އަންނަ ފިޠްރު ޢީދު ދުވަހަކީ، މި މާރިޗު މަހުގެ 30 ވަނަ ދުވަސްތޯ ނުވަތަ 31 ވަނަ ދުވަސްތޯ މިއީ، މި ދުވަސްކޮޅު އެންމެ ގިނައިން އަޅުގަނޑާ ކުރިމަތިވާ އެއް ސުވާލެވެ. އެ ސުވާލު ކުރިމަތިކުރާ ސަބަބާމެދު ވިސްނައިލުމުން އެނގެނީ ކަލަންޑަރުގައި ވަކި ދުވަހެއް ފިޠްރުޢީދު ކަމަށް ކަނޑައަޅާފައި އޮންނަނަމަވެސް އެކަމުގައި ނިޔަމިކަމުގެ ހިސާބުން ދައްކާގޮތާއި ފަލަކީގޮތުން އެކަން އޮތްގޮތެއް ދެނެގަތުމަށް ބޭނުންވާ ބަޔަކުވެސް ތިބެނީކަމެވެ. އެހެން ކަމަށްވާތީ އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން، ބަލަން ޖެހޭނީ މި މާރިޗު މަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ކުރީގައިތޯ ނުވަތަ އިރަށް ވުރެ ފަހުންތޯއެވެ.
އެގޮތުން ޢީދަށް ހަނދުބަލާ ދުވަސް ކަމަށްވާ މި ރޯދަމަހުގެ 29 ވަނަ ދުވަހު ރާއްޖެއަށް ހަނދު އޮއްސޭނީ، އިރު އޮއްސުމުގެ ކުރިންކަން ނުވަތަ ފަހުންކަން ދެނެގަތުމަށްޓަކައި ނިޔަމިކަމުގެ ޙިސާބުން އެކަން އޮތްގޮތް ބަލައިލީމެވެ. ތިރީގައިވާ ތާވަލްތަކުުގައި އެވަނީ ރާއްޖޭގެ އެންމެ އުތުރާއި އެންމެ ދެކުނުގެ އިތުރުން ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި ހުރި ބައެއް ރަށްރަށަށް އެދުވަހު އިރާއި ހަނދު އޮއްސޭ ވަގުތު ނިޔަމިކަމުގެ ޙިސާބުން ދައްކާ ގޮތުގެ ކަށަވަރު ހިސާބުގެ ތާވަލް ތަކެކެވެ.
އެދުވަހު އިރާއި ހަނދު އޮއްސޭނީ މުރިނގު އަސްތަމާނުގެ އުތުރު ފަޅިޔަށެވެ. އެއީ، ސީދާ ހުޅަނގުގެ އުތުރުފަޅިއެވެ. އިރާއި ހަނދު އެދުވަހަކު ހުންނާނެ ސައިޒު ދުނިޔެއާ ހުރި ދުރުމިނުގެ ނިސްބަތުން ވަޒަންކުރާ މިންގަޑުން، އެދުވަހު އިރުގެ ސައިޒަށް ވުރެ ހަނދުގެ ސައިޒު ބޮޑުވާނެއެވެ. ސްމާޓް ފޯނާއި ޒަމާނީ ވަސީލަތްތަކުން ހަނދު އުދަރެހުގައި ހުރިގޮތް ބަލައިލުމުން އިރާއި ހަނދު އޮއްސުމުގައި ހުރި މިންވަރު ވަޒަންކޮށް ލެވޭނެއެވެ.

މި ތާވަލުތަކުން ދައްކާގޮތުން މި މާރިޗުމަހުގެ 29 ވަނަ ދުވަހު ރާއްޖޭގެ އެއްވެސް ރަށަކަށްވެސް ހަނދު އިރަށް ވުރެ އޮއްސުމުގައި ފަހެއް ނުވާނެއެވެ. އެބަހީ، އިރަށް ވުރެ ކުރީގައި ހަނދު އޮއްސޭނެއެވެ.
ފަލަކީ ޢިލްމުގެ ހަމަތަކުން ބަލާއިރު، ރާއްޖޭގެ ހުޅަނގު ބިތުގެ ރަށްރަށަށާއި އުތުރާއި ދެކުނުގެ ރަށްރަށަށް އިރު އޮއްސުމުގެ ފަހުން ހަނދު ފެންމަތިނުވާ ރެއެއްގައި ރާއްޖޭގެ އިރުމަތީ ބިތުގެ ރަށްރަށަށާއި ރާއްޖެއަށް ވުރެން އިރުމަތީ ސަރަޙައްްދުގެ ގައުމުތަކަށް ހަނދު ފެންމަތިވާނެތޯ ބަލާކަށް ނުޖެހޭނެއެވެ. އެފަދަކަމެއް ކުރުންވާނީ ރޭގަނޑު މެންދަމު މެދުއުޑުން އިރު ފެނޭތޯ ބެލުންފަދަ ދެކޮޅުނުޖެހޭ ކަމަކަށެވެ.
މި ރޯދަ މަހުގެ 29 ވަނަ ދުވަހު ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް އިރު އޮއްސުމުގެ ފަހުން، ހަނދު ސަތަހައިގެ މަތީގައެއް ނުހުންނާނެއެވެ. އަދި ރާއްޖެއަށް ވުރެން އިރުމަތީގައި ހުރި ގައުމުތަކަށްވެސް އެދުވަހު އިރު އޮއްސުމުގެ ފަހަކުން ހަނދު ސަތަހައިގެ މަތީގައެއް ނުހުުންނާނެއެވެ.
މާނައަކީ، މުޅި ރާއްޖެއަށާއި، ރާއްޖެއަށް ވުރެން އިރުމަތީގައި ހުރި ގައުމަކަށްވެސް އެދުވަހު އިރު އޮއްދުމުގެ ކުރީގައި ހަނދު އޮއްްސޭނެކަމެވެ.
ނަމަވެސް، ރާއްޖެއަށް ވުރެ ހުޅަނގުގައި އޮތް ޢަރަބި ބައްރަށާއި އެފްރިކާ ބައްރުގެ ގައުމުތަކަށް އެދުވަހު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ ފަހުން ކަމާމެދަކު ޝައްކެއް ނެތެވެ.
އެގޮތުން ޢަރަބި ބައްރުން އެންމެ އިރުމަތިން ސަރަޙައްދު ކަމަށް ހިމެނޭ، އުމާންގެ އިރުމަތީ ސަރަހައްދުތަކަށް ބަލާއިރުވެސް އެދުވަހު ހަނދު އޮއްސޭނީ، އިރު އޮއްސޭ ވަގުތަށް ވުރެ ހަތަރު މިނިޓު ފަހުންކަން އެނގޭން އޮވެއެވެ.
ސިކުންތު ކޮޅަކުން ހުރި ތަފާތު ފިޔަވައި، މާތްވެގެންވާ މައްކާއަށްވެސް ޖިއްދާއަށްވެސް އެދުވަހު ހަނދު އޮއްސޭނީ އިރަށް ވުރެ ހަތް މިނިޓު ފަހުންނެވެ.
މިޞްރުގެ ޤާހިރާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 10 މިނިޓު ފަހުންނެވެ. މަޣްރިބުގެ ކަސަބުލަންކާއަށް ހަނދު އޮއްސޭނީ އިރަށް ވުރެ 19 މިނިޓު ފަހުންނެވެ.
އެހެންކަމަށްވާތީ، އިރުމަތީ ސަރަޙައްދުގެ ގައުމުތަކަށް ފިޠްރުޢީދު ދުވަހަށްވާނީ މި މާރިޗު 31 ވާ ހޯމަ ދުވަހެވެ. އެކަމަކު ޢަރަބި ބައްރާއި އެފްރިކާ ބައްރުގެ ގައުމުތަކަށް ފިޠްރުޢީދު ދުވަހަށްވާނީ މި މާރިޗު 30 ވާ އާދީއްތަ ދުވަހެވެ. މި ޙާލަތުގައި ދެން ދެެނެގަންނަންވީ ރާއްޖެއަށް ފިޠުރުޢީދު ދުވަސް ދިމާވާ ދުވަހަކީ ކޮބައިކަމެވެ.
ނިޔަމިކަމުގެ ހިސާބާއި ފަލަކީ ޢިލްމު ކަށަވަރުކޮށްދޭ ގޮތުން، ރާއްޖެއަށް އެދުވަހު ހަނދު ފެންމައްޗެއް ނުވާވެއެވެ. ހަނދު ލެއްވުމުގައި ޢަމަލުކުރާ އިސްލާމީ އުޞޫލަށް ރިޢާޔަތް ކޮށްފިނަމަ، ރާއްޖެއަށް ފިޠުރުޢީދު ދުވަހަކަށްވާނީ މާރިޗު 31 ވާ ހޯމަ ދުވަހެވެ.
ނަމަވެސް، އެދުވަހު އިރު އޮއްސުމުގެ ކުރީގައި، އެދުވަހުގެ މެންދުރުފަހު 3:57 ގައި، ކައުނީ ހަމަތަކުން ހަނދަށް ރަމަޟާންމަސް ނިމި، ޝައްވާލު މަހުގެ ވަގުތުތައް ފެށޭކަން އެނގޭން އޮންނާތީ، މާތްވެގެންވާ މައްކާއަށް އެރޭ ހަނދު ލައްވައިފިނަމަ، މައްކާ އެއްގޮތަށް ރާއްޖޭން ތަބާވެ ޢަމަލުކުރުމަށް ކަނޑައަޅައިފިނަމަ މާރިޗު މަހުގެ 30 ވާ އާދީއްތަ ދުވަހަކީ ރާއްޖެއަށް ފިޠުރުޢީދު ދުވަސްކަމަށް ވުމުގެ ފުރުޞަތު އެބަ އޮތެވެ.
ކޮންމެ ގޮތަކަށް އެކަން ދިޔަނަމަވެސް، އެކަމުގައި ވަކިގޮތެއް ކަނޑައަޅުއްވައި ނިންމެވޭނީ ހަމައެކަނި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. އެހެނީ، އެ މިނިސްޓްރީގެ ކަނޑައެޅުއްވުމަކީ، ދައުލަތުގެ ކަނޑައެޅުއްވުމަށް ވާތީއެވެ. ރާއްޖެ ފަދަ އިސްލާމީ ދައުލަތެއްގެ ޢާންމުން، ޢަމަލުކުރުން ހުއްދަވާނީ އެކަމުގައި ދައުލަތުން ކަނޑައެޅުއްވާ ގޮތެވެ. އެއާ ޚިލާފަށް އެކަމުގައި ޢަމަލުކުރުމަކީ، ރާއްޖެފަދަ އިސްލާމީ ގައުމެއްގައި އެވަގުތަކު ތިބި އެއްވެސް ބަޔަކަށް ހުއްދަވާނޭ ކަމެއް ނޫނެވެ.
ހަނދު ލެއްވުމުގައި ހަނދުގެ ދައުރުގެ މައްޗަށް ބަލައިގެން، ޤުދުރަތީ ގޮތުން ހަނދުމައްސަރެއްނިމި، އައު މައްސަރަކަށް ހަނދު ފަށާ ވަގުތަކީ، އިރާއި ހަނދާއި ދުނިޔެއާ ތިނެތި، އެއްއުއިވާ ވަގުތު ކަމަށްވާތީ، ނިޔަމިކަމާއި ފަލަކީ ހިސާބުވެސް އިއްތިފަޤުވާ ގޮތުން މި ރޯދަމަހުގެ 29 ވަނަ ދުވަހު ހަވީރު ޖީއެމްޓީއިން 10:58 ގައި، މާލޭގަޑިން 03:57 ގައި، މޭސަރާހީގެ ރޭވަނަކަތުގެ 5 ދަރަޖަ 10 ވަނަ ދަގީގުގައި، އިރާއި، ހަނދާއި، ދުނިޔެ، އެއްއުވާކަން ފަލަކީގޮތުން އެނގޭން އޮވެއެވެ.
އެހެންކަމުން އެވަގުތުގެ ފަހުން ހަނދު، ދާނީ، އައު ހަނދުމަހުގައި (ނުވަތަ ޝައްވާލު މަހުގެ) ގައި، ދުނިޔޭގެ ވަށައިގެން ޖަހާ ބުރުގެ ދަރަޖަ ދަގީގު ސާނިޔާ ތަކުގައި ހިނގަމުންނެވެ.
އެހެނަސް އެހަމަތަކަށް ބުރަވެ ގޮތް ކަނޑައެޅޭނީ ކައުނީ ކަންކަން ހިނގާ ޤުދުރަތީ ނިޒާމުގެ ޢިލްމީ ހަމަތައް ދެނެގަނެވޭ މިންވަރެއްގެ މަތީންނެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސޭނީ ޝައްވާލު މަހުގެ ފުރަތަމަ ރެއަށް ނުވަތަ ޢީދުވިލޭރެއަށް ނުވާނެ ކަމެއް ކަމަކަށް ބަލަންވާނީ އިސްލާމިކް މިނިސްޓްރީގެ ކަނޑައެޅުއްްވުމަށް ކުރެވޭ އިންތިޒާރީގެ ފަހުގައެވެ.

2 Responses
މީ ހާދަ އޮޅުންބޮޅުން ބޮޑު ލިޔުމެކޭ. މިއަށްވުރެ ފަސޭހައިން ފަހުމް ވާނެ އުސްލޫބަކުން ނުލިޔުއްވޭނެ ތޯ
ޢަބްދު ﷲ ރަޝީދުގެ ލިޔުއްވުންތަކަކީ، އުފެދިދާނެ ސުވާލުތަކަށް ވެސް ޖަވާބު ލިބޭގޮތަށް ލިޔުއްވާފައިވާ ލިޔުއްވުންތަކެއްކަން ފާހަގަ ކުރެވެއެވެ. މާތް ﷲ އެބޭފުޅާއަށް ހެޔޮ ރަޙުމަތް ލައްވާށި.