Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ރައީސް މުޢިއްޒަށް އައްސަރިބަހާއި ސާބަހެވެ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަައްމަދު މުޢިއްޒު، ނޫސްވެރީންނާއެކު އިއްޔެ ބޭއްވެވި ނޫސްކޮންފަރެންސާމެދު ހައިރާންވެ އަންތަރީސްވިއެވެ. ތަފާތުކަމުންނެވެ. މާ ބޮޑަށް ތަފާތުކަމުންނެވެ.

އާނއެކެވެ! ހަމަ ހައިރާންވެ އަންތަރީސްވިއެވެ!

ސަބަބަކީ، އާންމުކޮށް ގައުމުގެ އިސް ވެރީންނަކީ، ކަންކަން ހާމަނުކުރެއްވުމަށްޓައި ވީހައި ބޮޑަކަށް މީޑިއާތަކާ ދުރުގައި އުޅުއްވާ ބަޔަކަށްވާއިރު ރައީސް މުޢިއްޒު މުޅީން އެއާ ތަފާތު ވެރިއެއްގެ ގޮތުގައި ވެވަޑައިގަންނަވާކަން ހާމަވީތީއެވެ.

އާނއެކެވެ! ރައީސް މުޢިއްޒަކީ ވަރަށް ސާދާ، ވަރަށް ސާފު ބޭފުޅެއްކަން ހެޔޮ ހިތުން ގަބޫލުކުރަން ޖެހެއެވެ. އެހެނީ، އިއްޔެ، ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު، ނޫސްވެރިންނާ ބައްދަލު ކުރައްވައި ސަރުކާރުގެ ކަންކަން ހިންގާ ގޮތާމެދު ނޫސްވެރިން ކުރިމަތިކުރި ހުރިހައި ސުވާލަކަށް ވަރަށް ސާބިތުކަމާއެކު، އެއްވެސް ކަމެއް ވަންހަނާ ކުރެއްވުމެއް ނެތި ވަރަށް ސާފުކޮށް ހުރިހައި ސުވާލަކަށްވެސް ޖަވާބު ދެއްވައިފައި ވާތީއެވެ.

އެކުން އެހައި ބޮޑަށް ހައިރާންވެ އަންތަރީސްވާން ޖެހުނު އެއް ކަމަކީ ގައުމުގެ ރައީސުލް ޖުމްހޫރިއްޔާގެ ހައިސިއްޔަތުގައި ހުންނަވައިގެންމެ ރައްޔިތުންނަށް ސަރުކާރުގެ ކަންކަން ހާމަ ކުރެއްވުމަށްޓަކައި ޕޯޑިމް ކައިރީގައި ކޮޅަށް ހުންނެވި ވަގުތުގެ ދިގުކަމުގެ ސަބަބުންނެވެ. ގާތްނޑަކަށް 15 ގަޑިއިރެވެ. ނޫސް ކޮންފަރެންސް ފެށުނީ އިއްޔެ ހެނދުނު 10 ޖެހިއިރު އެވެ. ނިމުނީ ރޭ ދަންވަރު 12:55 ގައެވެ. މެދުކަނޑުއްވައިލެއްވީ ހަތަރު ނަމާދު ވަގުތަށާއި އިތުރު ވަގުތުކޮޅަކަށެވެ. އެހެންކަމުން އިއްޔެ އެމަނިކުފާނު ދެއްވި ނޫސްކޮންފަރެންސަކީ ދުނިޔޭގެ ރެކޯޑެކެވެ. އެހައި ދިގުކޮށް ނޫސްކޮންފަރެންސެއް ދެއްވި އެއްވެސް ވެރިއަކު އަދި އެހެން މީހަކުވެސް ނެތަތީއެވެ. ޖުމްލަ 36 ނޫސްވެރިން ބައިވެރިވި އިއްޔެގެ ނޫސްކޮންފަރެންސްގައި 300 އަށްވުރެ ގިނަ ސުވާލުކޮށްފައިވެއެވެ.

އެހައި ބޮޑަށް ހައިރާންވެ އަންތަރީސްވާން ޖެހުނު އަނެއް ކަމަކީ، ބައެއް ނޫސްވެރިން ރައީސާ ކުރިމަތިކުރުވި، އެއްވެސް އަސްލެއް ނެތް، އެހެނަސް އެހައި ޒާތީ ސުވާލުތަކަށް ވެސް ހިނިތުންވުމާއި ފިސާރި ސާބިތުކަމާއެކު އެ މަނިކުފާނު ޖަވާބުދާރީވެވަޑައިގަތުމުންނެވެ.

އެހެންކަމަށްވާތީ، އެމަނިކުފާނަށް ނިސްބަތްކޮށް ބައެއް މީހުން ދަައްކާ ވާހަކަތަކާއި ފަތުރާ ތެދު ނޫން ހަބަރުތަކަކީ އެއްވެސް އަސްލެއް ނެތް، ހުސް ވާހަކަ ތަކެއްކަން މި ކަމުގެ ސަބަބުންވެސް ސާބިތުވެއެވެ. ރައީސް މުޢިއްޒުގެ އަގުހުރި ޒިންމާދާރު ވަގުތުކޮޅުން 15 ގަޑިއިރުގެ ވަގުތު ދެއްވިކަމީ، އެމަނިކުފާނުގެ ސަރުކާރަކީ ދެފުށްފެންނަ ސަރުކާރަކަށް ހައްދަވާނޭ ކަމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ތެދުކަން އެއްވެސް ވަންހަނާކަމެއް ނެތި އެންމެނަށްވެސް މި ވަނީ ސާބިތުވެފައެވެ. އެކަމަށްޓަކައި އެމަނިކުފާނަށާއި އެމާނިކުފާނުގެ ސަރުކާރު ހިންގެވުމުގައި އެމަނިކުފާނަށް ވާގިވެރިވެވަޑައިގަންނަވާ ހުރިހައި ވެރީންނަށްވެސް ޝުކުރު ދަންނަވައި ގައުމު ކުރިއެރުވުމަށްޓަކައި ކުރައްވާ ހުރިހައި ކަމެއްގައި ކާމިޔާބީއަށް އެދި ދިވެހި ފަރުދެއްގެ ހައިސިއްޔަތުން ހެޔޮ ދުޢާކުރަމެވެ. އަދިވެސް އެއްފަހަރު މަރުހަބާ ދަންނަވަމެވެ.