ފަހަރުވާގެ ކުލައާމެދު މާބޮޑު ސަމާލަކަމެއް ނުދެވިދާނެއެވެ. ނަމަވެސް މިއީ ޑިހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެން މަދުވުމުގެ އިތުރުން އިންފެކްޝަންތަކާއި އަދި ސީރިއަސް ބަލިތަކެއް ޖެހިފައިވާކަމުގެ ނިޝާންތަކެއްގެ އިންޒާރުކަމަށްވެދާނެއެވެ. ގަދަ ރީނދޫ ކުލައިގެ ނުވަތަ ޑީޕް އެމްބާ ކުލައިން ފެށިގެން ސިއްސުވާލާ ފަދަ ނޫކުލައަކުން އެ ދައްކައިދެނީ ހަށިގަނޑުން ތިބާއަށް އިންޒާރުތަކެއް ދޭން ފަށައިފިކަމެވެ.
ތިރީގައި މި ބަލައިލަނީ ފަހަރުވާގެ ކުލަތަކާއި އެ ކުލަތަކުގައި ފަހަރުވާ ހުންނަނީ ކީއްވެ ކަމާއި ޑޮކްޓަރަކާ ހިސާބަށް ދާން ޖެހިދާނެ ސަބަބުތަކަކަށެވެ.
ރަތް ނުވަތަ ފިޔާތޮށި ކުލަ – ފަހަރުވާގައި ލޭ
ބީޓުރޫޓާއި ބެރީ ކެއުމުން ފަހަރުވާގެ ކުލަ ރަތަށް ބަދަލުވެދާނެއެވެ. ނަމަވެސް މި ރަތް ކުލަ ދެމިގެން ހިނގައްޖެ ނަމަ އޭގެ މާނައަކީ ފަހަރުވާގައި ލޭ ހުރުމެވެ. މިއީ ފަހަރުވާ ބޭރުކުރާ ހޮޅީގައި އިންފެކްޝަން ނުވަތަ ޔުރިނަރީ ޓްރެކްޓް އިންފެކްޝަން (ޔޫ.ޓީ.އައި)، އާއި ގުރުދާގައި ހިލަ އުފެދުމާއި، ފަހަރުވާ ޖަމާވާ ބްލެޑާގެ އިންފެކްޝަނާއި އަދި ފަހަރުގައި ބްލެޑާ އާއި ގުރުދާގެ ކެންސަރަށް ވުން ވެސް އެކަށީގެންވެއެވެ.

އޮރެންޖް ކުލަ – ޑިހައިޑްރޭޝަން ނުވަތަ ހަށިގަނޑުން ފެން މަދުވުން
އަނދިރި ރީނދޫ ކުލައެއްގައި ފަހަރުވާ ހުރެފައި، އާއްމު ގޮތެއްގައި ފަހަރުވާ ލާ ފަހަރުތައް މަދުވަމުންދާ ނަމަ މި ކަމުން ފަހަރުގައި ދޭހަކޮށްދެނީ ހަށިގަނޑުން ފެން މަދުވެފައިވާކަމުގެ ނިޝާނެކެވެ. ވަރުބަލިކަމާއި ހޮޑުލަވާ ގޮތް ވުމާއި އަދި ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރެވޭކަމުގެ އިހުސާސް ވެސް ކުރެވެން ފަށާފާނެއެވެ. ފަހަރުވާގެ ސާމްޕަލެއް ޗެކުކުރުމަށް ފަހު ތިބާގެ ހަށިގަނޑުން ފެން މަދުވެފައިވާ މިންވަރު ނުވަތަ ތިބާ ޑިހައިޑްރޭޓްވެފައިވާ މިންވަރު ޑޮކްޓަރަކަށް ދެނެގަނެވިދާނެއެވެ.
ފަހަރުވާ އޮރެންޖް ކުލައިގައި ހުރުމަށް އާއްމު ގޮތެއްގައި ކުރިމަތިވާ ސަބަބަކީ ހަށިގަނޑު ޑިހައިޑްރޭޓްވުމެވެ. ގިނަ ފަހަރަށް މި މައްސަލަ އިތުރަށް ފެން ބޮއެގެން ހައްލުކޮށްލެވޭނެއެވެ.
ފަހަރުވާ އޮރެންޖް ކުލައިގައި ހުރުމުގެ އިތުރުން ބޮޑުކަމުދާތަކެތި އަލި ކުލައެއްގައި ހުންނަ ނަމަ މީގެ މާނައަކީ ބައިލް ޑަކްޓްގައި މައްސަލައެއް ހުރުމެވެ. މިއީ މެއިން ގޯލް ބްލެޑާއަށާއި ގޮހޮރަށް ބައިލް ފޮނުވުމުގައި ހުރި މައްސަލައެކެވެ. މިއީ ޑޮކްޓަރަށް ދައްކަން ޖެހޭ ކަމެކެވެ.

އަލި އަދި އަނދިރި ރީނދޫ ކުލަ – މޭވާގައި ހުންނަ ކަހަލަ ފޮނި ވަހެއް ހުރި ފަހަރުވާ
މިއީ ލޭގައި މަތީ މިންވަރަކަށް "ބްލަޑް ޝުގާ" ނުވަތަ ލޭގެ ހަކުރު ހުރިކަމުގެ ނިޝާނެކެވެ. އެއީ ހަށިގަނޑުގައި ހުންނަ އިތުރު، ހަކުރުގެ ބާވަތެއް ކަމަށްވާ ގުލުކޯޒު ފަހަރުވާގެ ޒަރީއާއިން ހަށިގަނޑުން ބޭރުކޮށްލާތީއެވެ. މިއީ ހަކުރުބައްޔާއި ހައިޕަގްލިސީމިއާ ފަހަރެއްގައި ހުރިކަން އަންގައިދޭ އިންޒާރަކަށްވެދާނެއެވެ. ހައިޕަގްލިސީމިއާއަކީ "ހައި ބްލަޑް ޝުގާ" ނުވަތަ ލޭގެ ހަކުރު މަތީ މިންވަރަކަށް ހުރުމެވެ.
ހަކުރުބައްޔާއި ހައިޕަގްލިސީމިއާ ޖެހިފައިވާ ނަމަ ފަހަރުވާގެ ކުލަ އަލި ރީނދޫ ކުލައިން ފެށިފެން އަނދިރި ރީނދޫ ކުލައެއްގައި ހުރެދާނެއެވެ. މިއީ ހަށިގަނޑުގައި ހުންނަ އިތުރު ގުލުކޯޒު ހަށިގަނޑުން ބޭރުކޮށްލަން ހަށިގަނޑުން މަސައްކަތް ކުރުމުން ހަށިގަނޑު ޑިހައިޑްރޭޓްވުމުން އާއްމު ގޮތެއްގައި ދިމާވާ ގޮތެކެވެ.
ހަކުރާއި މޭވާގައި ހުންނަ ކަހަލަ ފޮނިވަހެއް ފަހަރުވާއިން ދުވަނީ ފަހަރުވާގެ ޒަރީއާއިން ހަށިގަނޑުން ގުލުކޯޒު ބޭރުކުރުމުންނެވެ. މި ކަހަލަ ދަނޑިވަޅުގައި ފަހަރުވާގެ ކުލަ ބިނާވެފައި ހުންނާނީ ހަށިގަނޑު ހައިޑްރޭޓްވެފައިވާ މިންވަރު ނުވަތަ ހަށިގަނޑުގައި ފެން ހުންނަ މިންވަރުގެ މައްޗަށެވެ.
ފޮނި ވަސް ދުވާ ފަހަރުވާއާމެދު ފަރުވާ ކުޑަ ކޮށްގެން ނުވާނެއެވެ. މި ކަހަލަ ނިޝާނެއް ފެނިއްޖެ ނަމަ ޑޮކްޓަރަކަށް ދެއްކުމަކީ ރަނގަޅު ހިޔާލެކެވެ. ސިއްހީ ސީރިއަސް މައްސަލަތަކެއް ތިބާއަށް ކުރިމަތިވެފައި ނުވާކަން ޔަގީންކުރުމަށެވެ.
ނޫ ނުވަތަ ފެހި ކުލަ
މިއީ ވަރަށް މަދުން ފެންނަ ދެ ކުލައެވެ. މިއީ ބައެއް ކަހަލަ ބޭހުން ދިމާވާ ކަމެކެވެ. މިސާލަކަށް، އިންފެކްޝަންތަކަށް ދޭ ބޭސްތަކާއި ނުވަތަ ހޭނައްތަން ނުވަތަ އެނަސްތީޝާ ކުރަން ޖަހާ ބޭސްތަކުން ނުވަތަ އެނަސްތެޓިކުންނެވެ. މިއިން ކުލައެއްގައި ފަހަރުވާ ހުރުމަކީ ޖެނެޓިކް ގޮތުން ތިބާއަށް ވާރުތަވާ ފެމިލިއަލް ހައިޕަސެލްސީމިއާއަށް ވެސް ވެދާނެއެވެ. މިއީ ހަށިގަނޑުގައި ކެލްސިއަމް އަންދާ ވަރަށްވުރެ ކެލްސިއަމް ދެމިހުންނަ މިންވަރު އިތުރުވުމެކެވެ. ބައެއް ފަހަރަށް މިއީ ނުރައްކާތެރި ނޫން ހާލަތަކަށް ވިޔަސް މި ކަން ކުރިމަތިވެދާނެ އެހެން ސަބަބުތައްވެއެވެ. އަދި މިހެން ވެއްޖެ ނަމަ ފަރުވާ ވެސް ބޭނުންވެއެވެ. އޭގެ ތެރޭގައި ސާޖަރީ ވެސް ހިމެނެއެވެ. މިހެންވެ ރަނގަޅު ޑައެގްނޯސިސްއެއް ޑޮކްޓަރަކު ލައްވާ ހެދުން މުހިންމެވެ.
ފުސް ރީނދޫ ކުލަ – އެމޯނިއާ ވަސް
ފަހަރުވާގައި ވަރުގަދައަށް އެމޯނިއާ ވަސް ހުންނަ ނަމަ މިއީ ހަށިގަނޑުން ދޭ އިންޒާރަކަށް ވެދާނެއެވެ. ދޭތެރެއަކުން ފަހަރުވާގެ ވަސް ބަދަލުވިޔަސް އެއީ މައްސަލައެއް ނޫނެވެ. އެއީ ކާބޯތަކެތި ނުވަތަ ޑައެޓާއި ހައިޑްރޭޝަނާ އާއްމު ގޮތެއްގައި ގުޅިފައިވާ ކަމެކެވެ. ނަމަވެސް ދާއިމީ ގޮތެއްގައި ފަހަރުވާއިން އެމޯނިއާ ވަސް ދުވުމަކީ ހަށިގަނޑުގައި ކޮންމެ ވެސް މައްސަލަތަކެއް ހުރި ކަމުގެ ނިޝާނެކެވެ. މީގެ ތެރޭގައި ޑިހައިޑްރޭޓްވުމާއި ޔޫ.ޓީ.އައި އާއި ގުރުދާގެ މައްސަލަތަކާއި މޭ ހަލާކުވާން ދިމާވާ ސިރޯސިސް ކަމަށް ވެދާނެއެވެ. އަރިކަށްޓަށް ތަދުވުމާއެކު ފުސް ރީނދޫ ކުލައެއްގައި، ދިލަ ނަގައިފައި ކުޑަކަމު ދެވޭ ނަމަ، އެއީ ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތެކެވެ. ތިބާގެ ހަށިގަނޑުން އެ ބުނަން އުޅެނީ ކޮންމެވެސް ވާހަކައެކެވެ. އެ ކަމަ އަޅާނުލާ ނުހުންނާށެވެ.

އަނދިރި މުށި ކުލަ
އަނދިރި މުށި ކުލައިގައި ފަހަރުވާ ގިނަ ފަހަރަށް ހުންނަނީ ޑިހައިޑްރޭޝަންގެ ސަބަބުންނެވެ. ނަމަވެސް ބައެއް ކަހަލަ ބޭސްތަކުން ވެސް ފަހަރުވާ މި ކުލައަށް ބަދަލުވެއެވެ. މިސާލަކަށް، ޖަރާސީމުން ހަށިގަނޑުގައި ޖައްސާ ތަފާތު އިންފެކްޝަންތަކަށް ދޭ މެޓްރަނައިޑަޒޯލް އަދި މަދިރިން ޖައްސާ މެލޭރިއާ ބައްޔަށް ދޭ ބޭސް ކަމަށްވާ ކްލޮރޮކުއިންއެވެ.
ބައެއް ކަހަލަ ކާބޯތަކެތިން ވެސް އަނދިރި މުށި ކުލައަށް ފަހަރުވާ ބަދަލުވެއެވެ. މިސާލަކަށް ރުބާބް އާއި ފާވާ ތޮޅި ހިމެނެއެވެ.
ބައެއް ކަހަލަ ސިއްހީ ހާލަތްތަކުން ވެސް ފަހަރުވާ އަނދިރި މުށި ކުލައަށް ބަދަލުވެއެވެ. މިސާލަކަށް، މަސްތައް ޒަހަމްވާ ރަބްޑަމަޔޮލިސިސް އާއި ހަމާއި ނާރުތަކުގެ ބައްޔެއް ކަމަށްވާ ޕޯފިރިއާ އަދި މޭގެ ބަލިތައް ހިމެނެއެވެ.
ދުވުން ކަހަލަ ކަސްރަތުން ވެސް ފަހަރުވާގެ ކުލަ އަނދިރި މުށްޓައް ބަދަލުވެއެވެ. މިއަށް ކިޔަނީ އެގްޒާޝަނަލް ހިމަޓިއުރިއާއެވެ. އާއްމު ގޮތެއްގައި އަރާމު ކުރުމުން މި ކަން ރަނގަޅުވެއެވެ. ނަމަވެސް ދިގު ދުވުންތަކާއި ވަރުގަދަ އިންޓަވަލް ޓްރެއިނިން (އެރޮބިކް އަދި އެންއެރޮބިކް ވެސް ހިމެނޭ ގޮތަށް) ފަދަ ކަސްރަތުތަކުގެ ސަބަބުން ފަހަރުވާގެ ތެރެއަށް ލޭ ފޭދުމުން ދިމާވާ ވެސް ހާލަތެކެވެ. އަނދިރި މުށި ކުލައިގައި ފަހަރުވާ އަބަދު ހުންނަން ފަށައިފި ނަމަ ނުވަތަ އެހެން ވެސް މައްސަލަތަކެއް ފެންނަން ފަށައިފި ނަމަ، ދެނެގަނެވިފައި ނުވާ ސިއްހީ މައްސަލަތަކެއް ނެތްކަން ކަށަވަރު ކުރަން ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ހުދު ކިރު ކުލަ
މިއީ ލޭގައި ހުދު ސެލް ނުވަތަ ވައިޓް ބްލަޑް ސެލް ނޫނީ ދޮސްގެ ސަބަބުން ޔޫ.ޓީ.އައިގެ މައްސަލަ ކުރިމަތިވެފައިވާކަމުގެ ނިޝާނެކެވެ. ގުރުދާގައި ހިލަ އުފެދުމާއި ފޮސްފޭޓް ކްރިސްޓަލްތަކާ ގުޅޭ ހަށިގަނޑުގެ މެޓަބޮލިކް މައްސަލަތަކާ ވެސް މި ކަމާ ގުޅުން ހުރެއެވެ. މެޓަބޮލިޒަމްއަކީ ކާބޯތަކެތި ހަށިގަނޑަށް ނަގައިދީ، ހަށިގަނޑަށް ހަކަތަ ފޯރުކޮށްދީ، ހަށިގަނޑުގެ ގުނަންތައް ދުޅަހެޔޮކޮށް ދަމަހައްޓައިދީ އަދި އާއްމު ސިއްހަތު ރަނގަޅު ގޮތުގައި ދަމަހައްޓައިދޭ ނިޒާމެވެ.
ކުލައެއް ނެތް އެތެރެ ފެންނަ ފަހަރުވާ
މީގެ މާނައަކީ އާއްމު ގޮތެއްގައި ދުވާލަކު ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތިބާއަށް ފެން ބޮވެނީކަމެވެ. ހަށިގަނޑު ހައިޑްރޭޓްކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމަކަށްވާއިރު ހަށިގަނޑަށް މާބޮޑަށް ފެން އެތެރެވުމުން ހަށިގަނޑުގެ އިލެކްޓްރޮލައިޓްސް ޑައިލިއުޓްކޮށް، ނިކަމެތިކޮށްލައެވެ. ދޭތެރެއަކުން ކުލައެއް ނެތް، އެތެރެ ފެންނަ ފަހަރުވާ ލެވުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް މި ގޮތަށް އަބަދު ފަހަރުވާ ހުންނަން ފަށައިފި ނަމަ މީގެ މާނައަކީ ހަށިގަނޑު އޯވާ-ހައިޑްރޭޓްވެފައި ނުވަތަ ހަށިގަނޑަށް ފެން ބޭނުންވާ މިންވަރަށްވުރެ އިތުރަށް ހަށިގަނޑަށް ފެނާއި ދިޔާތަކެތި ވަންނަމުންދާކަމެވެ. ކުލައެއް ނެތް އެތެރެ ފެންނަ ފަހަރުވާއަކީ ބައެއް ފަހަރު ސިރޯސިސް އާއި ވައިރަލް ހެޕަޓައިޓިސް ފަދަ މޭގެ މައްސަލަތަކެއް ކުރިމަތިވެފައިވާކަމުގެ ނިޝާނަކަށް ވެދާނެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ފެން ނުވަތަ ދިޔާތަކެތި ތިބާ ނުބޯ ހިނދު، ފަހަރުވާ މި ގޮތަށް ހުންނަ ނަމަ، މި ކަމުގެ ހަގީގަތް ބަލަން ޑޮކްޓަރަކަށް ދެއްކުމަކީ ރަނގަޅު ހިޔާލެކެވެ.
ނިންމާލަމުން ބުނަން ޖެހެނީ ތިބާގެ ފަހަރުވާގެ ކުލަ ބަދަލުވެފައި އަބަދު ހުންނަ ނަމަ، ހާއްސަކޮށް ފަހަރުވާ ލެވެނީ ތަދުވުމާއި ހުން އައުމާއި ހޮޑުލެވުމާއި ވަރުބަލިވުމާއެކުގައި ކަމަށްވާ ނަމަ، ތަމްރީންވެފައިވާ ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުން މުހިންމު ކަމަށެވެ. ސިއްހީ ނަޒަރަކުން ބަލާއިރު، ތިބާގެ ސިއްހަތު ރަނގަޅު ނަމަ، ތިބާގެ ފަހަރުވާ އަސްލު ހުންނަން ޖެހޭނީ އެތެރެ ފެންނަ، މަޑު ރީނދޫ ކުލައިގައެވެ. ތިބާގެ ފަހަރުވާއަކީ ތިބާގެ ސިއްހަތުގެ ދުޅަހެޔޮކަން ހުރިނެތްގޮތް ދައްކައިދޭ ވަރުގަދަ ނިޝާނެކެވެ. އެހެންކަމުން ތިބާގެ ފަހަރުވާގެ ކުލައިން ދޭ އިންޒާރުގެ ނިޝާންތަކަށް އަޅާނުލައި ފަރުވާ ކުޑަ ކޮށްގެން ނުހުންނާށެވެ.
- ތަރުޖަމާއެއް
