އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖަކަށް ހިސާބު އިލްމު ކިޔަވައިދެމުން ޓީޗަރު އެ ކުއްޖާ ގާތުގައި ސުވާލުކުރިއެވެ: "އަހަރެން ތިބާއަށް އެއް އާފަލާއި އަދި އެއް އާފަލު ދީފައި އޭގެ އިތުރުން އެއް އާފަލު ދިނުމުން ތިބާގެ އަތުގައި އޮންނާނީ ކިތައް އާފަލު ހެއްޔެވެ؟"
ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ވަރަށް ޔަގީންކަމާއެކު ކުއްޖާ ޖަވާބުދިނެވެ: "ހަތަރު އާފަލެވެ!"
ޓީޗަރު އެ ކަމާ ހިތާމަކުރިއެވެ. އޭނާ ހީކޮށްގެން ހުރީ މާބުރަ މަސައްކަތަކާނުލައި އެހާ ފަސޭހަ ޖަވާބެއް ކަމަށްވާ "ތިން އާފަލު"ކަމަށް ކުއްޖާ ޖަވާބުދޭނެކަމަށެވެ.
"ފަހަރެއްގައި ކުއްޖާ ރަނގަޅަށް އަޑުނޭހީކަމަށްވެދާނެއެވެ،" ޓީޗަރުގެ ހިތަށްއެރިއެވެ.
އޭނާ ދެން ކުއްޖާއަށް ސުވާލު ވިސްނައިދެވޭތޯ މަސައްކަތްކުރިއެވެ. ބުންޏެވެ: "ނިކަން ފަރުވާތެރިކަމާއެކު އަޑުއަހާށެވެ. މިއީ ވަރަށް ސީދާސާދާ ސުވާލެކެވެ. ތިބާ ރަނގަޅަށް ކަނުލައި އަޑުއަހައިފި ނަމަ ރަނގަޅު ޖަވާބު އިސާހިތަކު ލިބޭނެއެވެ. ސުވާލަކީ މިއެވެ: އަހަރެން ތިބާއަށް އެއް އާފަލު އަދި އެއް އާފަލު އަދި އެއް އާފަލު ދީފި ނަމަ، ތިބާގެ އަތުގައި އޮންނާނީ ކިތައް އާފަލު ހެއްޔެވެ؟"
ކުއްޖާއަށް އޭނާގެ ޓީޗަރުގެ މޫނުމަތިން ހިތާމައިގެ އަސަރު ފެނުނެވެ. ދެން އޭނާ އިނގިލިތައް ބޭނުންކޮށްގެން އަލުން ގުނިއެވެ. ނަމަވެސް މި ފަހަރު އޭނާ ބަލަން ފެށީ އޭނާގެ ޓީޗަރު އުފާވާނެ ޖަވާބަކީ ކޮބައިތޯއެވެ. ޖެހިލުންވެ ހުރެ ކުއްޖާ ޖަވާބުދިނެވެ: "އަހަރެންގެ އަތުގައި އޮންނާނީ ހަތަރު އާފަލެވެ."
ޓީޗަރުގެ މޫނުމަތީގައިވާ މޮޅިވެރިކަމަށް ބަދަލެއްނައެވެ.
ޓީޗަރު ދެން ހަނދާންވީ ކުއްޖާއަށް ސްޓްރޯބެރީ ކަމުދާކަމެވެ. ޓީޗަރުގެ ހިތަށް އެރީ ކުއްޖާއަށް އާފަލު ކަމުނުދަނީކަމެވެ. އަދި ސުވާލަށް ސަމާލުކަން ނުދެވެނީ މިހެންވެކަމަށެވެ. ދެން ވަރަށް އުފާވެފައިވާ ރާގަކަށް ޓީޗަރު ސުވާލުކުރިއެވެ: "އަހަރެން ތިބާއަށް އެއް ސްޓްރޯބެރީ އަދި އެއް ސްޓްރޯބެރީ އަދި އެއް ސްޓްރޯބެރީ ދީފި ނަމަ، ތިބާގެ އަތުގައި އޮންނާނީ ކިތައް ސްޓްރޯބެރީ ހެއްޔެވެ؟"
ޓީޗަރު އުފާވެފައި ހުރި ތަން ފެނިފައި ކުއްޖާ އޭނާގެ އިނގިލިތައް ބޭނުންކޮށްގެން އަލުން ގުނައިލިއެވެ.
މި ފަހަރު ކުއްޖާއަށް ޕްރެޝަރެއް ނެތެވެ. ނަމަވެސް ޓީޗަރަށް ކުޑަ ޕްރެޝަރެއް އޮތެވެ. ސަބަބަކީ މި އާ އުކުޅު ކާމިޔާބުވުމަށް ޓީޗަރު އެދޭތީއެވެ.
ޖެހިލުންވެ ހުރެ، ނަމަވެސް ހިނިތުންވުމަކާއެކު، ކުއްޖާ ބުންޏެވެ: "ޖަވާބަކީ ތިނެއް ހެއްޔެވެ؟"
ކާމިޔާބީގެ ހިނިތުންވުމެއް ޓީޗަރުގެ މޫނަށް ވެރިވިއެވެ. އޭނާގެ އުކުޅު ކާމިޔާބުވުމުންނެވެ. ޓީޗަރު އަމިއްލަ ނަފުސަށް މަރުހަބާކިޔަން ބޭނުންވިއެވެ. ނަމަވެސް އަދި އެއް ކަމެއް ފުރިހަމަނުވެ އޮތެވެ. ޓީޗަރު ކުއްޖާގެ ގާތުގައި އަލުން ސުވާލުކުރިއެވެ: "މިހާރު އަހަރެން ތިބާއަށް އެއް އާފަލު އަދި އެއް އާފަލު އަދި އިތުރު އެއް އާފަލު ދީފި ނަމަ ތިބާގެ އަތުގައި އޮންނާނީ ކިތައް އާފަލު ހެއްޔެވެ؟"
ވަގުތުން ކުއްޖާ ޖަވާބުދިނެވެ: "ހަތަރެކެވެ!"
ޓީޗަރަށް ލިބުނީ ސިހުމެކެވެ. އަދި ނުރުހުމާއި ރުންކުރު ރާގަކަށް ކުއްޖާއާ ދިމާއަށް ބުންޏެވެ: "ބުނެބަލާށެވެ. އެއީ ކިހިނެތް ހެއްޔެވެ؟"
ވަރަށް މަޑުމައިތިރި އަޑަކުން، ޖެހިލުންވެ ހުރެ، ކުއްޖާ ޖަވާބުދިނެވެ: "ސަބަބަކީ އަހަރެންގެ ދަބަހުގެ ތެރޭގައި މިހާރު ވެސް އެއް އާފަލު އެބައޮތެވެ."
މި ކުރު ވާހަކައިން ލިބޭ އިބުރަތްތެރި ފިލާވަޅަކީ މިއެވެ:
ތިބާ އުއްމީދުކޮށްގެން ހުރި ޖަވާބާ ތަފާތު ޖަވާބެއް ތިބާ ސުވާލުކުރި މީހާ ދިނަސް އޭގެ މާނައަކީ އެ މީހާ ހުރީ އަދި ނުބައި މަގަކު ނޫންކަމެވެ. ތިބާއަށް ފަހުމް ނުވާ ކަމެއް އޮތީ ކަންނޭނގެއެވެ. ތަފާތު ނަޒަރިއްޔާތުތައް ބަލައިގަންނަން ދަސްކޮށް، އެ ކަންކަން ފަހުމްވުމަކީ ބޭނުންތެރި ކަމެކެވެ. ވަރަށް ގިނަ ފަހަރަށް އަހަރެމެންނަށް މަސައްކަތްކުރެވެނީ އަހަރެމެންގެ އަމިއްލަ ނަޒަރިއްޔާތު އެހެން މީހުންގެ މައްޗަށް ހިންގުމަށެވެ. ދެން، ނުބައި ނަތީޖާއެއް ނިކުތީ ކީއްވެކަމާމެދު އަހަރެމެން ވިސްނަން ފަށައެވެ. ދެން ފަހަރަކުން ތިބާގެ ނަޒަރިއްޔާތާ ތަފާތު ނަޒަރިއްޔާތެއް މީހަކު ހުށަހަޅައިފި ނަމަ އޭނާއާއެކު އިށީނދެ، މަޑުމައިތިރިކަމާއެކު އޭނާއަށް ބުނާށެވެ: "ތިޔަ ނަޒަރިއްޔާތު އަހަރެންނަށް ފަހުމްކޮށްދީފާނަން ހެއްޔެވެ؟"
ނޯޓު: ތަރުޖަމާއެއް



advertisment