އިޒްރޭލަށް ތާއީދުކުރާ ލޮބީގެ ގޮތުގައެވެ. އެކަމަކު، މިއަށްވުރެ ފުން، ވަރުގަދަ ބާރެއް މިކަމުގައި މަސައްކަތް ކުރަމުން ދެއެވެ. އެއީ، ނަސްރާނީ ޔަހޫދިއްޔަތެވެ. އެމެރިކާގެ 10 މިލިއަން އިންޖީލީން ގަބޫލުކުރާ ގޮތުގައި، މިޒަމާނުގެ އިޒްރޭލަކީ ތައުރާތުގެ ނުބުއްވަތު ފުރިހަމަވުމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި ފަހުޒަމާނުގައި ކަންތައްތައް ހިނގާނެކަމުގެ ނަބަވީ ތަޞައްވުރުގައި، ފަލަސްޠީނުގެ މުޤައްދަސް ބިމަށް ޔަހޫދީން އެނބުރި އައުމަކީ ޢީސާގެފާނުގެ ދެވަނަ ވަޑައިގަތުމާއި އަދި ޤިޔާމަތް ދުވަހުގެ އެންމެ ފަހު ހަނގުރާމައަށް ޝަރުޠު ފުރިހަމަވާ ކަމެކެވެ.

ކްރިސްޓިއަންސް ޔުނައިޓެޑް ފޯ އިޒްރާއީލް (ސީޔޫއެފްއައި) ފަދަ ޖަމިއްޔާތަކުގެ ސިޔާސީ ނުފޫޒު ގަދަވެ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ޝަރުތަކާ ނުލައި އިޒްރޭލަށް ތާއީދު ކުރުމަށް ލޮބީކޮށް ފައިސާގެ ނުފޫޒު ފޯރުވައެވެ. މި ނަސްރާނީ ޔަހޫދީން ދެކޭގޮތުގައި އިޒްރޭލާ ދެކޮޅުވާ ކޮންމެ ދެކޮޅުވުމަކީ މާތްރަސްކަލާނގެ އިލާހީ ރޭއްވެވުމާ ދެކޮޅުވާ ދެކޮޅުވުމެކެވެ. ނަތީޖާއެއްގެ ގޮތުން އެމެރިކާގެ ޚާރިޖީ ސިޔާސަތު ގިނަ ފަހަރަށް ރަހީނު ކޮށްފައިވަނީ ސިޔާސީ އިސްތިރާޖީގެ ނިވަލުގައި ފިލައި ތިބޭ، ހައްދުފަހަނައެޅި، ގޮތްދޫނުކުރާ ދީނީ ތަޢައްޞުބީންނެވެ.

ސިހުނިއްޔަތުން އެމީހުންގެ ދައްޖާލީ ފިތުނަ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެމީހުންނަށް ވާގިދޭނެ ފަރާތެއް ބޭނުންވިއެވެ. އެގޮތުން އެމީހުން ހޯދިި ޞަލީބީ އެކުވެރިޔަކީ އެމެރިކާއެވެ. ތިއޮޑޯރ ހަރޒުލްގެ އަސްލު ސިހުނިއްޔަތަކީ ލާއިލާހީ ގައުމީ ހަރަކާތެއް ނަމަވެސް، ޝަރުޢިއްޔަތާއި ބާރު ހޯދުމަށްޓަކައި ނަސްރާނީ އިރުހާބީންނާއި ވަރަށް އަވަހަށް ގުޅިގެން ދިޔައެވެ. ސިހުޔޫނީ އިސްތިރާޖީންނަށް ވިސްނުނީ އިޒްރޭލުން އިސްވެ އިންޖީލީ ޖޯޝް އުފައްދައިގެން، އެކަން ހަތިޔާރަކަށް ހަދައިގެން ދިގު މުއްދަތުގެ ސިޔާސީ ރައުސުލްމާލެއް އުފެއްދިދާނެ ކަމަށެވެ.

މި ގުޅުމުން އުފެއްދި އެއް ރިވާޔަތަކީ އިޒްރޭލަކީ ހަމައެކަނި އެކުވެރިއެއް ނޫންކަމެވެ. އަދި ކިއެއްތަ އެއީ މާ މުޤައްދަސް ފަރާތެއް ކަމުގެ ރިވާޔަތެވެ. އިޒްރޭލުގެ ސަރުކާރުން ހިންގާ ކޮންމެ ހަނގުރާމައެއް، ކޮންމެ އިހުތިލާލެއް، އަދި އިންސާނީ ހައްގުތަކާ ޚިލާފުވާ ކޮންމެ ޚިލާފުވުމަކަށް، އިންޖީލީ ސިޔާސީ ފަރާތްތަކާއި އަދި މީޑިއާގެ ފަރާތްތަކުން އެތައް ޢުޒުރުތަކެއް ދައްކައި، ބުއްދީގެ ހަމަތަކުން އެއީ ރަނގަޅު ކަމެއް ކަމަށް ވިސްނުވައިދީ އަދި އެ ކަންކަން ކުލަގަދަކޮށް ފާހަގަކުރެތެވެ. އެމީހުންގެ ރިވާޔަތުގައި އިސްލާމީ ދުނިޔެއަކީ، މި ނުބުއްވަތުގެ ދުޝްމަނެކެވެ. އަދި އިލާހީގޮތުން އިޒްރޭލު ފުޅާވުމަށް އޮތް ބޮޑު ހުރަހެކެވެ.

ނިރުބަވެރިކަމާ ދެކޮޅަށް ކުރާ ހަނގުރާމައަކީ ފަރުދާކޮށްފައިވާ ޞަލީބީ ހަނގުރާމައެކެވެ. ސެޕްޓެމްބަރު 11ގެ ފަހުން ދުނިޔޭގެ މައިދާން ތައްޔާރުވަމުން ދިޔައީ، އިސްލާމީ ދުނިޔެ އަލުން ބައްޓަން ކުރާނެ ފުޅާ، އަދި ހުޅުވާލެވިފައިވާ ކެމްޕޭނަކަށެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތުމާއި، އޭގެ ފަހުން އިރާޤަށް އަރައިގަތުމާއި، ލީބިޔާއާއި، ސީރިއާއި، ޔަމަނާއި، އަދި އެއަށްވުރެ ދުރުގައި ހިންގި އަސްކަރީ ޢުދުވާނުތަކަކީ ނިރުބަވެރިކަމާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ގޮތުގައި ތަބްރީރުކޮށް ދެވުނެވެ. އެކަމަކު، ހަގީގަތުގައި އެއީ ބިޔަ، ބާރުގަދަ އިސްލާމީ ގައުމުތަކުގެ ވަރަ ކޮށާލައި، ބޯޑަރުތައް އަލުން ކުރަހާ، އިޒްރޭލާއި ހުޅަނގުގެ ބާރުވެރިކަމާއި ނުފޫޒު ދެމެހެއްޓުމަށް ގެންގުޅޭ ބޮޑު އިސްތިރާޖީއެއްގެ ބައެކެވެ.

އެމެރިކާގެ ކުރީގެ ރައީސު ޖޯޖް ޑަބްލިއު ބުޝް މަޝްހޫރު ގޮތެއްގައި، އޭނާގެ އަސްކަރީ ކެމްޕޭނަށް އިޝާރާތް ކޮށްފައިވަނީ "ސަލީބީ ހަނގުރާމައިގެ" ގޮތުގައެވެ. އެއީ، އެއްވެސް ޙާލެއްގައި އެކްސިޑެންޓަކުން ބުނެވުނު ވާހަަކައެއް ނޫނެވެ. އޭގެ ފަހުން ހިންގި ހަނގުރާމަތަކުގެ ސަބަބުން މުސްލިމުންގެ މިޢުމާރިއްޔަތު ފުނޑުފުނޑުކޮށްލައި، ޤައުމީ ލަޝްކަރުތައް އުވާލައި، ރެފިއުޖީންގެ މައްސަލަތައް އުފެދި، ހަރުކަށި ޖަމާޢަތްތަކަށް ބާރުގެ ހުސްކަން ފަޅުފިލުވުމުގެ ފުރުސަތު ދިނެވެ. އަދި އެ ޖަމާޢަތްތަކަށް ހަތިޔާރާއި ތަމުރީނުވެސް ފޯރުކޮށްދިނީ އެމެރިކާއާއި ހުޅަނގުންނެވެ. ނަތީޖާއަކީތޯއެވެ؟ އެމެރިކައާއި ހުޅަނގުން ބޭނުންވާ ގޮތަށް، އެ ޖަމާޢަތްތައް ލައްވާ ރާވައި ހިންގުވި ހަމަނުޖެހުންތައް ޢުޒުރަކަށް ދައްކާ، އެމެރިކާއާއި ހުޅަނގުގެ ނިމުމެއް ނެތް އަސްކަރީ ހާޒިރީއާއި އިޒްރޭލުގެ ސިޔާދަތު ތަބްރީރުކޮށް ދިނެވެ.

ސިހުޔޫނީންގެ އިސްތިރާޖިއްޔަތުގެ ތެދުކަން ސާބިތުކޮށްދޭ ލިޔެކިޔުންތައް އެމެރިކާގެ ކޮންގްރެސްގައި އެބަހުއްޓެވެ. މިއީ ކޮންސްޕިރަސީ ތިއަރީއެއް ނޫނެވެ. މިއީ އިސްތިރާޖީ ނަޒަރިއްޔާއެކެވެ. އަދި މި ނަޒަރިއްޔާ ވަނީ އެމެރިކާ ސަރުކާރުގެ ރަސްމީ ލިޔެކިއުންތަކަށް ތިރިކޮށްފައެވެ.

މި ލިޔެކިޔުންތައް އެކުގައި ކިޔާލުމުން ހާމަވެގެން ދަނީ ޒަމާނުއްސުރެ، އެމެރިކާއާއި، އިޒްރޭލާއި އަދި ހުޅަނގުން ހާސިލުކުރަން ބޭނުންވެފައި އޮތް އަމާޒެއް ކަމަށްވާ، އިސްލާމީ ދުނިޔެ އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުންނާއި ރޫޙާނީ ގޮތުން ބަލިކަށި ކުރުމުގެ ޝައިޠާނީ ރޭވުމެވެ.

ދުނިޔެއިން ގެންގުޅޭ އިންސާފެއް ނެތް ދެ މީއާރަކީ، މުސްލިމުންގެ ލޭ އޮހޮރުވުން! އިޒްރޭލުގެ ކުރިއެރުން! މިއެވެ. މި ހުރިހާ "ނިރުބަވެރިކަމާ ދެކޮޅު" ހަނގުރާމަތަކެއްގައި ވެސް އަތްނުލެވޭ އެއް ގައުމަކީ އެމެރިކާގެ ނަހަލާލު ދަރިއެއް ކަމަށްވާ އިޒްރޭލެވެ. އެ ގައުމުގެ އިހުތިލާލާއި އަނިޔާވެރިކަމާއި، ބައިނަލްއަޤުވާމީ ގާނޫނުތަކާ ޚިލާފުވުމާއި، އުދުވާނީގޮތެއްގައި ބިން ފުޅާކުރަމުން ދާއިރުވެސް، އަދިވެސް އިޒްރޭލު އޮތީ އަތްނުލެވޭ ގޮތަށެވެ. މީގެ އިތުރުން، އައި.އެސް ފަދަ ހަރުކަށި ޖަމާޢަތްތަކުން ދުވަހަކުވެސް އިޒްރޭލާ ދެކޮޅަށް އެއްވެސް ސިފައެއްގައި ސީދާ ހަމަލާއެއް ދޭ ތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި މުސްލިމުން ކަތިލައި، މުސްލިމުންގެ ތަރިކަ ހަލާކުކޮށް، ބޭރުގެ ބާރުތަކުންދޭ ހަމަލާތައް ތަބްރީރު ކުރުމަށް އެހީތެރިވެދެއެވެ.

މިފަދަ މުފާރިޤާތަކާ ކުރިމަތިލާން ޖެހޭނެއެވެ. މި ޖަމާޢަތްތަކުން ހަގީގަތުގައި އިސްލާމްދީން ދިފާއުކުރާނަމަ، އިޒްރޭލާއި އެމެރިކާގެ އިސްތިރާޖީ މަސްލަހަތުތަކަށް ޚިދުމަތް ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ޝިކާރައަކަށް ވެފައިވާ ގިނަ މީހުންނަކީ އާންމު ގޮތެއްގައި މުސްލިމުންނަށްވީ ކީއްވެގެން ހެއްޔެވެ؟ އިޒްރޭލަށް ފާޑުކިޔާ ނުވަތަ ހުޅަނގުގެ ބާރުތަކާ ދެކޮޅު ހަދާ ގައުމުތަކުގައި އެމީހުން އެހާ ބޮޑަށް ޙަރަކާތްތެރިވަނީ ކީއްވެގެން ހެއްޔެވެ؟

އިސްލާމްދީނުގެ ހަގީގީ މެސެޖާއި މުސްލިމުންގެ ކުރިމަގު ބައްޓަން ކުރަންވީ ކިހިނެއް ހެއްޔެވެ؟ އަޝްއަރީން ފަދަ ތަޤުލީދީ ސުންނީ ޢިލްމުވެރިން ރައްކާތެރިކޮށްފައިވާ ހަގީގީ އިސްލާމީ ސަޤާފަތަކީ، ކުށެއްނެތް މީހުންނާ ދެކޮޅަށް ހިންގާ އަނިޔާވެރިކަމާ ދެކޮޅު ހެދުމާއި، މަޒުހަބީ ލޭ އޮހޮރުވުންތައް ކުށްވެރިކުރުމާއި، އިންސާފަށް ތެދުވުމެވެ. މި އުއްމަތުގެ މާތް ނަބިއްޔާ، ކީރިތި ރަސޫލާ ﷺ، ކީރިތި ޤުރުއާނުގައި ސިފަ ކުރައްވާފައިވަނީ "ޢާލަމްތަކަށް ރަޙުމަތެއްގެ" (21:107) ގޮތުގައެވެ. އިސްލާމްދީނުގެ ދިގު ތާރީޚުގައި، އެއްބަޔަކު އަނެއްބަޔަކާ އެކު އުޅުމާއި، ޢިލްމީ ގޮތުންނާއި ފިކުރީ ގޮތުން ކުރިއަރައި ދިއުމާއި، ދީންތަކުގެ މެދުގައި ގެންގުޅުނު އިޙުތިރާމް ކުރުމުގެ ސަގާފަތަކީ، މިއަދު ހުޅަނގުން އަޑީގައި ތިބެގެން އުފައްދާ ހަމަނުޖެހުންތަކާއި، ކޯޅުންތަކުން ކުލަޖައްސާފައިވާ ތަސްވީރާއި މުޅިން ތަފާތު ތަސްވީރެކެވެ.

މިޒަމާނުގެ ސަލީބީ ހަނގުރާމައާ ދެކޮޅަށް މުސްލިމުން ޖެހޭނީ ސައްޙަ ޢިލްމާއި މަޢުރިފާވެރިކަން ދިރުވައި އާލާކޮށް، މަޒުހަބީ ތަފާތުކުރުންތައް ނައްތައިލާ، އެއްބައިވަންތަވެ، ހުޅަނގުގެ ދައްޖާލީ ފިތުނަ، ދުނިޔެއަށް ހާމަކޮށް، މުސްލިމުން ހެއިއަރުވާށެވެ. އަޅުގަނޑުމެންގެ ރިވާޔަތްތައް އެހެން މީހުންނަށް ލިޔަން ހުއްދަ ދިނުން ހުއްޓާލަން ޖެހެއެވެ.

ނިންމާލަމުން ބުނެލަން ބޭނުންވަނީ އެންމެ ވާހަކައެކެވެ. އެއީ، ދުނިޔެއިން ފެނިގެން މިދަނީ ޙަޟާރަތްތަކުގެ މެދުގައި ކުރެވޭ ހަނގުރާމައެއް ނޫނެވެ. މިއީ ހައްޤާއި ބާޠިލާ ދެމެދު ކުރެވޭ ހަނގުރާމައެކެވެ. ސިހުޔޫނީ އަދި އިންޖީލީ ބާރުތަކުގެ އިއްތިހާދުން ވަނީ ޑިޕްލޮމެސީގެ ހެދުން އަޅައިގެން، މީޑިއާ އާއި އަސްކަރީ ބާރުގެ ޒަރީއާއިން ނުރައްކާތެރި ހަތިޔާރެއް ކަމަށްވާ ސަލީބީ ރޫހު ދިރުވާ އާލާކޮށްފައެވެ. އެކަމަކު، އެމީހުންގެ ބާރު އޮތީ މަކަރާއި، ހީލަތާއި، އޮޅުވާލުމުގެ ތެރޭގައެވެ. އަދި މިނުރައްކާތެރި ހިލްފުން މިނިވަންވެގަތުމުގެ ފުރަތަމަ ފިޔަވަޅަކީ ސާފުކޮށް ބަޔާންކޮށް ދިނުމެވެ. މިއީ ސުވާލު ކުރަންވީ ވަގުތެވެ. އެހެން ބައެއްގެ ނުބުއްވަތު ފުރިހަމަ ކުރުމަށްޓަކާ ހަނގުރާމައިގެ މައިދާނެއްގެ ގޮތުގައި، އިސްލާމީ ދުނިޔެ އޮންނަންވީ ހެއްޔެވެ؟ އިސްލާމީ އުއްމަތް އެކީ އެކަށް ފަނާވަންދެން ކުޅިބަލަން ތިބެންވީ ހެއްޔެވެ؟ ނޫނެކެވެ. އިސްލާމީ އުއްމަތުގެ ތަޤްދީރު ބަދަލުކުރުމަށްޓަކާ ބަދުރުގެ ދުވަހު މުސްލިމުން ތެދުވި ގޮތަށް ތެދުވަންވީއެވެ. އިސްލާމީ އުއްމަތުގެ ޝަރަފާއި ކަރާމާތް އަލުން އިއާދަވާނީ ހަނގުރާމަ ކޮށްގެންނެވެ. އަދި އެއަށްފަހު، އިސްލާމީ ޚިލާފަތެއް ގާއިމުކޮށްގެންނެވެ.