Support Us

ކޮލަމް ކަލާވެހި: ދެ ކަށްބޮލުގެ ވާހަކަ (ދެވަނަ ބައި)

މި ވާހަކައިގެ ފުރަތަމަ ބައިގައި ދެންނެވި ފަދައިން، އޮޅުދޫކަރައިގެ މިހައިރުގެ ވެރިރަށް ކޮޅުނބާ ދުއިސައްތައެއްހައި ކިލޯމީޓަރު ދުރުގައި އޮންނަ ކުޑަ އަވަށްގަނޑެއް ކަމުގައިވާ މީމުރޭގެ ބޭރުގައި އޮތް ކަށްބިމުގައި ހުރި މަހާނަގައުތައް ނަގައި، އޭގެ ތެރެއިން ސައިންސުގެ ދިރާސާތަކަށް ވިލާތަށް ގެންދާން ހުރި އެއްޗިހި ހަލާކުނުކޮށް ގެންގޮސް، ކަށްބިމުގައި ހުރި ސަންދޯއްތަކާއި، ފީ ލަކުޑިއާއި، ކަށިފުރޭނިފައި ހުރި ގަބުރުތަކުގެ ބައިތައް ނަގައި، އުކައިލައި ހަދާން އަވަށްގަނޑަށް ގެނައި، ނިސްބަތުން ބޮޑެތި މެޝިނުތަކުގެ މަސައްކަތް އިސާހިތަކު ފަށައިގަނެގެން ހަލުއިކަމާއެކު އެބަހަރަގެން ދެއެވެ.

ދެންފަހެ މި ދެންނެވި ތަނުން މެޝިނެއްގެ ދަތްގަނޑުން ފަސްގަނޑު ކޮންނަމުން ދަނިކޮށް އެ ދަތްގަނޑުން އެއްފަހަރަކު ނެގުނު ވެލިތަކެއް އެތާ އަރިމަތީގައި ހުރި ފަސްފުންޏަކަށް އަޅައިލިތަނާ، ވަޅުލިތާ ގިނަ ދުވަސް ވެގެން މަސްފިލައި، ހުދުވެފައި އޮތް ކަށްބޮލުގެ ދެ ބޯ އެ ފަސްފުނީގެ މައްޗަށް ވެއްޓިއްޖެއެވެ. އަދި އެ ދެ ބޮލުގެ ބައްޓަމާއި ބާވަތުން ވެލިފުނި މަތީގައި ހަރުނުލައި، ފުރޮޅެމުން ގޮސް ވެލިފުނީގެ އެ އަރިމަތީގައި އޮތް ފީ ލަކުޑިގަނޑެއްގައި ޖެހި، މަޑުވެއްޖެއެވެ.

ކޮންނަ މެޝިނު ހިންގާން އެޔަށް އަރައި އިނީ އޭނާޔާ އެ މަސައްކަތް ޙަވާލުކުރި މީހުން އޭނާޔަށް ނުކުރި އިޙްތިރާމެއް، ނުބެހައްޓި ކުލުނެއް، ދިރިތިބީންނަށް ކުރާނޭކަ އެހައި ބޮޑު ބޭނުމެއް ނެތްކަމުގެ ފިލާވަޅުތައް އޭނާޔަށް ލިބެމުން ދިޔަ ވަރަކަށް އެހެން މީހުންނަށް އޭނާގެ ފަރާތުން ލިބޭނޭ ކަމަށް އަނެކުން ހީކުރާނޭ އަގަލާއި ކުލުނު އޭނާގެ ކިބައިން ވެސް މަޑުމަޑުން ފޮހެވެމުން، އުނިވަމުން ދިޔަ، އޮޅުދޫކަރަޔަށް އެހައި އޮޅު ނޫން ބިދޭސީއެކެވެ. އެހެންކަމުން، އެ ދެ ބޮލާއި، ދެ ބޮލާ އެކީ ފަސްފުނި މައްޗަށް އެޅެމުން ދިޔަ ކަށިތައް އޭނާޔަށް ފެނުނަސް، އެއީ އޭނާޔަށް އެހައި ޚާއްޞަ އެއްޗިއްސަކަށް ނުވިއެވެ.

ކޮންމެއަކަސް، މި ދެންނެވި ކަށްބޮލުގެ ދެ ބޯ، އެއް ބޯ އަނެއް ބޮލާ ޖެހިގެން އޮތް އިރު، އެއް ބޯ އަނެއް ބޮލާ ވާހަކަދައްކާން ފަށައިފިއެވެ. އިންސީންގެ ކަންފަތަށް ނުއިވޭ، އަދި އިވިގެންވެސް ނުވާނޭ މުތަޚައްޔިލް ބަހަކުންނެވެ.

"މީހަކު އަޅެ ހައިރާނެއް ފަހެ ނުވާނެތަ! އަހަރެންގައި ހަމާއި މަހާއި ލެޔާއި ފުރާނަ ހުރި ދުވަހު ނުލާހިކު ގަނަތެޅި އުޅެފައި، އެ ބާވަތްތައް އަހަރެންނާ ވަކިވެގެން އެ ދިޔަ ތާކަށް ދިޔައިމާ، ދެން މިތާ ހަމަޖެހިލައިގެން ސައްތައެއްހައި އަހަރުވެސް އޮވެވޭ ގޮތެއް ނުވި ވިއްޔަ! މިރަށުގެ ވެރީން ހަރުކަށިވެފައި، ރަންރިއްސަށް ބޫތުކައިފައި ތިބެ ރަށުގެ ހުރިހައި މުއްސަނދިކަމެއް ބައްކޮށްގެން ތިބެފައި، ނިކަމެތީންނަށް އަނިޔާވެރި ވިޔަސް، މަރުވީމައި ދަރީން އަތުން އެއްޗެއް އަތުލައިފައި ނަމަވެސް ވަޅުލައިދިން ވިއްޔަ! ދެން ވަޅުލި ތާނގައި ބޭއްވިނަމަ، ދޯ؟ އަޅެ ކަލޭ ބުނަނީ ކީކޭ؟" އެ ތަނުން އެއް ބޯ އަނެއް ބޮލާ މުޚާޠަބްކޮށް ބުނެލިއެވެ.

"އޭ! ކަލޭ މަށަށް ކަލޭ ނުކިޔާ! އަދަބުވެރިކަމާ އެކީ ވާހަކަދައްކާ!" ދެވަނަ ބޯ ވާހަކަދެއްކީ ވަރަށް ބޮޑާ، ކިބުރުވެރި ރާގަކަށެވެ.

"ބަލަ ކަލޭވެސް މަށަށް ތިޔަ ކީ ކަލެޔެއްނު؟ ދެން އެހެން ވީ އިރު…" ފުރަތަމަ ބޯ ބުނާން ފެށިއެވެ.

"އޭ، މަގޭ ކުރިމަތީގައި މާ އަނގަގަދަ ނުކުރޭ އިނގޭ! އަހަރެން މިއީ ކަލެޔަށް ވުރެ ނަސަބުން މަތިވެރި، ޙަސަބުން އަރައިހުރި، ޤަދަރު ލިބިގެންވާ ޢިއްޒަތްތެރިޔަކީން. ސްރީ ވިކްރަމަ ރާޖަސިންހަ ރަސްގެ ޢާއިލާއިން އައިސް ހުރި ރަސްގެދަރިޔަކީން. މިތާ ވަށަވަށައިގެން މި ހުރިހައި ބިމަކީ އަހަރެންގެ ބިން. މިތާނގައި ދަނޑުގޮވާން ކޮށް، ގެރިބަކަރި ގެންގުޅެ، ރާ އަރައި، ހަކުރު ހަދައި، މިހުރިހައި ކަމެއް ކޮށްގެން އުޅުނު އެންމެހައި އަޅުތަކުން އުފަލާއި ތަނަވަސްކަމުގައި ދިރިއުޅުނީ އަހަރެންގެ ހެޔޮ ކަމާއި ދީލަތިކަމުން އެ މީހުންނަށް އެ ފުރުސަތު ދީފައި އޮތީމައި. އެހެން ވީމައި، އަހަރެންނައި އަޅައިބަލައި އިރު، ކަލޭ ތިޔައީ ކާކު؟" ދެވަނަ ބޯ ބޮޑާކަމާ އެކު ބުނެލިއެވެ.

"އަހަރެން މިއީ މި ހިސާބުގަނޑުގައި އަސޭމިރުސް ހައްދައިގެން، އެ ވިއްކައިގެން އަހަރެންގެ ކުޑަކުޑަ ޢާއިލާގެ ހަތަރު މެންބަރުންގެ ބަނޑުފުރާނަ މުއްތިކޮށްގެން އުޅުނު އާދައިގެ މީހަކީން. އެކަމަކު މިއަދު އަހަރެންގެ ފުރާނަޔެއް ރޫޙެއް ނެތް ބޮލުގެ ކަށިގަނޑު މި އޮތީ ވެލިފުންޏެއްގެ އަރިމަތީގައި ރަސްގެދަރި ކަށްބޮލަކާ އަރައިރުން ވާން!" ފުރަތަމަ ކަށްބޯ ޒާތަކަށް ހީނލައިފައި ބުނެލިއެވެ.

"އަހަރެންނާ އެއް ހަމަޔެއްގައި އޮންނަން ލިބުމަކީ ކަލެޔަށް ލިބޭ ބޮޑު ޢިއްޒަތެއްކަން ކަލެޔަކަށް ފަހެ ނޭނގޭތަ؟ ބަލަ ކަލޭ މަށާ ވާހަކަދައްކާން ވާނީ އަހަރުމެންގެ ރަށުގައި ޤަދަރުވެރީން ބޭނުންކޮށް އުޅުނު އެންމެ މާތް ބަހުންނޭ!" ދެވަނަ ބޯ ބުނެލިއެވެ. "ކަލޭމެންގެ ގާޑިޔާތައް ދުއްވާން މަގު ހަދައިދިނީ އަހަރެން. ގޭގޭގައި ދިއްލާ ބައްތިޔަށް އަޅާނޭ ތެޔޮ އެންމެނަށް ލިބޭ ގޮތް ހަދައިދިނީ އަހަރެން. މި ހިސާބުގަނޑު އެންމެން ބަނޑުފުރާނަ މުއްތިކުރާނޭ ހަނޑޫ އެ މީހުންގެ ފުފޭތަކަށް އަޅައިދިނީ އަހަރެން. ރުއްއަރާ މީހުންނަށް ރުއް އަރާން ދަސްކޮށްދީ، ގޮވާން ކަނޑާ މީހުންނަށް އެކަން ކުރާނޭ ގޮތް އަންގައިދީ، ގެރިބަކަރި ގެންގުޅޭނޭ މޮޅު ގޮތްތައް ދައްކައިދޭނޭ އެދުރުން ތައްޔާރުކޮށް، އެ އެދުރުން ދުރާއި ގާތަށް ފޮނުވީ އަހަރެން. އަހަރެން ކަލޭމެންނަށް ކޮށްނުދެނީ ކޮން ކަމެއް؟"

"އެކަމަކު މަ ސާހިބާ! ތިޔަބުނާ މަގުތައް ހެދީ އަހަރުމެންނަށް މަޖުބޫރުކޮށްގެން، ގަމު މަސައްކަތޭ ކިޔާ ގުލާނެއް ހިލޭ ކުރުވާން ފަތްތޫރަ އަމުރު ނެރެގެންނޭ! އެއީ ކަލޭގެ އަސްގާޑިޔާ ތަކާއި ކަލޭގެ ގަހުރަމާނުން ހިމާރު ދުއްވާން ފަސޭހަ ކުރާށޭ! ބައްތިޔަށް އަޅާ ތެޔޮ ކަލޭގެ އަތްދަށު ކުދިބޭކަލުން ގަނެ ޖަމާކޮށްފައި، އެންމެނަށް ވިއްކީ ދެގުނަ ފައިދާ ލާފަޔޭ! މި ހިސާބުގަނޑުގައި ހަނޑޫ ހައްދާ އެންމެން ކަނޑާ ގޮވާމުގެ ދިހަބައިކުޅަ އެއްބައި އައްސުން އަތުލައިގެނޭ ތިޔަބުނާ ހަމައިން އެންމެން ގަންނާނޭ ހަނޑޫ ކޮށާރުގައި ބެހެއްޓީ! ރުއްއަރާށާއި، ގޮވާން ކަނޑާށާއި، ގެރިބަކަރި ގެންގުޅޭށާއި އެ ހުރިހައި ކަމެއް ދަސްކޮށްދޭނޭ އެދުރުން ތައްޔާރުކޮށްގެން ނެރުނީ ކަލޭމެންނަށް ގުލާކޮށްދޭނޭ މީހުން ގިނަ ކުރާށޭ! އެ ނޫން ބޭނުމަކު ނޫނޭ! އެހެރިއެހެރީ ކަލޭމެން ރަސްގެދަރީން އަހަރުމެންނަށް ކޮށްދިން ހެޔޮ ކަންކަމެއް ނޫނޭ! އެއީ ކަލޭމެން ކަލޭމެންގެ ފައިދާޔަކަށްޓަކައި ގުލާނު ކުރުވާން، ނޯކިރީ ކުރުވާން މީހުން ތަމްރީނުކުރާން ކުރި ކަންކަމޭ!" ފުރަތަމަ ބޯ ބުނެލިއެވެ. "އަހަރުމެން ކިޔަމަނުގައި މަޑުން ތިބީ އެކަންކަން ނޭނގޭތީކީ ނޫނޭ!" ފުރަތަމަ ބޯ ބުނެލިއެވެ.

"އޭ! ހަރާންކޯރު ކަމީނާ ދަނޑުވެރިޔާ! ދުރަށް ދޭ! މަށާ ދުރަށް ދޭ! ކަލޭގެ ހައިސިއްޔަތުގައި، މަށަށް ވުރެ ތިރީގައި އޮންނާން ދޭ!" ދެވަނަ ކަށްބޯ ރުޅިގަދަވެގެން ގޮވައިގަތެވެ.

"އާދެ، މަސާހިބު!" ފުރަތަމަ ކަށްބޯ ބުނެލިއެވެ. "ކޮންނަ މެޝިނު ހިންގާން އޭނދަ ބިދޭސީ ކަލޭގެޔަށް އަޅުގަނޑު އަންގައިލަންތޯ، އަޅުގަނޑުމެން ދެ މީހުން މިތިބަ ހަޑި ފަސްފުނިން މަނިކުފާނުންގެ އިސްތަށިފުޅު ނަގައި، ޢިއްޒަތުގެ ދާނެއްގައި ވަޑުވާން؟" ފުރަތަމަ ބޯ ބުނެލިއެވެ. އަދި މަލާމާތުގެ ޒާތަކަށް ހީނލިއެވެ. "އެހެން ނޫނީ އަޅުގަނޑުމެންނަށް އަދިވެސް ޖެހޭނީ ދެރަ ސޮރާއި މާތް މަނިކުފާނުންނާއި ދެ މީހުންގެ ކަށްބޯ އެއްތާކު ބައިތިއްބައިގެން، އަޅުގަނޑުމެން މިހައިރު މިއީ ފުރާނަޔެއް، ޤަދަރެއް، ޢިއްޒަތެއް ނެތް، ފީ ދެ ކަށިގަނޑު ކަމުގައި ޤަބޫލުކޮށްގެން މަޑުން ތިބޭން، ދެއްތޯ؟ އުކައިލިޔަސް، އެއްލައިލިޔަސް، ޗުއްޕުވެސް ކިޔައިނުލައި ތިބޭން، އަޅެ ނޫންތޯ؟ އަޅުގަނޑުމެންނަށް މީހުން ކިޔައިއުޅުނު ނަންތަކަކީ، ދީ އުޅުނު ލަޤަބުތަކަކީ، މިތާ މިއުޅޭ ދިރިތިބި އިންސާނުންގެ ހަނދާނުގައިވެސް ނެތް މާނަޔެއް ނެތް އަކުރުތަކަކަށް ވެގެން ހިނގައްޖެ ކަން ޤަބޫލުކޮށްލައިގެން ހަނުތިބޭން، އެހެން ނޫންތޯ؟"

ދެރަ ސޮރުގެ ކަށްބޯ މި ބުނި އެއްޗަކަށް ރަސްދަރި ކަށްބޯ ދިން ރައްދު މިތާނގައި ލިޔުމަށްވުރެ ނުލިޔުން ރަނގަޅުވާނޭ ކަމަށް ފެންނާތީ، ދެބޮލުގެ އަރައިރުން ދުވަހަކުވެސް ކޮޅުންލާނޭ ކަމަށް ނުފެންނާތީ، ވާހަކަ މި ހިސާބަށް ކުރުކުރީއެވެ.

އެހެން ނޫނަސް، ކަށްބޮލަށް ވާހަކަދެއްކޭނޭ ކަމަށް ޤަބޫލުކުރުމަކީ ވެސް…. އެހެންނޫންތޯއެވެ؟