Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ފަލަކީ އިލްމުގެ ކަށަވަރުކަމުގެ ތެރެއިން…

މި ލިޔުމާއެކު ވާ ދެ ފޮޓޯއާއި ތިރީގައި މިވާ ވީޑިއޯކޮޅަކީ، މާލޭ ހުކުރު މިސްކިތު ހަރިންމަ ތެރޭގައި ހުރި ވަގުތު ގަލުގެ ހިޔަނިން މިއަދު (22 އޭޕްރިލް) މާލޭ ގަޑިން 15:20 ގައި ނަގައިފައިވާ ފޮޓޯއަކާއި ވީޑިއޯއެކެވެ. ވީޑިއޯ އިން އިވެމުން އެ އަންނަނީ މިއަދުގެ އަސުރު ބަންގިއެވެ.

މާލެއަށް މިއަދު ޢަޞުރުވާ ވަގުތަކީ 15:20 އެވެ. ރަތް ކުލައިގެ ވަށް ބޮޅުގެ ތެރެއިން އެ ފެންނަނީ އެ ވަގުތު، ވަގުތުގަލުގެ ހިޔަނިކަށީގެ ތުނޑު، މިއަދު ޢަޞުރުވާ ވަގުތުގައި ހުންނަންވާ ތަނަށް ނުވަތަ ގަލުގައި އަޅައިފައިވާ "ކާވު" އަށް ބަރާބަރަށް ވާޞިލުވެފައިވާތަނެވެ.

މި ގަލަކީ މީގެ 77 އަހަރު ކުރިން ތުއްތުސާހަބު ބެހެއްޓެވި ވަގުތު ގަލެކެވެ.

ވޭތުވެދިޔަ 77 އަހަރުގެ ތެރޭގައި ބިމަށާއި އެ ވަގުތުގަލަށް އަންނާނެ ބަދަލަށާއި ވަގުތު ގަލަށް އަރާނެ ގުޑުމަށާއި ލިބިފައިވާނެ ގެއްލުންތަކެއް  ހުންނާނެ ކަމަށް ވިޔަސް، މިއަދާ ހަމައަށްވެސް އެ ވަގުތުގަލުގެ ހިޔަނިން ވަގުތު އަންގައިދިނުމުގައި ކުޑަކުޑަ ތަފާތެއް ވިޔަސް އައިސްފައި ނެތްކަން މިއަދު ޢަޞުރު ވަގުތުގެ ހިޔަނިން ކަށަވަރުުކޮށް ދެއެވެ.

ތުއްތުސާހަބު ނުވަތަ ހިމިތީ އިސްމާއީލް ކަލޭފާނުގެ ތުއްތުއަކީ ރާއްޖޭގައި އުފެދުނު އެންމެމޮޅު ފަލަކީ ޢިލްމުވެރިޔާއެވެ. އަދި އެންމެމޮޅު ހިސާބު ޢިލްމުވެރިޔާވެސް މެއެވެ.

ފަލަކީ ޢިލްމުވެރީން ހިސާބުގެ މައްޗަށް ބުރަވެ، ކުރައްވާ ކަންތައްތަކުގެ ސީދާ ކަމާއި ކަށަވަރުކަން ދެނެގަތުމަށް މިއީވެސް އެއް ކަމެކެވެ.